Roadha Mihaaru
ފްލެޓަށް ފައިސާ ނުދެއްކި މީހުންނާ މެދު ގޮތެއް ނުނިމޭ

ޓާޓާ ފްލެޓަށް ފައިސާ ނުދެއްކި ހުރި މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ނުނިންމާ: އެޗްޑީސީ

24 މާޗް 2017

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށީގައި ޓާޓާ ހައުސިން ހައުސިން އިން އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކުނު މީހުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށީގައި ޓާޓާ ހައުސިން ހައުސިން އިން އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކުނު މީހުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުގެ ތެރެއިން ފައިސާ ނުދެއްކުނު މީހުން، ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރަން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ފައިސާ ނުދެއްކި ހުރި މީހުންނާ މެދު އަމަލުކުރަންވީ ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ގޮތެއް ނިންމުމަށް ހައުސިން މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަަމަށެވެ.

"އެކަމުގައި އަމަލުކުރަންވީ ގޮތެއް ބަލަމުން އަންނަނީ. އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައެެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން 47 މީހަކަށް ފައިސާ ދޭން ނިންމައި 53 މީހެއްގެ ފޯމް އެ ބޭންކުން ވަނީ ބާތިލު ކޮށްފަ އެވެ.

‎އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ.

އެ ‎ދެ އިމާރާތުން ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.‎

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.