Roadha Mihaaru
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަހުން ނިމިއްޖެ

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަސް ތެރޭގައި ނިންމާލައިފި

31 އޯގަސްޓް 2024

މާލޭގައި ފަޅަށް ހުރި އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ، 14 ދުވަހުގެ ތެރޭގައި އެއްކޮށް ތަޅާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި ފަޅަށް ހުރި އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ، 14 ދުވަހުގެ ތެރޭގައި އެއްކޮށް ތަޅާލައިފި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ އެ ގެ ތަޅާލާފައިވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ. އެތަން ތަޅާލުމުގެ މަސައްކަތްކުރީ ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތުގައި އުޅުނު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

"ބިމާ ހަމަކޮށްލެވިފައި މިއޮތީ 14 ދުވަހުގެ ތެރޭގައި. އެއީ މިކަހަލަ މަސައްކަތަކަށް ބަލާއިރު ވަރަށް ބާރު ސްޕީޑު،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަން ތަޅާލުމުގެ މަސައްކަތް ކުރިއިރު، ޖެހިގެން ހުރި ގޭގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގެއެއްގެ އޭސީ އައުޓް ޑޯ ޔުނިޓަށް ގެއްލުންވި އެވެ.

"ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ގޭގެ ބަދަލު ދިނުމުގެ މަސައްކަތް ނިންމާފައި އޮންނާނީ. ދެން އޭސީ އައުޓްޑޯ ޔުނިޓަށް މައްސަލަ ދިމާވި، އެކަން ވެސް މިހާރު ވާނީ ހައްލުކޮށްދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ ދުވަސްވުމުގެ ސަބަބުން ބާވެ، ވަރަށް ބޮޑަށް ރެނދުލާފައި އޮތް ތަބީއުވިލާ ތަޅާލުމުގެ މަަސައްކަތް ފެށީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ވެދާނެ ކަމަށް ރައީސަށް ފެނިވަޑައިގަތުމުން ކަމަށް ކުރިން އާދަމް ޝަރީފް ވިދާޅުވި އެވެ.

ފަސް ބުރީގެ އެ ގެއަކީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. މިދިޔަ އޭޕްރީލް މަހު އެ ގޭގެ ހަތަރުވަނަ ފްލޯގައި ރޯވެ، ގެއަށް ގެއްލުން ލިބުނެވެ. އެ ގޭގެ ތެރޭގައި މީހުން ގާނޫނާ ހިލާފު ކަންކަން ކުރާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ކުރި އެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވެސް މިދިޔަ މެއި މަހު ރަބީއުވިލާ އިން ފެނުނެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ މަރުވީ ޑްރަގް އޯވަޑޯސް ވެގެންނެވެ.