Roadha Mihaaru

ޖާހުގެ އެއްބަސްވުން އުވާލައި ތަން ހަވާލުކުރަން އެޗްޑީސީން އަންގައިފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އެޗްޑީސީން މިއަދު އަންގައިފި އެވެ.

ޖާހުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އެޗްޑީސީން މިއަދު އަންގައިފި އެވެ.

"ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

އެކަމަކު، އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ޖާހު އަށް ދިން "ގާނޫނީ ނޯޓިސް" ގެ މުއްދަތު ނުވަތަ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓުތައް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، ތަން ހަވާލުކުރަން މިހާރު އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"އަދި، އެއްބަސްވުން ބާތިލް ކުރުމަށް ފަހު، ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި މިކޯޕަރޭޝަނުން ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.

އެޗްޑީސީން ބުނިގޮތުގައި، ޖާހު ކުންފުންޏަށް ފިޔަވަޅު އެޅީ އެ ތަނުން އެޕާޓްމަންޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ހަވާލުކުރުމުގެ މަގުފަހި ކުރުމަށެވެ.

ޖާހުގެ ފްލެޓުތައް ނުނިމި ލަސްވާ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ޖެނުއަރީ މަހު ވަނީ "ބޮޑު" ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.

އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.