Roadha Mihaaru
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި

ޓާޓާ އިން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ހުޅުވާލައިފި

03 ޖުލައި 2022

ކުރީގެ އޯޑިއޯން ސިނަމާގެ ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓްތައް ގަތުމަށް ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ އޯޑިއޯން ސިނަމާގެ ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓްތައް ގަތުމަށް ހުޅުވާލައިފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަސައްކަތް ފެށި އެ ފްލެޓްތައް ގަތުމަށް ހުޅުވާލިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

"ލަގްޒަވަން- އޯޑިއޯން" ގެ ނަމުގައި ހަދާ އެ ފްލެޓް ގަންނަ ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން 100،000ރ. ދައްކަން ޖެހެ އެވެ. ފްލެޓްގެ ބާކީ ފައިސާ ދައްކަން ޖެހެނީ އެ ތަނުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް ބަހާލައިގެންނެވެ.

ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ބޮޑު މިނަކީ 415.17 އަކަފޫޓެވެ. އެ ފްލެޓްތަކުގެ އަގަކީ 2.3 މިލިއަން ރުފިޔާ އެވެެ.

ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ތެރޭގައި 1048.09 އަކަފޫޓާއި 982 އަކަފޫޓުގެ ތަންތަން ހިމެނެ އެވެ. އެ ތަންތަނުގެ އަގު އުޅެނީ 4-5 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ދެން އެ އިމާރާތުގައި ހިމެނެނީ ތިން ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ގޮތަށް ހަދާ އެޕާޓްމަންޓްތަކެކެވެ. އެއީ 1141.85 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގެ އަގު އުޅެނީ 5.6 މިލިއަން ރުފިޔާގަ އެވެ.

ޓާޓާގެ އިމާރާތުގެ ފްލޯ ޕްލޭން.

ޓާޓާގެ އިމާރާތުގެ ފްލޯ ޕްލޭން.

އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރަނީ މާޗު 2025 އަށެވެ. މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާއިރު ލިފްޓް ހަރުކޮށް، ފަރުނީޗަރު ވެސް ހުންނާނެ އެވެ. އަދި އިމާރާތުގެ ތިރީގައި ފިހާރަތައް ހަދައި ފަސޭހައިން ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ އިމާރާތުގެ ޓެރަސްގައި ޕޫލާއި ޗޭންޖިން ރޫމް އަދި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ އެވެ. އަދި ޖިމަކާއި ޔޯގާ ސެންޓަރެއް ވެސް ހިމެނެ އެވެ. އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި އެކި ވިޔަފާރިތައް ހުޅުވާ ގޮތަށް ހަމަޖައްސާފައިވާއިރު މީހުން އުޅޭނީ ބާކީ ނުވަ ފްލޯގަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާ އެކު 555 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހެދި އެއްބަސްވުން ބާތިލުކުރުމުން 200 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން ވަނީ އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ.

އެކަމަކު އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސަރުކާރުން ގަބޫލުކުރާނީ އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް މައްސަލަ ހައްލުކުރީ އެވެ. އެ ކުންފުންޏަށް ކުރިން ދިން ތަންތަން އަލުން ދިނުމަށް އެއްބަސްވި އެވެ. އެ އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރުމުން އޭގެ ބަދަލުގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ބިމެވެ. އަދި ރިސޯޓެއް ހަދަން ޅ. ޅޮއްސިލަފުށި ވެސް އެ ކުންފުންޏަށް ދިނެވެ.