Roadha Mihaaru
ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދައްކަންޖެހޭ

ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދެއްކުމަށް އަންގައިފި

14 މެއި 2017

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަގު ކުރުމަށް ފަހު ބާކީ ބައި އަންނަ ޖޫން މަހުގެ ކުރިން ދެއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަގު ކުރުމަށް ފަހު ބާކީ ބައި އަންނަ ޖޫން މަހުގެ ކުރިން ދެއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފި އެވެ.

ޓާޓާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން ބޭންކު ލޯނު ހަމަނުޖެހުނު މީހުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލާނަމަ އަކަފޫޓެއް 2،000ރ. އަށް ސަރުކާރުން ގަތުމަށް ވަނީ ނިންމާފަ އެވެ.

އޭރުން ބިންކޮޅު ދޫކޮށްލާ މީހުން ފްލެޓަށް ދެން ދައްކަން ޖެހޭނީ ބިމަށް ޖެހޭ އަގު، ފްލެޓްގެ ޖުމްލަ އަގު ކަމަށްވާ ދެ މިލިޔަން ރުފިޔާއިން ކެނޑުމަަށް ފަހު ބާކީވާ ބައެވެ.

އެްޗްޑީސީން އަންނަނީ ބިންކޮޅު ދޫކޮށްލަން އެއްބަސްވި މީހުންނަށް، އެ ބިމުގެ އަގުކޮށް، ބާކީ ދައްކަން ޖެހޭ އަގު ސިޓީން އެ މީހުންނަށް އަންގަމުންނެވެ.

އެގޮތުން 108 ފޫޓުގެ ބިމެއް މާލޭން ދޫކޮށްލާ މީހަކަށް، އެ ބިމުގެ އަގުކޮށް، ދެ މިލިޔަން ރުފިޔާއިން ކެނޑުމުން ބާކީވާ 1.7 މިލިޔަން ރުފިޔާ ޖޫން މަހުގެ ކުރިން ދެއްކުމަށް ވަނީ އަންގާފަ އެވެ. އަދި އެ ދޫކޮށްލާ ބިމުގެ ހުރިހާ ކަމެއް، އެއްބަސްވުމުގައި ސޮއި ކުރާތާ ތިން މަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން 47 މީހަކަށް ފައިސާ ދޭން ނިންމައި 53 މީހެއްގެ ފޯމް ވަނީ ބާތިލު ކޮށްފަ އެވެ. ‎އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ. އެ ‎ދެ އިމާރާތުން ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.