Roadha Mihaaru
ރައީސްގެ މެސެޖަކާ އެކު، މާލެ ބިންވެރިންގެ ސައްލާ މިރޭ

ރައީސް ޑރ. މުއިއްޒުގެ މެސެޖަކާ އެކު، މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

20 ޖެނުއަރީ 2024

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި އެވެ.

ހަތަރު ޖަމިއްޔާއެއް ގުޅިގެން ބާއްވާ އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަންޕާކުގަ އެވެ.

އެ ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސުނާދު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މީހުންނަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ވަރަށް އަގުހުުރި ވާހަކަތަކެއް ދެއްކެވުނު ކަމަށެވެ. އޮޅުން އަރާ ގިނަ ކަންކަމުގެ މައުލޫމާތުތަކުގެ ހަގީގަތް ރައީސްގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި ކަމަށް ވެސް ސުނާދު ވިދާޅުވި އެވެ.

މާލެ ރައްޔިތުންގެ ގޯތިތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި މެސެޖު މިރޭ އޮންނަ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ސުނާދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ.

މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.