Roadha Mihaaru

ނުހަދާ ފްލެޓްތަކަށް ފައިސާ ނެގުން ހުއްޓުވޭނީ އެސްކްރޯ އެކައުންޓަކުން: އެޗްޑީސީ

22 ނޮވެމްބަރ 2021

ހުޅުމާލޭގައި އިމާރާތްކުރާ ލަގްޒަރީ ފްލެޓްތައް އެޑްވާންސްކޮށް ވިއްކާއިރު، ބުކިން ފީގެ ގޮތުގައި ފްލެޓްގެ އަގުގެ ބޮޑު އަދަދެއް ނަގާ މައްސަލަ ހައްލު ކުރެވޭނީ ފްލެޓް ގަންނަ މީހުން ޑިވެލޮޕަރަށް ދައްކާ ފައިސާގެ ތަފުސީލް އެޗްޑީސީ އަށް ވެސް ފެންނަ ގޮތަކަށް ހަމަޖެހިގެން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި އިމާރާތްކުރާ ލަގްޒަރީ ފްލެޓްތައް އެޑްވާންސްކޮށް ވިއްކާއިރު، ބުކިން ފީގެ ގޮތުގައި ފްލެޓްގެ އަގުގެ ބޮޑު އަދަދެއް ނަގާ މައްސަލަ ހައްލު ކުރެވޭނީ ފްލެޓް ގަންނަ މީހުން ޑިވެލޮޕަރަށް ދައްކާ ފައިސާގެ ތަފުސީލް އެޗްޑީސީ އަށް ވެސް ފެންނަ ގޮތަކަށް ހަމަޖެހިގެން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ފްލެޓްތަކުގެ ބިންގާ އެޅުމުގެ މާ ކުރިން އެ ތަންތަން ވިއްކަމުން ދާތީ އެތައް ބަޔަކަށް ލަނޑު ލިބިފައިވާއިރު، އެޗްޑީސީއާ އެކު ހަދާ އެއްބަސްވުން ބުނާ ގޮތުން އިމާރާތުގެ 20 ޕަސެންޓް ނުނިމެނީސް އިތުރަށް އެއްވެސް ފައިސާއެއް ނުނެގެ އެވެ. އެކަމަކު ބައެއް މީހުންް ހުރީ އެޑްވާންސްކޮށް ފައިސާ ދައްކައި، ނުވެސް ހަދައި ހުރި ތަންތަން ގަނެ ނިންމައިފަ އެވެ.

އެޗްޑީސީގެ އެއްބަސްވުމާ ހިލާފަށް ބޮޑެތި އަދަދުތަކުން ހިތު ހުރި ގޮތަކަށް ބައެއް ޑިވެލޮޕަރުން ފައިސާ ނަގާ މައްސަލައާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އިއްޔެ ވިދާޅުވީ، އެ ކުންފުނިން ލަފާކުރާ އަގަށް ވުރެ ބޮޑުކޮށް ލަގްޒަރީ ފްލެޓްތައް ވިއްކަމަށް މެދުވެރިވަނީ އެ މޮޑެލް އަށް އިމާރާތްކުރާ ފްލެޓްތައް މަދުވެ، އޭގެ ޑިމާންޑް ބޮޑުވާތީ ކަމަށެވެ. އަދި ކިތަންމެ ބޮޑު އަގެއް ދީގެން ވެސް އެ ތަންތަން ގަތުމަށް ފައިސާ ދައްކާ މީހުން ތިބުމަކީ ވެސް އިތުރަށް ފައިސާ ނަގާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޑް ޔޫޒާ ފައިނޭންސިން" މޮޑިއުލްގެ ދަށުން ފްލެޓްތައް އިމާރާތް ކުރަނީ ބޭންކުތަކުގެ ފައިނޭންސާ އެކު ކަމަށް ވިޔަސް އެ ތަންތަނަށް ހޭދަކުރާ ފައިސާ ނަގަނީ ސީދާ ޑިވެލޮޕަރެވެ.

އާތިފް ވިދާޅުވީ އެކަމުގެ ހައްލަކީ "އެސްކްރޯ ކުރުން" ނުވަތަ އެ ފައިސާ ބަހައްޓަން ހާއްސަ އެކައުންޓެއް އެޗްޑީސީ އަށް ވެސް ބެލޭ ގޮތަށް ހުޅުވުން ކަމަށެވެ. އޭރުން ޑިވެލޮޕަރާއި އެޗްޑީސީ އަދި ބޭންކުތަކާއި އެހެން ފައިނޭންސިން ޕާޓީތަކާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަމާ ގުޅޭ މަޝްވަރާތައް މަރުކަޒީ ބޭންކް އެމްއެމްއޭއާއެކު ކޮށްފައިވާ ކަމަށް ވެސް ޑީއެމްޑީ ވިދާޅުވި އެވެ.

"އެ ޑިސްކަޝަންތައް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ކުރިއަށް ހުރި ޕްރޮޖެކްޓްސްތަކަށް ނެރެވޭނެ ކަމަށް މި ބަލަނީ،" އާތިފް ވިދާޅުވި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އާތިފް، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އާތިފް، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިހާރު ހަމަޖައްސާފައިވާ ގޮތުން ސޭލްސްއާ ގުޅޭ ހުރިހާ ކަމެއް ޑިވެލޮޕަރު ކުރާއިރު، އެޗްޑީސީގެ ޒިންމާއަކީ އެ ބިމަކަށް އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މުއާމަލާތުތައް ބެލެހެެއްޓުމެވެ. އެހެންވެ، ފައިސާގެ އެހެން މުއާމަލާތުތަކާ ގުޅޭ އެހެން ޝަކުވާތައް ލިބުނަސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނަ ކަމަށް އާތިފް ވިދާޅުވި އެވެ.

ފްލެޓްތައް ގަންނަ މީހުންނާއި ޑިވެލޮޕަރާއެކު ކުރާ ފައިސާގެ މުއާމަލާތުތައް އެޗްޑީސީ އަށް ފެންނަ ގޮތަށް ހެދުމުން، ޕްރޮޖެކްޓް ފެއިލްވާ ހާލަތުތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓް ފެއިލްވާއިރު މީހުން ކޮމްޕްލެއިން ކުރީމާ ދެކޮޅަަށް ވެސް ފެންނާނެ ޕޭމަންޓް ދައްކަމުން އައި މައުލޫމާތުތައް. އެއީ ކޭޝްކޮށް ދައްކަމުން އައި ކަމުގައި ވިޔަސް، އެޗްޑީސީ އާއި ޑިވެލޮޕާއާ އިންނަ އެކައުންޓަކަށް ވީމާ، ކޮމްޕްލެއިނެއް އަޔަސް ފެންނާނެ ޖޮއިންޓް އެކައުންޓެއްވީމާ،" ބުކިން ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލައިގެ ހައްލާ ގުޅޭ ގޮތުން އާތިފް ވިދާޅުވި އެވެ،

"ފުލްކޮށް ޕޭކުރާ ފަހުން ޕްރޮޖެކްޓް ޑިލޭވީމާ އާންމުން އެބަ ކަންބޮޑުވުން ފާޅުކުރޭ. މޮނިޓަރިން ލެވެލްއެއްގައި އޭރުން ކޮންޓްރޯލް ކުރެވިދާނެ. މިހާރު ވެސް ކޮމްޕެއިން އާދޭ. އެކަމަކު ސީދާ ބެލޭނެ ގޮތެއް ނޯވޭ. އެކަމަކު މޮނިޓާކުރަން ފެށުނީމާ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ،" އޭނާ ވިދާޅުވި އެވެ.

ހ

ބިދޭސީންތަކެއް އިމާރާތެއްގެ މަސައްކަތްކުރަނީ: އެޗްޑީސީން ހުއްދަ ދީގެން އަމިއްލަ ފަރާތްތަކުން ހަދާ ލަގްޒަރީ އެޕާޓްމަންޓުތަކަށް އެއްބަސްވުމާ ހިލާފަށް އިތުރަށް ފައިސާ ނަގާ މައްސަލަ ބޮޑު.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިދޭސީންތަކެއް އިމާރާތެއްގެ މަސައްކަތްކުރަނީ: އެޗްޑީސީން ހުއްދަ ދީގެން އަމިއްލަ ފަރާތްތަކުން ހަދާ ލަގްޒަރީ އެޕާޓްމަންޓުތަކަށް އެއްބަސްވުމާ ހިލާފަށް އިތުރަށް ފައިސާ ނަގާ މައްސަލަ ބޮޑު.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ފްލެޓްތައް ވިއްކަން އިއުލާނުކުރާ ތަނުން އެ ތަންތަން ގަންނަން ދިގު ކިޔޫއެއް އޮވެ އެވެ. ޑިވެލޮޕަރު އިސްކަން ދެނީ އެޑްވާންސް ފައިސާ ގިނައިން ދޭ ބަޔަކަށް ކަމަށް ކަމަށް ފްލެޓް ގަތް ބައެއް މީހުން ބުނެ އެވެ. އިތުރަށް މީހުން ފައިސާ ދައްކަނީ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކުރަން ކަމަށް ބެލެވެ އެވެ.

އިމާރާތް ކުރުމުގެ ކުރިން ފްލެޓްތައް ވިއްކައި، އެތަންތަން ނުނިމިގެން އެތައް ބައިވަރު މައްސަލަތަކެއް މިހާރު ވެސް އޮތީ ކުރިމަތިވެފަ އެވެ. ބައެއް ތަންތަން ނުނިމި ހަތް އަހަރު ވަރަކަށް އަހަރު ވެފައިވާ ތަންތަންް ވެސް އެބަހުއްޓެވެ.