Roadha Mihaaru
އެއްބަސްވުން ބާތިލް ކުރިޔަސް ޓާޓާ މަސައްކަތް ފަށައިފި

އެއްބަސްވުން ބާތިލް ކޮށްފައި ވަނިކޮށް ޓާޓާއިން މަސައްކަތް ފަށައިފި!

27 އެޕްރީލް 2017

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައި ވަނިކޮށް، ނާދީ ހުރި ބިމުގައި އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައި ވަނިކޮށް، ނާދީ ހުރި ބިމުގައި އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.

ނާދީ ބިމުގައި ފްލެޓް އަޅަން ޓާޓާ ކުންފުނިން އަންނަނީ އެ ބިން ކޮންނަމުންނެވެ. އެތަނުގެ ބޮޑު ސަރައްދެއް ރޭ ކޮނުނުއިރު މިއަދު ހެނދުނު ވެސް މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު މެންދުރުވިއިރު މަސައްކަތް ވަނީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. އެއީ، ބިން ކޮންނަން ގެންގުޅުނު އެކްސްކަވޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސައިޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުންޏެވެ.

އެއްބަސްވުން ބާތިލްކޮށްފައި ވަނިކޮށް، މަސައްކަތް ކުރިއަށް ގެންދަނީ ކީއްވެތޯ އެހުމުން އެތަނުގައި، ތިއްބެވި ޓާޓާ ކުންފުނީގެ އިސްބޭފުޅުން ވާހަކައެއް ނުދެއްކެވި އެވެ. އެ މަޝްރޫއުގެ މައުލޫމާތު ދޭނީ ކުންފުނިން ކަނޑައަޅާފައިވާ ތަރުޖަމާނު ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އޭނާއާ އަދި ގުޅޭގޮތެއް ނުވެ އެވެ.

ޓާޓާ އިން މަސައްކަތް ފަށާފައިވާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އޯޑިއޯން ބިމާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލަން ނިންމީ އެ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ފަށާފައިނުވާތީ އެވެ.

ފްލެޓް އަޅަން ނާދީ ބިން ކޮންނަން ފަށާފައި: އެ އެއްބަސްވުން އުވާލީ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނުފެށުމުން.

ފްލެޓް އަޅަން ނާދީ ބިން ކޮންނަން ފަށާފައި: އެ އެއްބަސްވުން އުވާލީ މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް ދިން މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނުފެށުމުން.

އެއްބަސްވުން އުވާލަން ނޯޓިސް ފޮނުވުމާއެކު ޓާޓާ އިން ނެރުނު ބަޔާނެއްގައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ރޭވިފައިވާ ގޮތް އެ ކުންފުނިން ދިޔައީ ހައުސިން މިނިސްޓްރީއާ އެކު ހިއްސާ ކުރަމުން ކަމަށާއި އެ މަސައްކަތް ކުރަން ރާވާފައިވާ ގޮތުގެ ޕްލޭން ހައުސިން މިނިސްޓްރީއަށް ފޮނުވުމުން މިދިޔަ ފެބްރުއަރީ މަހު އެ ޕްލޭން މިނިސްޓްރީން އޮތީ ގަބޫލުކޮށްފައި ކަމަށެވެ. އެ ހިސާބުން ފެށިގެން ޓާޓާ އިން ދިޔައީ މަސައްކަތް އަވަހަށް ނިންމަން މަސައްކަތް ކުރަމުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެއްބަސްވުން ބާތިލް ކުރިކަމުގެ ނޯޓިސް ކުއްލިގޮތަކަށް ލިބުމަކީ ވަރަށް ހައިރާންވާ ކަމެއް ކަަމަށާއި އެއްބަސްވުން ބާތިލް ކުރުމުން، ޓާޓާ ކުންފުނީގެ ހައްގުތައް ހިމާޔަތް ކުރަން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ޓާޓާ އިން ދަނީ ކުރަމުންނެވެ.

އޯޑިއޯން އާއި ނާދީ ބިން ޓާޓާ އަށް ދިނީ، ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އަޅަން އެއްބަސްވެ އެވެ. އެ އެއްބަސްވުމަކީ ދިވެހި ސަރުކާރަށް ވަރަށް ގެއްލުން ބޮޑު އެއްބަސްވުމެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.