Roadha Mihaaru
ބިން އަތެއްނުލާނެ، ލޮކޭޝަން ބަދަލުވެދާނެ: މިނިސްޓަރު

މާލެ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ، އެކަމަކު ލޮކޭޝަން ބަދަލުވެދާނެ: މިނިސްޓަރު

20 ނޮވެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ ކަމަށާއި އެކަމަކު ބައެއް މީހުންނަށް ބިން ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ ކަމަށާއި އެކަމަކު ބައެއް މީހުންނަށް ބިން ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދީ އަދި ގޯތީގެ ރަޖިސްޓްރީ ދީފައި ވިޔަސް، އޭގެ ތެރޭގައި ވުޖޫދުގައި ނެތް ބިންތައް ހިމެނޭ ކަމަށެވެ.

ބިމާ ބެހޭ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުގައި ގޯތީގެ ރަޖިސްޓްރީ ދެވޭނީ ބިން އޮތް ތަނަކުން ކަމަށާއި އެހެންވެ، އެ ބިންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތި އެވެ. ގޯތި ދީފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެއްވެސް ޖާގައެއް ކަނޑަނާޅާ ކަމަށާއި ނަމަވެސް އާ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅަށް ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. ދެން މަސައްކަތް ކުރިއަށް ގެންދަވާނީ އާ ސަރުކާރުގެ ޕްލޭންގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ޕްލޭން ތަންފީޒުކުރާ އިރު، ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ދޫކޮށްފައި ހުރި ލޮކޭޝަނަށް ބަދަލު އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ލޮކޭޝަން ބަދަލުކުރި ނަމަވެސް، އެ މީހަކަށް ގޯތީ ދިން ރަށް/އަވަށް އަދި އެ މީހަކަށް ދީފައިވާ ބިމުގެ ބޮޑުމިނަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"[ހުޅުމާލެ 3]، ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދިނުމުގެ ކުރެހުން ފެނިފަ އޮންނާނީ. ހަމަ ގޮޅިތަކެއް ޖަހާލާފައި ހުރީ. އެއްވެސް އެހެން ކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ނުވަތަ ހުސް ޖާގައެއް ދޭނެ ބިމެއް ވެސް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށް ވެސް ދަތިވާނެ ކަމެއް. އާބަން ޕްލޭނަށް ބެލި ކަމަށް ވިޔަސް އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ގޮޅި ޖަހާލާފައި ހުރުން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. ހައިދަރު ވިދާޅުވި އެވެ.

"އެގޮތަށް ބިން ދޫކޮށްފި ނަމަ ތަކުލީފާއި އުނދަގޫތައް ދިމާވާނެ."

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ދިން އެއްވެސް ބިމެއް އަތެއްނުލާނެ އެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފްލެޓުތަކުގެ ލިސްޓާ ގުޅިގެން ލިބިފައި ހުރި ޝަކުވާތައް ބަލައި އެ ލިސްޓު ރިވިއުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި އޮތް އެ ސްކީމާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާ ވެސް ހޯއްދަވާނެ ކަމަށެވެ.

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ މީހުންނަށް ދިން ބިމުގެ ލިސްޓު ރިވިއުކުރާނެތޯ ތަކުރާރުކޮށް ބައެއް ނޫސްވެރިން އެހެމުން ވެސް މިނިސްޓަރު ވިދާޅުވީ އެ ކަހަލަ ނިންމުމެއް އާ ސަރުކާރުން ނިންމާފައި ނެތް ކަމަށެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވައުދުވެވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރާ އެއްވެސް ގޯއްޗެއް އަދި ފްލެޓެއް ވެސް އަތުނުލައްވާނެ ކަމަށެވެ. ނަމަވެސް، މިއަދު މިނިސްޓަރު ވިދާޅުވި ގޮތުގައި، އާ ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމަ އަށް ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް އަތުނުލާނެ އެވެ.

"ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް ފަހު، އޭރުގެ ސަރުކާރަށް އިލްތިމާސްކުރެއްވި އެހާ ތަނުން އެއްވެސް ބިމެއް ނޫނީ ފްލެޓެއް ދޫކުރުން މަޑުޖައްސާލަން... އެހެންވީމާ އެ ހިސާބުން ދޫކޮށްފައި ހުރި ބިމެއް ނުވަތަ ފްލެޓަކަށް މި ސަރުކާރުން ބޭނުމެއް ނޫން އިހުތިރާމު ކުރާކަށެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މިހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ އޭރުގެ ސަރުކާރުން، ސިޔާސީ ވިސްނުމެއްގައި ވިޔަސް، އެއްވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަމަށެވެ.

"އެއީ ގޯތި ވިޔަސް، ފްލެޓް ވިޔަސް، ސިޔާސީ ވަޒީފާތައް ފިޔަވައި އެހެން ހުރިހާ ވަޒީފާތައް ވިޔަސް، ބޮޑުކުރާނެ ކަމަށް ބުނި މުސާރައެއް ވިޔަސް، ދޭނެ ކަމަށް ބުނި ލޯނެއް ކަމަށް ވިޔަސް ފަށާފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، ފަށާފައި ހުއްޓާލާފައި ފަށަން ނޭނގިފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް، މި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ،" ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވެ އެވެ.

ދޭން ނިންމި އެއްވެސް އެއްޗެއް ބަދަލު ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި އިތުރު ފަރާތްތަކަށް ވެސް އިތުރު ލުއިތަކާއި ފަސޭހަތަކާއި އިތުރު ކަންކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށާއި "ދިން އެއްޗެއް އަތުލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން" ކަމަށް އޭރު ރައީސް ވިދާޅުވި އެވެ.

"އެ ވެދާނެ ގޯސްކޮށް ދީފައިވާ އެއްޗަކަށް ވެސް. ސަރުކާރަކުން ނޫންތޯ އެ ކަމެއް ކޮށްދެނީ،" އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.