Roadha Mihaaru
އެއްބަސްވުން ބާތިލު ކުރުމަކީ ހައްލެއް ނޫން: އެޗްޑީސީ

ފްލެޓް އެއްބަސްވުން ބާތިލުކުރުމަކީ މަސައްކަތް އަވަސްވާނެ ކަމެއް ނޫން: އެޗްޑީސީ

19 އޮކްޓޯބަރ 2022

އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވިޔަސް އެ ތަންތަނުގެ މަސައްކަތުގެ 80 ޕަސެންްޓް މިހާރު ނިންމާފައިވަނިކޮށް، ކުއްލިއަކަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ކަމެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަމިއްލަ ކުންފުނިތަކުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވިޔަސް އެ ތަންތަނުގެ މަސައްކަތުގެ 80 ޕަސެންްޓް މިހާރު ނިންމާފައިވަނިކޮށް، ކުއްލިއަކަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ކަމެއް ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ 1 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ލަސްވެފައިވާ ހަތަރު މަޝްރޫއެއްގެ އެޕާޓްމަންޓްތަކަށް ނޫސްވެރިން ގެންދިއުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ، ކޮންޓްރެކްޓަރު އަމިއްލަ އަށް ފައިނޭންސް ހޯދައިގެން ހިންގާ އެ މަޝްރޫއުތައް ލަސްވެފައި ވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ކޮވިޑާ ގުޅިގެންނާއި ފައިސާ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވިގޮތުގައި ލަސްވެފައިވާ ހަތަރު މަޝްރޫއުގެ ވެސް 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

"އެކި މައްސަލަތައް ދިމާވެ އެ ތަންތަނުގައި އުޅެވޭނެ ކަމަށް ޑިވެލޮޕަރުން ދިން މުއްދަތު ވަނީ ފަހަނަ އަޅާފައި،" އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމުން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ މަހުގެ ހަތަރެއްގައި އައްޔަން ކޮށްފައިވާ އާތިފު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެ މަޝްރޫއުތަކަށް ބިން ދެނީ ކޮންޓްރެކްޓަރުން އަމިއްލަ އަށް ފައިސާ ހޯދައިގެން އެޗްޑީސީން ދީފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ މީގެ ކުރިން އެގޮތަށް ހަވާލު ކޮށްފައިވާ ގިނަ މަޝްރޫއުތަކެއް މުއްދަތަށް ނިމިފައިވިޔަސް މިހާރުގެ މަޝްރޫއުތައް އެކި ސަބަބުތަކާ ހުރެ ނުނިމި ދިގުލައިގެންގޮސްފައިވާ ކަމަށެވެ.

"މި ކޮންޓްރެކްޓަރުންނަށް ކޮވިޑާ ހެދި ވެސް އެބަ ހުރި މަސައްކަތްތައް ލަސްވެފައި. އަދި ފައިނޭންސް ހޯދުމުގައި ވެސް ލަސްވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އާތިފު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ނިންމައި އަންނަ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީއާ ދެމެދު ހަވާލު ކުރަމުން ގެންދާނެ އެވެ.

އައިރާ އެޕާޓްމަންޓެއްގެ ބަދިގެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އައިރާ އެޕާޓްމަންޓެއްގެ ބަދިގެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަމަވެސް އެ ތަންތަން ނުނިމި ދިގުލައިގެންދާއިރު، ކޮންޓްރެކްޓަރާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކުރި ސުވާލެއްގައި އާތިފު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަކީ މަސައްކަތް އަވަސްވާނެ ސަބަބެއް ކަމަށް އެޗްޑީސީން ގަބޫލުނުކުރާ ކަމަށެވެ.

