Roadha Mihaaru
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް

ވައުދަށް ބަދަލެއް ނާދޭ، ސައްހަ މައުލޫމާތު ހުށަހެޅި އެންމެންނަށް ފްލެޓާއި ގޯތި ލިބޭނެ: ރައީސް

03 ސެޕްޓެމްބަރ 2024

އެ މަނިކުފާނުގެ ވައުދުފުޅަށް އެއްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން ދެއްވައި، ސައްހަ މައުލޫމާތު ހުށަހެޅި އެންމެންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެ މަނިކުފާނުގެ ވައުދުފުޅަށް އެއްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން ދެއްވައި، ސައްހަ މައުލޫމާތު ހުށަހެޅި އެންމެންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިކަމާ ގުޅޭ ގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް ބެއްލެވުމަށް ރައީސް ވަނީ ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

އެ ބައްދަލުވުމަށް ފަހު، ޔޫނިއަންތަކުގެ މެމްބަރުން ބައެއް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ވަނީ ރައީސް މުއިއްޒުގެ ވައުދުފުޅަށް އެއްވެސް ބަދަލެއް ނާންނަ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ވެސް ބުނި ގޮތުގައި، ސަރުކާރުގެ ގެޒެޓުގައި ނަން އާންމުކޮށްފައިވާ ކޮންމެ މީހަކަށް، ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ހިލާފު ނުވާ ކަމަށްވާ ނަމަ ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކާއި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތަކުގެ އަޕްޑޭޓް ވެސް ހައުސިން ޔޫނިއަންތަކުގެ މެންބަރުންނާ އިއްޔެ ހިއްސާ ކުރައްވައިފަ އެވެ. އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ވެސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާ ވެސް އަވަހަށް އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ވަނީ 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ. އެއީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކާ ބިމުން ދޭ ގޯތިތަކެވެ. އެ ބިންތައް ހިއްކާ އަދި ނުނިމެ އެވެ. އަދި މިހާތަނަށް ގޯތިތައް ހަވާލުކޮށްފައި ވަނީ ހުޅުމާލެ 2 އިން ގޯތި ލިބުނު މީހުންނަށް އެކަންޏެވެ.

ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވެސް ވަނީ އެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ނާއިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓު ދިނުން ހުއްޓުވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން ޔޫނިއަންތަކުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު.-- ފޮޓޯ: ރައީސް އޮފީސް

އޭސީސީން ކުރި ތަހުގީގުން އެނގުނު ގޮތުގައި، އެ ލިސްޓުގައި ތިބި 60 ޕަސެންޓް މީހުން އެ ސްކީމަށް ޝަރުތު ހަމަނުވެ އެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20 ޕަސެންޓް ފޯމުގަ އެވެ. އެހެންވެ، މި ސަރުކާރުން ނިންމާފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި އެންމެންގެ ފޯމުތައް އަލުން ރިވިއުކޮށް، އާ ލިސްޓެއް އެކުލަވާލުމަށެވެ. އެއީ 20،000 އަށް ވުރެ ގިނަ ފޯމެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ.