ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޭ ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން މިއަދު ފަށައިފި އެވެ.
12 ޖުލައި 2025
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޭ ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން މިއަދު ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރަން މިއަދު ފަށާފައިވާ ކަމަށެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ދޭ ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.
އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެއީ އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރުމުންނެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާއެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ.
އެމީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެންނެވެ.
ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ހަދާ އެއްބަސްވުމުގައި އަލުން ސޮއިކުރުމުގެ މަސައްކަތް ފެށިއިރު، ކުރީގެ ސަރުކާރުން އެމީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިިމާ ބެހޭ ގާނޫނުގައިވާ ގޮތުގައި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އެހެންވެ، ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުންތަކުގައި ވަނީ "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާ ކަމަށް ބަޔާންކޮށްފަ އެވެ.
އެކަމަކު، ޖޫން 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ މި ބަދަލު ފުށުއަރަ އެވެ. އެ އުސޫލުގައިވާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތަކީ "މާލެ ސަރަހައްދު [މާލެ، ހުޅުމާލެ، ވިލިނގިލި]ގައި" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރަޖިސްޓަރީވެފައި ނެތުމެވެ.
މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައިި ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނުގައި ވެސް ބުނީ ގޯތި ލިބުނު މީހުންނާއެކު ހަދާފައިވާ އެއްބަސްވުމާއި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
ގޯތި ދޭ އުސޫލުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ
ގޯތީގެ މައްސަލަ ހައްލުކުރަން އޭޖީ އޮފީހުގެ ލަފާހޯދަނީ
ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރަން ފަށަނީ
ގުޅިފަޅު ގޯތިތަކުގެ ގުރުއަތާމެދު ޝަކުވާއަށް ހުޅުވާލައިފި
ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގަން ފަށައިފި
އާ ޕްލޭނަށް ގުޅިފަޅުން ގޯތި ދޭން އަލުން ގުރުއަތުލަނީ
ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި