Roadha Mihaaru
ފްލެޓްތައް ނިމޭނެ ދުވަހެއް އަދިވެސް ނޭނގެ

ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތައް ނިމޭނެ ދުވަހެއް ނޭނގެ

12 ޖޫން 2016

މާލޭގައި ހުންނަ ގާކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ހުރި ފްލެޓުތައް އަދިވެސް ނުނިމޭ ކަމަށާއި މި މަހުގެ ނިޔަލަށް އެ ތަން ނިންމުމަށް ކޮންޓްރެކްޓަރަށް "ޕްރެޝަރު" ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ހުންނަ ގާކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ހުރި ފްލެޓުތައް އަދިވެސް ނުނިމޭ ކަމަށާއި މި މަހުގެ ނިޔަލަށް އެ ތަން ނިންމުމަށް ކޮންޓްރެކްޓަރަށް "ޕްރެޝަރު" ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މަޖީދީމަގު ލެކިއުޓް ކުރިމަތީގައި ހުންނަ ބިމުގައި 90 ފްލެޓް އަޅާއިރު އިމާދުއްދީން ސްކޫލް ކައިރީގައި އޮންނަ ބިމުގައި އަޅަނީ 190 ފްލެޓެވެ.

ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ ހިއްސާއާ އެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" ކުންފުނިންނެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.

އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް. މި ފްލެޓުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. ފޮޓޯ: މިހާރު

އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް. މި ފްލެޓުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. ފޮޓޯ: މިހާރު

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި ގޮތުގައި ފްލެޓުތަކުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައި މާބޮޑަށް ވެސް ލަސްވެއްޖެ އެވެ. އެހެންވެ މަސައްކަތް ކުރާ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަސައްކަތް ނުނިމި އާދަޔާ ހިލާފަށް ލަސްވާ ކަމުގައިވާ ނަމަ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

މި އަހަރުގެ މާ ކުރިން ނިންމަން ޖެހޭނެ ފްލެޓުތައް. އާދަޔާ ހިލާފަށް ލަސްވާ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ: ހަސަން

ސަރުކާރާއި ކޮންޓްރެކްޓަރުން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެ ނަމަ އެ ކޮންޓްރެކްޓަރެއް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބެ އެވެ. އަދި ބައެއް ހާލަތްތަކުގައި ކޮންޓްރެކްޓް އުވާލުމުގެ ބާރު ވެސް ސަރުކާރަށް ލިބެ އެވެ.

ހަދަމުން އަންނަ ފްލެޓުތަކާ ބެހޭ ގޮތުން ހަސަން ވިދާޅުވީ ފްލެޓުތަކުގެ މީހުން ދިރިއުޅޭ ތަންތަނަށް ކަރަންޓު ދިނުން ފިޔަވައި ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދެ ތަނުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް. މި މަސައްކަތް ނުނިމި އެތައް އަހަރެއް ވަނީ ވެފައި. - ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް. މި މަސައްކަތް ނުނިމި އެތައް އަހަރެއް ވަނީ ވެފައި. - ފޮޓޯ: ނިޝާން އަލީ/މިހާރު

"ވިޔަފާރި އުސޫލުން ހިންގަން އެމީހުންނަށް (ކޮންޓްރެކްޓަރަށް) ދީފައި އޮންނާނެ ބައިތަކެއް. އެ ބައިތަކުގެ މަސައްކަތް މިހާރު ކުރަމުން އެ ދަނީ،" ހަސަން ވިދާޅުވި އެވެ.

"މާލޭ ގްރޭންޑް" އާއި "މާލެ ސްކެއާ"ގެ ނަމުގައި ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ފެބުރުއަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ލަފާ ކުރި އެވެ. އެކަމަކު މިހާތަނަށް އައިއިރު މަސައްކަތް ނުނިމި ހަތަރު މަސް ވަނީ ވެފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތް ކުރަމުން އަންނަ މި ފްލެޓުތައް ވަނީ އާންމުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ކުރިން ބުނެފައިވާ ވަރަށް ވުރެ އެތައް ގުނައެއް ތަނުގެ އަގުން ބޮޑުކުރުމުން ބައެއް މީހުން ވަނީ ލިބުނު ފްލެޓުތައް ދޫކޮށްލައިފަ އެވެ.