17 ޖެނުއަރީ 2022
އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ގައި ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ފްލެޓް އަޅަން ދޫކުރި ދެ ބިމުގެ ތެރެއިން އެއް އިމާރާތުގައި، އެއްބަސްވުމުގައި ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް ފްލެޓް އަޅާކަން ހާމަވެއްޖެ އެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏާއެކު 2010 ގައި ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ފްލެޓް އަޅަން ދޫކުރި ދެ ބިމުގެ ތެރެއިން އެއް އިމާރާތުގައި، އެއްބަސްވުމުގައި ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް ފްލެޓް އަޅާކަން ހާމަވެއްޖެ އެވެ.
މިކަން އެނގުނީ، މަސައްކަތް ނުކޮށްގެން އުވައިލި އެއްބަސްވުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ނިންމުމާއެކު، އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނުގައި ހުރި އަދަދުތަކާއި ހުޅުމާލޭގައި ޓާޓާއިން ދެ ބިމުގައި ފްލެޓް އަޅާ އަދަދު ދިމާ ނުވާތީ އެވެ.
އަރަބިއްޔާ އާއި ގާކޮށީގައި ފްލެޓް އެޅުމުގެ ބަދަލެއްގެ ގޮތުން މާލޭގެ ނާދީ އާއި އޯޑިއޯން ބިން އަދި ޅ. ޅޮއްސަލަފުށީގެ އިތުރުން ހުޅުމާލެ އިން ވެސް ދެ ބިން، އެ ކުންފުންޏަށް ފައިދާވާ ގޮތަށް ފްލެޓް ވިއްކަން ދޫކޮށްފައިވާ ކަމަށް ބުނެ ދެއްކި ވާހަކަތައް ސާފުކޮށްދެމުން ޕްލޭނިން މިނިސްޓްރީން ބުނީ ހުޅުމާލެ އިން ދެ ބިން ދިނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހިން 2015 ގައި ކަމަށެވެ.
އެ ދެ ބިމުގައި އެއްބަސްވީ 150 ހައުސިން ޔުނިޓާއި 15 ލަގްޒަރީ ވިލާ އަޅަން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު ޓާޓާގެ ސަބްސިޑަރީ ކުންފުނި، ސެންޑަލް މޮރިޝަސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން "ވަން ސެންޓްރަލް ޕާކް" އާއިި ސޮލިޓެއާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި އެއްބަސްވުމަށް އިތުރަށް ފްލެޓް އަޅާކަން އެ ކުންފުނީގެ މައުލޫމާތުތަކުން އެނގެ އެވެ.
ވަން ސެންޓްރަލް ޕާކް ޕްރޮޖެކްޓްގެ ދަށުން އަޅަނީ މެދުފަންތީގެ 120 ފްލެޓެވެ.
ސޮލިޓެއާ ޕްރޮޖެކްޓަކީ މަތީފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެކެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ އުތުރުގައި އަޅާ މި އިމާރާތުގައި ހަދަނީ 1+3 ގެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެ އިމާރާތުގައި 64 އެޕާޓްމެންޓް ހުރެ އެވެ. އެންމެ މަތީ ބުރީގައި އިންފިނިޓީ ޕޫލްއަކާއި ޖިމެއް ހުރެ އެވެ.
ސޮލިޓެއާގައި އަޅާ ޖިމްގެ ކުރެހުމެއް. އެ އިމާރާތަކީ ލަގްޒަރީ އެޕާޓްމެންޓްތަކެއް--ފޮޓޯ:ސެންޑަލް މޮރިޝަސް
މި ދެ އިމާރާތުގައި ޖުމުލަ 186 އެޕާޓްމެންޓް ހަދާ އިރު މިއީ އެއްބަސްވުމުގައި ކަނޑައެެޅި ވަރަށް ވުރެ 36 އެޕާޓްމެންޓް އިތުރު އަދަދެކެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވީ، އެ ތަނުން އެއް އިމާރާތް މާ އުސްކޮށް ނެގުމުން އިތުރުވި އެޕާޓްމެންޓްތައް ލަގްޒަރީ ވިލާގެ ގޮތުގައި ބަލައި، ޅޮއްސަލަފުށިން ދޭ ބައެއް ތަންތަން އެތަނަށް ބަދަލުކޮށްލާނީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓާޓާ އިން އިތުރަށް ފްލެޓް އަޅާފައި ވިޔަސް އެއްބަސްވުމަށް އިތުރު ބަދަލެއް ނުގެނެ އެވެ.
"އެ އިމާރާތް މައްޗަށް ނެގީމާ އެޕާޓްމެންޓްތައް އިތުރުވާތީ ހުސްކޮށް އެބައި ނުބަހައްޓަން ވެގެން ލަގްޒަރީވިލާ ބައިން އެބައި ކެނޑީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސޮލިޓެއާ އިމާރާތުގެ އެޕާޓްމެންޓްތަކުގެ ބަދަލުގައި ލަގްޒަރީ ވިލާއިން އުނިކުރީ ކިހާ ވަރެއް ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ، އެހެން ހެދުމުން ވެސް ރައްޔިތުންނަށް ވާނީ ފައިދާ ކަމަށެވެ.
ޓާޓާއާ ހަވާލުކުރި ހުރިހާ ފްލެޓެއް ނިމުމުން، ލަގްޒަރީ ވިލާ އަޅަން ޅ. ޅޮއްސަލަފުށި ދޫކުރަން ނިންމާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އަދި މިހާތަނަށް އެ މަސައްކަތް ފަށައިފައެއް ނުވެ އެވެ.
ސޮލިޓެއާގައި ހަދާ އިންފިނިޓީ ޕޫލް އޭރިއާ: އެ އިމާރާތުގެ މަސައްކަތް އަންނަނީ ކުރަމުން
ޓާޓާއާ އެކު މީގެ 12 އަހަރު ކުރިން ހެދި އެގްރީމެންޓްގައި އެ ކުންފުންޏަށް އާދަޔާ ހިލާފު ބޮޑު ފައިދާއެއް ލިބޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ޓާޓާ އެކު އެންމެ ފުރަތަމަ އެކުލަވައިލި އެއްބަސްވުމުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓުން ވެސް އެނގެ އެވެ. މި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޓާޓާއާ އެކު އެންމެ ފުރަތަމަ އެއްބަސްވުން އޮތް ގޮތަށް ބަދަލު ގެނައުމުން އަލުން ސޮއިކޮށްފަ އެވެ. މިގޮތަށް އެއްބަސްވީ ސަރުކާރަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ލިބިދާނެ ކަމަށް ބުނެ އެވެ.
"ސޮލިޓެއާ" އެޕާޓްމަންޓްތައް ފަށަން ތައްޔާރުވަނީ
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ފަށައިފި
ސޮލިޓެއާ އެޕާޓްމެންޓްތައް އަންނަ އަހަރު ނިންމާނެ
4،000 ފްލެޓު އަޅަން 227 މިލިއަން ޑޮލަރުގެ ލޯނު
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި
އެއްބަސްވުން ބާތިލް ކުރިޔަސް ޓާޓާ މަސައްކަތް ފަށައިފި
ސުލްހަވެރި ހައްލެއް ނެތް ނަމަ ޓާޓާ އިން އާބިޓްރޭޝަނަށް