19 އޮކްޓޯބަރ 2022
އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ހަތަރު އިމާރާތެއްގެ މަސައްކަތް ނިންމައި، ފްލެޓް ގަތް މީހުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އެ ކުންފުނިތަކުން މިއަދު މީޑިއާ އަށް ދީފި އެވެ.
އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ހަތަރު އިމާރާތެއްގެ މަސައްކަތް ނިންމައި، ފްލެޓް ގަތް މީހުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އެ ކުންފުނިތަކުން މިއަދު މީޑިއާ އަށް ދީފި އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންސިސްގެ "އައިރާ" އިމާރާތާއި ޖާހު (ޖައުސާ) ގެ "ދަ ގާޑަން" އާއި ކޯދި އިންވެސްޓްމަންޓްގެ "ކޭ-ޕާކް" ރެޒިޑެންސާއި "އަކުވާ ވިޓާ" އިން ހަދަމުން އަންނަ ޒަމާނީ ފެންވަރުގެ އެޕާޓްމަންޓްތަކަކީ 2015-2016 އަހަރާ ދެމެދު ހަދަން ހަވާލުކުރި ތަންތަނެވެ.
އެ ތަންތަން ނިންމަން ދިން މުއްދަތު ހަމަވެ، އެތައް ފަހަރަކު އެ މުއްދަތު އިތުރުކޮށްދީފައިވާއިރު، އެޕާޓްމަންޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، އެޕާޓްމަންޓް ގަތް މީހުންނަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރާ އެ ހަތަރު މަޝްރޫއު ހިންގަމުންދާ ސައިޓުތަކަށް އެޗްޑީސީން މީޑިއާތައް ގެންގޮސް ޒިޔާރާތްކޮށް، މިއަދު ވަނީ ކޮންޓްރެކްޓަރުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެ އެޕާޓްމަންޓުތައް ހަދާ ވެރިންނާއި ކޮންޓްރެކްޓަރުން އަނެއްކާ ވެސް ދިނީ އާ ތާރީހުތަކާއި އުންމީދުތަކެކެވެ.
މިއީ ނުނިމި ދިގުލައިގެން ގޮސްފައިވާ ފްލެޓް އިމާރާތްތަކަށް އެޗްޑީސީން މީޑިއާތައް ގެންގޮސް އެ ތަންތަނުގެ ވެރިންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިން ފުރަތަމަ ފަހަރެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ އަކުއާ ވިޓާ ފްލެޓްތަކުގައި ހިމެނެނީ 104 އެޕާޓްމަންޓެވެ. އެއީ 14 ބުރީގެ އެ އިމާރާތުގައި ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ.
އަކުވާ ވިޓާގެ ސައިޓް އިންޖީނިއަރު ސަޗިން ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ޖުމްލަ 90 ޕަސެންޓް މަސައްކަތް މި ވަގުތު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ގެންދަނީ އެޕާޓްމަންޓްތަކުގެ އެތެރޭގައި ކުރަން ހުރި ކުދިކުދި މަސައްކަތްތައް އެކަންޏެވެ.
"މިވަގުތު ކުރަމުން ދަނީ އެޕާޓްމަންޓްތަކުގެ އެތެރޭގެ މަސައްކަތްތައް. އެ ތަންތަނުގެ 95 ޕަސެންޓް މަސައްކަތް އެއްކޮށް ނިމިއްޖެ. ބާކީ ފަސް ޕަސެންޓަކީ އެޕާޓްމަންޓްތަކުގެ ފައިނަލް ޓަޗިންގެ ކަންކަން،" އެ ސައިޓުގައި ހުންނަވައި އޭނާ ވިދާޅުވި އެވެ.
އަކުއާ ވިޓާގެ އިމާރާތް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ސަޗިން ވިދާޅުވީ އަކުއާ ވިޓާގައި ނުނިމޭ 10 ޕަސެންޓުގެ ތެރޭގައި ހިމެނެނީ ގްރައުންޑް ފްލޯގެ މަސައްކަތްތައް އެކަނި ކަމަށެވެ. އެ މަސައްކަތް ވެސް މި އަހަރުގެ ޑިސެމްބަރަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކޮންސްޓްރަކްޝަން މަސައްކަތުގައި ވެސް އެއްވެސް ގޮންޖެހުމެއް ނެތް. ކުރިން ލަސްތަކެއް އައި ކޮވިޑާ ގުޅިގެންނާއި ޕްރޮކިއުމަންޓް މައްސަލަތަކެއް ވެސް ދިމާވެގެން. އެކަމަކު މިވަގުތު މަޝްރޫއު މުއްދަތަށް ނިންމުމަށް އެއްވެސް ދައްޗެއް ނެތް،" ސަޗިން ވިދާޅުވި އެވެ.
