Roadha Mihaaru
އޮންލައިންކޮށް ދިމާވެ ކުރާ ކައިވެނިތައް ރޫޅުން އާންމު

އޮންލައިންކޮށް ދިމާވެ ކުރާ ކައިވެނިތައް ރޫޅުން އާންމު

02 ނޮވެމްބަރ 2021

އޮންލައިންކޮށް ދިމާވެ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރާ މީހުންގެ ކައިވެނި އެ ނޫން މީހުންނާ އަޅާބަލާ އިރު ރޫޅުމުގެ ފުރުސަތު ހަ ގުނަ ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮންލައިންކޮށް ދިމާވެ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރާ މީހުންގެ ކައިވެނި އެ ނޫން މީހުންނާ އަޅާބަލާ އިރު ރޫޅުމުގެ ފުރުސަތު ހަ ގުނަ ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގެ މެރިޖް ފައުންޑޭޝަންގެ ދިރާސާ އިން ދައްކާ ގޮތުގައި އޮންލައިންލޮށް ދިމާވެގެން ކައިވެނިކުރާ މީހުންގެ 12 ޕަސަންޓަކީ އެ މީހުންގެ ކައިވެންޏަށް ތިން އަހަރު ވެސް ނުވަނީސް ރޫޅޭ ކައިވެނިތަކެވެ. އަދި މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބަކީ އެކަކު އަނެކަކު ރަނގަޅަށް ދަސްވެފައި ނެތުމުން އޮންނަ ބީރައްޓެހިކަމާ އެކު ކުރިމަތިވާ އެކި އެކި ކަހަލަ މައްސަލަތަކެވެ.

ދިރާސާ އިން ދައްކާ ގޮތުގައި އޮންލައިންކޮށް ދިމާވެގެން ކައިވެނިކުރާ މީހުންގެ ބަދަލުގައި އެންމެ ކުރީގެ ގޮތަށް ދިމާވެ، އެކަކު އަނެކަކާ ޖިސްމާނީ ގޮތުން ބައްދަލުވެވި އުފެދޭ ގުޅުންތައް މާ ބޮޑަށް ވެސް ވަރުގަދަ އެވެ. އަދި އެފަދަ ގުޅުންތަކުގައި ގިނަ ފަހަރަށް ކައިވެންޏަކާ ހަމައަށް ދަނީ ދެ މީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެ، ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ހަރުދަނާވާ ފަހުންނެވެ.

އެހެންވެ މި ޒަމާނުގައި އޮންލައިންކޮށް ދިމާވެ ކުރާ ކައިވެނިތައް އިތުރުވަމުން ދިޔަޔަސް، އެފަދަ ގިނަ ކައިވެނިތައް ކާމިޔާބު ނޫން ދިރާސާ އިން ދައްކަ އެވެ.

ދިރާސާގެ ނަތީޖާ އަށް އިޝާރާތްވކުރައްވައި މެރިޖް ފައުންޑޭޝަންގެ ރިސާޗް ޑިރެކްޓަރު ހެރީ ބެންސަން ވިދާޅުވި އޮންލައިންކޮށް އުފެދޭ ގުޅުންތަކުގައި ވަރަށް ގިނަ ބާގަނޑު ހުންނަ ކަމަށެވެ. އެގޮތުން ދޭދޭ މީހުންގެ އަސްލު ހަގީގަތް ސާފުނުވުމުގެ މައްސަލަ އާއި ފޭސް-ޓު-ފޭސްކޮށް ބައްދަލު ނުވުމުން ދެ މީހުން އެކަކު އަނެކަކަށް ދަސްކުރަން ދަތިވުމާއި އިތުބާރުގެ މައްސަލަ ވެސް ހިމެނެ އެވެ.

"އެހެންވެ އޮންލައިންކޮށް އުފެދޭ ގުޅުންތަކުގައި ގިނަ ފަހަރަށް ރައްޓެއްސެއް ނުވަތަ އާއިލާގެ މީހެއްގެ ހިއްސާއެއް ވެސް ނޯންނާނެތީ އެ ގުޅުމުގައި ގިނަ ފަހަރަށް ހުރޭ ވަރަށް ގިނަ އުނދަގޫތައް." ހެރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަށް އޮތް އެންމެ ބޮޑު އެއް ހައްލަކަށް ވާނީ އޮންލައިންކޮށް ގުޅޭ މީހަކީ ވެސް ކާކުކަން ގާތް މީހުންނަށް ވެސް ކިޔައިދީ ބައްދަލުވެވޭނެ ގޮތްތަކެއް ހޯދުމެވެ. އެގޮތުން ރައްޓެހިންނާއި އާއިލާގެ މީހުންނާ އެ މީހަކާ ބައްދަލުވެ، ގާތްކަން އުފެދޭ މިންވަރަކުން އެ މީހެއްގެ ހަގީގަތް ސާފުވާން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

އުމުރުން 30-35 އާ ދެމެދުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ދިރާސާ އިން ދައްކާ ގޮތުގައި އޮންލައިންކޮށް ދިމާވެ ކައިވެނިކުރި މީހުންގެ ތެރެއިން 17 ޕަސެންޓް މީހުން ބުނެފައި ވަނީ އެ މީހުންގެ ކައިވެނި ފުރަތަމަ 10 އަހަރުގެ ތެރޭގައި ރޫޅިފައިވާ ކަމަށެވެ. އެކަމަކު ވަރީގެ ނިސްބަތް އެ ނޫން މީހުންގެ މެދުގައި ހުރީ 10 ޕަސަންޓްގަ އެވެ.

ޑިވޯސް ކޯޗެއް ކަމަށްވާ ސާރާ ޑޭވިސަން ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ވަރަށް ގިނަ މީހުންނަކީ އޮންލައިން އެކިއެކި ޕްލެޓްފޯމްތަކާއި ޑޭޓިން ވެބްސައިޓްތައް މެދުވެރިކޮށް ބައިވެރިން ހޯދާ މީހުންނެވެ. އަދި މިގޮތަށް އުފެދޭ ގުޅުންތަކުން ކުރެވޭ ކައިވެނިތައް ވެސް އިތުރުވާތީ، އެފަދަ ވަރީގެ ނިސްބަތް ވެސް އިތުރު ވަމުންދާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ބައިވެރިން ހޯދުމުގައި ވަރަށް ބޮޑަށް އޮންލައިނަށް ބަރޯސާވެވޭތީ 2035 އާ ހަމައަށް އަންނަ އިރު، އެގޮތޮށް ބައިވެރިން ހޯދާ މީހުންގެ އަދަދު 50 ޕަސެންޓަށް އިތުރުވެގެން ދާނެ އެވެ.