Roadha Mihaaru
ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުން 20 އަހަރަށް

ފަސް އަހަރުގެ ބަަދަލުގައި ފްލެޓްގެ އަގު ދިގު މުއްދަތަކަށް ބަދަލުކޮށްދެނީ

05 އޮކްޓޯބަރ 2016

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ހެދި ފްލެޓްތައް ލިބުނު މީހުންނަށް ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށް ކުރިން އޮތަސް ބޭންކުތައް މެދުވެރިކޮށް 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރިން އަރަބިއްޔާ ހުރި ބިމުގަ އާއި ގާކޮށީގައި އެޅި ފްލެޓްތަކަށް ސަރުކާރުން އެއް ފަހަރާ 278 މިލިއަން ރުފިޔާ ދައްކަން ޖެހުމުން، ހައުސިން މިނިސްޓްރީން ކުރިން އެންގީ އެ ފްލެޓްތައް ދޭނީ ފަސް އަހަރުގެ ތެރޭގައި ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށެވެ. އެއީ މަހަކު 33،000ރ ޖެހޭ އަަދަދެކެވެ. އެކަމަކު ފްލެޓްތައް ލިބޭ މީހުންނަށް އެމްޑީޕީ ސަރުކާރުގައި އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ. އެ މައްސަލާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ.

ސަރުކާރުން ފަހުން ވަނީ އެ ފްލެޓްތައް އެޗުޑީސީއާ ހަވާލުކޮށް، ސަރުކާރުން ނެގި ލޯނެއްގެ ދަށުން އެޕެކްސް ރިއަލިޓީ އަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. ދެ އިމާރާތް ތަރައްގީކުރި އެޕެކްސް ރިއަލިޓީ އަކީ ޓާޓާ ހައުސިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެޗުޑީސީގެ ޑިރެކްޓަ ފައިނޭންސް އަލީ ޝަރީފް މިއަދު ވިދާޅުވީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ބޭންކްތަކުން ހަދައިދޭނެ ކަމަށެވެ.

"އަންނަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެން ބޭންކުތަކާ އެކު މައުލޫމާތު ދިނުމަށް ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައި. އަދި ފްލެޓް ލިބުނު ފަރާތްތަކަށް ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޮފަ ލެޓާ ހަވާލުކުރުމަށް މަސައްކަތްކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކެއާ ފްލެޓްތައް: މިތަނުގައި 190 ފްލެޓް ހަދާފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކެއާ ފްލެޓްތައް: މިތަނުގައި 190 ފްލެޓް ހަދާފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްލެޓްތަކުގެ އަގު ދެ މިލިއަނަށް ވުރެ ބޮޑުނުވާ ގޮތަށް އަގު ކަނޑައަޅަން ވެސް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. ތިން ކޮޓަރީގެ ފްލެޓެއް މާލޭގައި ދެ މިލިއަން ރުފިޔާއަށް ވުރެ ކުޑަވުމަކީ، މާކެޓްގެ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް ވުމެކެވެ.

އަަރަބިއްޔާ ހުރި ބިމުގައި ހެދި މާލޭ ގްރޭންޑްގައި 90 ފްލެޓް، ގާކޮށީގައި ތަރައްގީކުރި މާލޭ ސްކެއާގައި 190 ފްލެޓް ހިމެނެ އެވެ.