އަކުއާ ވިޓާގެ އެތެރެއަށް ނޫސްވެރިން ވައްދައި އެ ތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކާލިއިރު، މިވަގުތު ހުރީ ކުންފުނިން ބުނި ގޮތަށް ބޮޑެތި މަސައްކަތްތައް އެއްކޮށް ނިންމާލައިފަ އެވެ.
ކޭ ޕާކް ރެޒިޑެންސަކީ 110 އެޕާޓްމަންޓް ހިމެނޭ ގޮތަށް ކޮރެއަން ސްޓައިލަކަށް ހަދާ މިކްސް-ޔޫސް ރެސިޑެންޝަން އެޕާޓްމަންޓްތަކެކެވެ. ޖުމުލަ 14 ބުރީގެ އެ ތަންތަން އިމާރާތްކުރަނީ ހަމްބޯ ކުންފުނިންނެވެ.
ކޭ ޕާކްގެ ކޯޕަރޭޓް ލީގަލް، ޖައިޝާން ސައީދު ވިދާޅުވީ، އެ އެޕާޓްމަންޓްތަކުގެ މަސައްކަތް އެހާ ބޮޑަށް ލަސްވީ ކޮވިޑާ ގުޅިގެން އިއުލާނުކުރި ލޮކްޑައުން ދިމާވީ އެ ކުންފުނީގެ ޗައިނާ މަސައްކަތްތެރިންތަކެއް ޗުއްޓީ އަށް ގައުމަށް ދިޔަ ދަނޑިވަޅާ ދިމާވުމުން ކަމަށެވެ. އެހެންވެ، އެ މީހުން އަނބުރާ ރާއްޖެ އަށް ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޖައިޝާން ވިދާޅުވިގޮތުގައި ގިނަ ގޮންޖެހުންތަކަކާ އެކު ވެސް ފާއިތުވި ދެ މަސް ދުވަހު ބައެއް މަސައްކަތްތެރިން ރާއްޖެ އަށް ގެނަ އެވެ. އަދި ޗައިނާގެ ލޮކްޑައުން މި މަހު އުވައިލާ ގޮތަށް އެ ގައުމުން ނިންމާފައިވާތީ މަސައްކަތްތެރިންގެ ދަތިކަމަށް އަންނަ މަހު ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް މަހަކީ އިރާދަކުރެއްވިއްޔާ 30-35 މަސައްކަތްތެރިން ރާއްޖެ އަށް ގެނެވޭނެ މަހެއް ކަމަށް ކޮންޓެކްޓާ ސައިޑުން އެބައިން އަންގާފައި،" ޖައިޝާން ވިދާޅުވި އެވެ.
އެއާ އެކު އަންނަ މަހު މަސައްކަތުގެ ސްޕީޑް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޭޕާކް އެޕާޓްމަންތެއްގެ ސިޓިން ރޫމް- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޖައިޝާން ވިދާޅުވި ގޮތުގައި އެ ތަނުގެ މަސައްކަތް ކޮވިޑާ ގުޅިގެން ލަސްވި ނަމަވެސް ލޯކަލް ޕާޓީއަކާ އެކު ކުރިއަށް ދާން ކޮންޓްރެކްޓަރާއި ޑިވެލޮޕާ ބޭނުން ނުވީ އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ ގޯސްވެދާނެތީ އެވެ.
އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުރިން އެތަން ހަވާލު ކުރުމަށް ކަމަށެވެ. އެ ޔަގީންކަން ދެއްވީ އެ ތަން ނިންމުމަށް ބޭނުންވާ ހުރިހާ މެޓީރިއަލްތަކެއް ރާއްޖޭގައި ހުރުމާ އެކު މަސައްކަތްތެރިންގެ ދަތިކަން ވެސް ހައްލުވާނެތީ ކަމަށް ވިދާޅުވި އެވެ.
ކޭ-ޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް އެހާ ބޮޑަށް ލަސްވާތީ، އެޕާޓްމަންޓްތައް ގަނެފައިވާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންވެ، އެ މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ކުރާނެ ކަމަށް ޖައިޝާން ވިދާޅުވި އެވެ.
