Roadha Mihaaru

އިންޑިއާގެ ވީސީއެލް ގުރޫޕުން ރާއްޖޭގައި ލަގްޒަރީ އެޕާޓުމަންޓް ރެޒިޑެންސެއް ހަދަނީ

އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓު ރޭ އިފުތިތާހުކޮށްފި އެވެ.

ލަގްޒަރީ ރެޒިޑެންޝަލް "ބްލޫ ލެގޫން" އިފުތިތާހުކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

12 އޯގަސްޓް 2025

އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓު ރޭ އިފުތިތާހުކޮށްފި އެވެ.

ހުޅުމާލެ 2 ގައި ހަދާ މި އިމާރާތުގެ ޕްރޮޖެކްޓު އިފުތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެ ކުންފުނީގެ ޗެއާމަން ވަރިންދާ ގާގް އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރެވެ.

ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވީސީއެލް ގްރޫޕުގެ ޗެއާމަން ވަރިންދާ ގާގް ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ކަމަށެވެ. ވީސީއެލް ގުރޫޕް އުފެއްދީއްސުރެ، އިންޑިއާ އިން ބޭރަށް މަސައްކަތްތައް ފުޅާކުރުމުގެ ތަސައްވުރެއް ގެންގުޅުނު ކަމަށާއި އެ ކުންފުނީގެ ފުރަތަމަ ގްލޯބަލް ޕްރޮޖެކްޓަކީ މޮރިޝަސްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާގް ވިދާޅުވީ ވީސީއެލް ގުރޫޕްގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ވަގުތަށް ނިންމުމަށް ކަމަށާއި މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް ކަމަށެވެ.

އިންޑިއާގެ ވީސީއެލް ގުރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓު ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓް ރޭ އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންޑިއާގެ ވީސީއެލް ގުރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓު ރެޒިޑެންސް "ބްލޫ ލެގޫން" ޕްރޮޖެކްޓް ރޭ އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބްލޫ ލެގޫންއަކީ ކޮބާ؟

ވީސީއެލް ގުރޫޕްގެ "ބްލޫ ލެގޫން" އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް އާކިޓެކްޗާ ފާމް، ހަފީޒް ކޮންޓްރެކްޓަރުން ޑިޒައިން ކޮށްފައިވާ އިމާރާތެކެވެ. އެ ތަން ޑިޒައިން ކޮށްފައި ވަނީ ޖާގަ ތަނަވަސް އެޕާޓްމަންޓުތަކަކާއި ހިތްހަމަޖައްސައި ލުމަށް ބޭނުން ކުރާނެ ގިނަ ވަސީލަތްތަކަކާ އެކު އެވެ.

އެ އިމާރާތުގެ އެޕާޓްމަންޓުތަށް ގުދުރަތީ އަލި ފުރިހަމަ އަށް ލިބޭނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ބޮޑު ސުވިމިންޕޫލަކާ އެކު ގާޑަންއަކާއި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ހަދާނެ އެވެ. އަދި އެ ތަނުގައި ޑޭކެއާ ސެންޓަރަކާއި ކުޑަކުދިން ކުޅޭނެ ތަނަކާއި މަލްޓި ޕާޕަސް ހޯލާއި ފިލްމު ބަލަން ތިއޭޓަރެއްގެ އިތުރުން ޖިމެއް ވެސް ހުންނާނެ އެވެ. މި އިމާރާތުގައި 15،000 އަކަފޫޓުގެ ކްލަބް ހައުސްއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދެ ޓަވަރެއް ހިމެނޭ ގޮތަށް ހަދާ މި އިމާރާތަކީ ރާއްޖޭގައި ހަދާ މިފަދަ އެންމެ ބޮޑު އެއް އިމާރާތަށް ވާނެ އެވެ. މި ތަނުގައި ޕްރައިވެސީ އިސްކަންދިނިމުގެ ގޮތުން ލޮބީއަށް ވަކިން ވަދެވޭނެ އެންޓްރެންސަކާއި ކޮންމެ ޓަވަރެއްގައި ހަ ލިފްޓު ވެސް ބަހައްޓާނެ އެވެ.

ބްލޫ ލެގޫން އިމާރާތުގެ ތައާރަފެއް ރޭ ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބްލޫ ލެގޫން އިމާރާތުގެ ތައާރަފެއް ރޭ ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ.

"ބްލޫ ލެގޫން"ގެ އެޕާޓުމަންޓުތަކުގެ ތެރެއިން 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ވިއްކަން ފަށާ އަގަކީ 3.6 މިލިއަން ރުފިޔާ އެވެ. އަދި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 3.9 މިލިއަން ރުފިޔާ އެވެ. ކުރިމަގުގައި ހިތްގައިމު މި އިމާރާތުގެ 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 4.5 މިލިއަނެވެ. އަދި 1،795، 1،825 އާއި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 6.1 މިލިއަން ރުފިޔާ އެވެ.

"ބްލޫ ލެގޫން" އަކީ ވީސީއެލް ގްރޫޕުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ރެސިޑެންޝަލް މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ އެއް މަޝްރޫ އެވެ. މި ކުންފުނިން 1987 ވަނަ އަހަރުން ފެށިގެން ރެސިޑެންޝަލް ކޮމްޕްލެކްސްތަކާއި މޯލްތަކުގެ އިތުރުން ހޮސްޕިޓަލުތަކާއި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

ވީސީއެލްއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި ހިންގާ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާއި ހަވާލުކުރި 11 ޓަވަރުގެ މަސައްކަތް ކުރި ކުންފުނި ވެސް މެ އެވެ.