Roadha Mihaaru

ޖާހުގެ އެޕާޓްމަންޓުތައް ނިންމަން 20 މިލިއަން ރުފިޔާއަށް އާރުސީސީއާ ހަވާލުކޮށްފި

ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް ނިންމަން އެޗްޑީސީން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ޖާހުގެ އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ޖޫން 2025

ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް ނިންމަން އެޗްޑީސީން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ ބައިތައް ނިންމަން އާރުސީސީއާ ހަވާލުކުރި ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

ނަމަވެސް އާރުސީސީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނިން "ދަ ގާޑަންސް" ގެ ބާކީ މަސައްކަތްތަކާ ހަވާލުވީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

"އެއީ 20 މިލިއަން ރުފިޔާ އަށް. އެ އިމާރާތުގެ އެކި ބައިތައް ހުރީ އެކި ވަރަށް ނިމިފައި،" އޭނާ ވިދާޅުވި އެވެ.

އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އެޗްޑީސީން ކޮމެންޓު ނުކުރާތީ އަދި ނޭނގެ އެވެ.

ޖާހުގެ އެޕާޓްމަންޓުގެ މަސައްކަތްތައް 2017 ވަނަ އަހަރު ފެށީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، 8 އަހަރު ވެގެން ދާއިރު ވެސް މަސައްކަތް ނުނިމޭތީ، އެ ތަނުން އެޕާޓްމަންޓް ގަތް މީހުން މުޒާހަރާ ވެސް ކުރި އެވެ.

އެހެންވެ، އެ މައްސަލަ ބެލުމަށް ފަހު، ފްލެޓުތައް ނިންމުމަށާއި ބިމުގެ އަގު ދެއްކުމަށް އެޗްޑީސީން ޖާހު އިންވެސްޓްމަންޓަށް 30 ދުވަހުގެ ނޯޓިސްއެއް މީގެ ދެ އަހަރު ކުރިން ފޮނުވި އެވެ. އެކަމަކު، އެ ނޯޓިސް ހަމަވިއިރު އެއްވެސް ކަމެއް ނުވެ އެވެ.

އޭގެ ފަހުން އެޕާޓްމަންޓުތައް ނިންމަން 45 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތުގައި އެ މަސައްކަތްތައް ނުނިމުމުން އެޗްޑީސީން ވަނީ އެންމެ ފަހުން އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ ބިމާ އެޗްޑީސީން ހަވާލުވުން ހުއްޓުވައި ދިނުމަށް އެދި ޖާހުން ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، ކޯޓުން ނިންމީ އެ ފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.

އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.

ޖާހުގެ "ދަ ގާޑަން" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.