Roadha Mihaaru
ގޯތި ލިބޭ ލިސްޓުގައި އަނެއްކާވެސް އިންޑިއާ މީހެއް

ގޯތި ލިބޭ ލިސްޓުގައި އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން!

29 ޖޫން 2023

މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގެ ތެރޭގައި އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން ހިމެނޭ ކަން ހާމަވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގެ ތެރޭގައި އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން ހިމެނޭ ކަން ހާމަވެއްޖެ އެވެ.

ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ލިސްޓުގައިވާ ގޮތުން އޭނާގެ އާއިލާ އިން އެކަނި ކުރިމަތިލައިގެން 69 ޕޮއިންޓު ލިބުނެވެ. އަދި ޝަރުތު ހަމަވެ ގޯތި ވެސް ލިބޭ މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އޭނާ ދިރިއުޅެމުން އަންނަތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ. އަދި އިންޑިއާ އާއި ރާއްޖެއިން ޑުއަލް ސިޓިޒަންޝިޕް ވަނީ ހޯދައިފަ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ވެސް ކުރެ އެވެ. ކޮންސްޓްރަކްޝަން ކުންފުންޏަކާއި ސްޕާތަކާއި ޑޮލަރު އެކްސްޗޭންޖް ވިޔަފާރީގެ އިތުރުން މާލޭގައި ފިހާރަތަކެއް ވެސް އޭނާ ހިންގަ އެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ތެރެއިން މީގެ ކުރިން ވެސް ރާއްޖޭގެ ރައްޔިތަކަށް ވެފައިވާ އިންޑިއާ މީހަކަށް ގޯތި ލިބުނު މައްސަލައެއް އޮތީ ފެންމަތިވެފަ އެވެ. އޭނާ ރަށްވެހިކަން ހޯދާފައި އޮތީ 2019 ގަ އެވެ.

އެކަމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހަކަށް ވާތީ އެކަން ސިސްޓަމުން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަން ސަމާލު ކަމަށް އައުމުން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށްވާން ޖެހެ އެވެ.

މާލެ ރައްޔިތެއް މާނަ ކުރާ ގޮތަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ އުސޫލަށް ގެނައި އިސްލާހުގައި ބުނާ ގޮތުން މާލެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓާވެފައި ނުވާ މީހުންނެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ހޯދުމަށް 15،164 ފޯމް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި އެވެ. އެތަނުން ޝަރުތު ހަމަވީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.