Roadha Mihaaru
މަލާލާ ކައިވެނިކޮށްފި

ނޯބެލް ސުލްހައިގެ އިނާމު ހޯދި މަލާލާ ކައިވެނިކޮށްފި

11 ނޮވެމްބަރ 2021

އަންހެން ކުދިންގެ ތައުލީމަށް ވަކާލާތު ކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އަދި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލު ކޮށްފައިވާ މަލާލާ ޔޫސުފްޒާއީ އަންގާރަ ދުވަހު ކައިވެނި ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެން ކުދިންގެ ތައުލީމަށް ވަކާލާތު ކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އަދި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލު ކޮށްފައިވާ މަލާލާ ޔޫސުފްޒާއީ އަންގާރަ ދުވަހު ކައިވެނި ކޮށްފި އެވެ.

ޕާކިސްތާނަށް އުފަން 24 އަހަރުގެ މަލާލާ ކައިވެނިކުރީ އޭނާ މިހާރު ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގަ އެވެ. ބާމިންހަންގައި އާއިލާއާ އެކީ އުޅޭ ގޭގައި ބޭއްވި އާދައިގެ ކުޑަކުޑަ ހަފުލާއެއްގައި ބޭއްވި ކައިވެނީގެ ބައެއް ފޮޓޯތައް ވެސް މަލާލާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، އޭނާގެ ހަޔާތުގެ އާ ދަތުރަށް ހެޔޮ ދުއާކޮށް ދިނުމަށް އެދިފައިވެ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީން މިދިޔަ އަހަރު ފިލޯސަޕީ، ޕޮލިޓިކްސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލުކުރި މަލާލާގެ ހަޔާތުގެ ބައިވެރިޔަކީ ޕާކިސްތާނަށް އުފަން އައްސާރު މަލިކެވެ. ނަމަވެސް ފިރިމީހާއާ ބެހޭ އެއްވެސް ތަފުސީލެއް މަލާލާހާ ހިއްސާ އެއްނުކުރެ އެވެ.

ބައެެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އައްސާރަކީ ޕާކިސްތާންގެ ކްރިކެޓް ބޯޑްގެ ހައި ޕަފޯމަންސްގެ ޖެނެރަލް މެނޭޖަރެވެ.

މިހާރު ދުނިޔޭގެ އެންމެ ނުޒޫފު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ މަލާލާ އަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އުފަން ގައުމުގެ އަންހެން ކުދިންނަށް ތައުލީމު ހޯދައި ދިނުމަށް ކުރަމުން އައި މަސައްކަތްތަކާ ގުޅިގެން ހަރުކަށި ތާލިބާނުންގެ ބަޔަކު 2012 ގައި މަލާލާ އަށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެންނެވެ.

އެ ހަމަލައާ ގުޅިގެން އޭނާ ފަރުވާ ހޯދަން އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އުޅެނީ އެ ގައުމުގަ އެވެ.

ނޯބެލް ސުލްހައިގެ އިނާމު 2014 ގައި ލިބުނު މަލާލާ ކައިވެނި ކޮށްފައި މި ވަނީ ދާދި ފަހުން ވޯގް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ކައިވެންޏާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.