"ޕްރޮޖެކްޓްތައް ޓާމިނޭޓް ކުރުމަކީ މި މަސައްކަތްތައް އަވަސްވާނެ ކަމެއް ކަމަށް އެޗްޑީސީއަކަށް ނުފެނޭ. އައްޑިހަ ޕަސެންޓަށް މަސައްކަތް ނިންމާފައި ހުރި އިރު މަސައްކަތް ހުއްޓުވުމަކީ އެންމެންގެ މަސްލަހަތަށް އެންމެ ރަނގަޅު ހައްލުކަމަށް ނުފެނޭ،" އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން އެ ތަނުން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތް ލަސްވެފައެއް ނެތެވެ.

ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންމެ ބޮޑަށް މަސައްކަތް ލަސްވެފައިވާ މަޝްރޫއުތަކަކީ އެންޕީއެޗްގެ "އަކުވާ ވިޓާ ރެޒިޑެންސް" އާއި ޖާހުގެ "ދަ ގާޑަން" އާއި އެންސިސް ފިޝަރީޒްގެ "އައިރާ ކޮންޑޮމީނިއަމް" އަދި ހަންބޯ ކުންފުނީގެ "ކޭ ޕާކް ރެޒިޑެންސް" އެވެ. އެ ތަންތަނުގެ މަސައްކަތް 2016 ހިސާބުގައި ފަށައިގެން ކުރިއަށް ގެންދާއިރު، ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެތައް މުއްދަތެއް ވަނީ ދީފަ އެވެ.

މަސައްކަތް ގޮސްފައިވާ ހިސާބު:

- އަކުއާ ވިޓާ - 90-95 ޕަސެންޓް ނިމިފައި [މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރެވޭނެ]. - ފްލެޓްގެ މަސައްކަތް މުއްދަތަށް ނުނިމިގެން ހަތަރު ފަހަރަކު މުއްދަތު އިތުރު ކޮށްދޭން އެދުނު.

އަކުވާ ވިޓާ އެޕާޓްމަންޓެއްގެ ކޮޓަރި ތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަކުވާ ވިޓާ އެޕާޓްމަންޓެއްގެ ކޮޓަރި ތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

- ކޭޕާކް ރެޒިޑެންސް - 80 ޕަސެންޓް ނިމިފައި - އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާނެ. ދިން އެކި މުއްދަތުތަކަށް އެ ތަން ނުނިމިގެން ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދޭން އެދުނު.

- ދަ ގާޑަން - 90 ޕަސެންޓް ނިމިފައި [އެ ތަން ނިންމައި ހަވާލުކުރާނީ އެކި މަސްތަކަށް ބަހާލައިގެން. އަންނަ ޑިސެމްބަރަށް 18 ފްލެޓެއް ނިންމައި ހަވާލުކުރާނެ. ބާކީ އެކި މަސްތަކަށް ބަހާލައިގެން ފެބްރުއަރީގެ ނިޔަލަށް މުޅި ތަން ނިންމާ ހަވާލުކުރާނެ]. ހަތަރު ފަހަރެއްގެ މަތިން އެ ތަން ނިންމަން ދިން މުއްދަތު އިތުރުކޮށްފައިވޭ.

ޖާހުން އިމާރާތްކުރާ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖާހުން އިމާރާތްކުރާ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

- އައިރާ - 92 ޕަސެންޓް އެއްކޮށް ނިމިފައި [ފިނިޝިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ އެ ތަން މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމާ ހަވާލުކުރާނެ]. އެ ތަން މުއްދަތަށް ނުނިމިގެން ފަސް ފަހަރެއްގެ މަތިން މުއްދަތު އިތުރު ކޮށްފައިވޭ.

އެޗްޑީސީން އެ ތަންތަނުގެ މުއްދަތު އިތުރުކުރީ މައިގަނޑު ގޮތެއްގައި ކޮވިޑާ ގުޅިގެން އިމާރާތްކުރަން ބޭނުންވާ ސާމާނު ލިބުމުގެ ދައްޗާއި ބޭރުން މަސައްކަތްތެރިން ގެނައުމުގައި ހުރި ގޮންޖެހުމާ އެކު އެވެ.