Roadha Mihaaru
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ

ހުޅުމާލޭގެ ދެ ފޭސް ގުޅާލާ ބްރިޖުތައް އޭޕްރީލްގައި ނިމޭނެ: އެޗްޑީސީ

09 ފެބުރުއަރީ 2020

ހުޅުމާލެ ފުރަތަ ފިޔަވައްސާ، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ ފުރަތަ ފިޔަވައްސާ، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވީ ހުޅުމާލެ ކަނެކްޓިން ބްރިޖްތަކުގެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ ފަހުކޮޅަށް ނުވަތަ އެޕްރީލް މަހުގެ ކުރީކޮޅަށް ކަމަށެވެ.

ފަސް ބްރިޖް ވެސް ހަދަނީ އަޑިން ކޯރު ދެމޭ ގޮތަށް ވަރަށް ހިތްގައިމުކޮށެވެ. ބްރިޖްތައް ނިންމަން ހަވާލުކޮށްފައި ވަނީ ހުޅުމާލޭގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ.

"ބްރިޖްތަކުގެ ޑިޒައިނަށް ވަރަށް ބޮޑަށް އިސްކަންދީފައި ހުރީ، އެހެންވީމަ ނިމޭއިރު ވަރަށް ރީތިވާނެ،" ސުހެއިލް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅާލާ ބްރިޖެއް: މި ބްރިޖްތައް ނިމޭއިރު ވަރަށް ރީތިވާނެ ކަމަށް އެޗްޑީސީން ބުނޭ.

ހުޅުމާލެ ފޭސް އެކަކާއި ދޭއް ގުޅާލާ ބްރިޖެއް: މި ބްރިޖްތައް ނިމޭއިރު ވަރަށް ރީތިވާނެ ކަމަށް އެޗްޑީސީން ބުނޭ.

ދެ ވަނަ ފިޔަވަހީގެ މި ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގެ ދަށުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބޮޑު ހަތަރު މަގަށް ސީދާ ވާ ގޮތަށް ހަދާ ހަތަރު ބްރިޖްގެ އިތުރުން، ފަސް ވަނަ ބްރިޖެއް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި، ދެ ވަނަ ފިޔަވަހީގެ އަނެއް ބައި ގުޅުވައިދޭށެވެ.

ހުޅުމާލޭ ދެ ފިޔަވަހި ގުޅުވާލައި މި ބްރިޖްތަކުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާ މިހާރު ފަށަން ވެފައި އޮތީ ތާރު އެޅުން ފަދަ ކަންކަމެވެ. އޭގެ އިތުރުން ބްރިޖް ހަދަން، ހިއްކި މޫދު އަލުން ކޮންނަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ވެސް ކުރާނީ، ސުހައިލް ވިދާޅުވި ގޮތުގައި، ސީއެސްއީސީސީ އިންނެވެ.

ހުޅުމާލޭގައި އަޅާ ބްރިޖްތައް: މި ބްރިޖްތަކުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ.

ހުޅުމާލޭގައި އަޅާ ބްރިޖްތައް: މި ބްރިޖްތަކުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އަދި އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި އެ ނޫން ވެސް ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީކުރަން އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީން ލަފާކުރަނީ މި އަހަރުގެ ފަހުކޮޅު، އޭގެ ތެރެއިން 7،000 ފްލެޓުގައި މީހުން އާބާދުކުރެވޭނެ ކަމަށެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި އެހާ އިރަށް މަގުތައް ވެސް ނިންމައި، އެތަން ފެހިކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.