Roadha Mihaaru
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު

ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

04 އޯގަސްޓް 2024

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުއްޔަށް ދީފައިވާ ފްލެޓްތައް ލިބިފައިވާ ގިނަ ބަޔަކު ކުލި ނުދައްކާތީ އާއި އެތަންތަން ގަވާއިދާ ހިލާފަށް އެހެން މީހުންނަށް ކުއްޔަށް ދޭތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން މިރޭ ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުއްޔަށް ދީފައިވާ ފްލެޓްތައް ލިބިފައިވާ ގިނަ ބަޔަކު ކުލި ނުދައްކާތީ އާއި އެތަންތަން ގަވާއިދާ ހިލާފަށް އެހެން މީހުންނަށް ކުއްޔަށް ދޭތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން މިރޭ ދީފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދާއި އެކި ރަށްރަށުގައި ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިން 20 ޕަސެންޓް މާފު ކޮށްދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަހުން މަހަށް ކުލި ދެއްކުމަށް އެ ޔުނިޓްތަކުގެ ވެރިންނަށް ވެސް މިނިސްޓްރީން އަންގާފައިވެ އެވެ. އެކަމަކު ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކަމުން ނުދާތީ، މިނިސްޓްރީން ވަނީ އެ ފައިސާ ގަވާއިދުން ދައްކަން އިލްތިމާސްކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ޔުނިޓް ކަނޑައަޅާފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުން ކުރުމާއި ގަވާއިދާ ހިލާފަށް ޔުނިޓަށް ބަދަލު ގެނައުމާއި ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން ވެސް އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.

"މިގޮތުން ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާ މެދު އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." އެ ނޫސް ބަޔާނުގައިވެ އެވެ.

މަހުން މަހަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިންއިރު ރަށްރަށުގެ ހައުސިން ޔުނިޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލީގެ 20 ޕަސެންޓް ކުޑަކޮށް، ދެވަނަ ފޭސްގައިވާ ހިޔާ ފްލެޓްތަކުގެ ކުލި ވެސް ކުރިން އޮތީ ކުޑަކޮށްފަ އެވެ. އެކަމަކު ވެސް އެ ތަންތަނުގައި އުޅޭ ގިނަ މީހުން ގަވައިދުން ކުލި ނުދައްކާ ކަމުގެ ޝަކުވާ ބޮޑެވެ.