"މެނޭޖްމަންޓުން ނިންމާފައި އޮތީ [ބަދަލު ދޭން]. އަޅުގަނޑުމެން ކަސްޓަމަރުންނަށް ކޮންޓެކްޓް ކުރާނަން. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، ޕޭކުރި ކަސްޓަމަރުންނަށް ކޮމްޕަލްސަރީ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ،" ޖައިޝާން ވިދާޅުވި އެވެ.
ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.
އެ ކުންފުނީގެ ޗީފް އޮފިސަރު، ޒިޔާދު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތުން އަންނަ ޑިސެމްބަރުގެ ނިޔަލަށް 18 އެޕާޓްމަންޓެއްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ. ބާކީ ކޮންމެ މަހަކު އެކި ވަރަށް ހަވާލުކުރަމުން ގޮސް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ހުރިހާ އެެޕާޓްމަންޓްތަކެއްގެ މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާހުން އިމާރާތްކުރާ ފްލެޓެއްގެ އެތެރެ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ގިނަ ކަންބޮޑުވުންތަކެއް "ދަ ގާޑަން" ގަތް މީހުން ވެސް އެބަ ހުއްޓެވެ. އެކަމާ ގުޅިގެން ޒިޔާދު ވިދާޅުވީ ފްލެޓް ކެންސަލްކޮށް، ރީފަންޑަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
"ބަދަލާ ގުޅޭ ގޮތުން ޑިސްކަސް ކުރާނީ ހޭންޑްއޯވާ އަށް ފަހު. އެ ކަމަށް މަޝްވަރާ އަށް އިށީންނާނަމޭ. އެ އަށް މަސައްކަތް ކުރަމުން މިދަނީ އެތަނަށް އަވަހަށް މީހުން ވެއްދޭތޯ،" އޭނާ ވިދާޅުވި އެވެ.
އައިރާ އެޕާޓްމަންޓްތަކަކީ އެންސިސް ކުންފުނިން ހަދަމުން އަންނަ 94 އެޕާޓްމަންޓް ހިމެނޭ އިމާރާތެކެވެ. އޭގެ ތެރޭގައި 3+1 ގެ 45 އެޕާޓްމަންޓާއި 2+1 ގެ 26 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 13 އެޕާޓްމަންޓުގެ އިތުރުން 10 ޕެންޓް ހައުސް ހިމެނެ އެވެ.
އެންސިސްގެ ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އަންނަ މަހުގެ ކުރިން ބައެއް މީހުންނަށް އެ އެޕާޓްމަންޓްތަކަށް ބަދަލުވެވޭނެ ކަމަށެވެ. ކޮމަން އޭރިއާގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ފްލެޓްތަކުގެ އެތެރޭގައި ވެސް ހުރީ ނިންމަން ކުދިކުދި މަސައްކަތްތަކެވެ.
އައިރާ އެޕާޓްމަންޓެއްގެ ސިޓިންރޫމް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ކޮމަން އޭރިއާގެ މަސައްކަތް މިހާރު މި ކުރަނީ. ނޮވެމްބަރުގެ ނިޔަލަށް ބައެއް ތަންތަނަށް ވަދެވޭނެ ކަމަށް މި ބަލަނީ. ކަރަންޓާއި ފެނަށް މިހާރު އެދިފައި ވަނީ. އެހާތަނަށް އެ މަސައްކަތް ނިމޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެތަން ހަވާލުކުރާއިރު ހުންނާނީ އެއްބަސްވުމުގައިވާ ގޮތަށް ހުރިހާ މަސައްކަތެއް ނިމިފައި ކަމަށް ސައީދު ވިދާޅުވި އެވެ.
ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އަނެއްކާވެސް އާ ތާރީހުތަކެއް ދިންއިރު މި ފްލެޓްތައް ގަތް މީހުން ތިބީ އެތަންތަނަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މި ފަހަރު ވެސް އޮތީ އާ އުންމީދުތަކެވެ. އާ ތާރީހުތަކެކެވެ.
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
އެންސިސްގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި
ފްލެޓްތަކެއް ނުނިމޭ، ޝަކުވާތައް އިންތިހާގައި!
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ޖާހު ފްލެޓްތައް ނިންމަން ބުނި މުއްދަތަށް ނުނިންމުނު
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ހުޅުމާލެ 1ގެ ކުލިން 20 ޕަސެންޓް ދެން ކުޑަވާނެ
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