Roadha Mihaaru
ގޯތި ދޭ އުސޫލުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގެ މައްސަލަ އެންމެ ފުރަތަމަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި

11 ޑިސެމްބަރ 2022

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ގާނޫނީ ވަކީލުން ކަމަށްވާ ޝިހާދު އިބްރާހިމާއި ހަސަން ފަލާހު ހުށަހެޅުއްވި މައްސަލާގައި ހުކުމް އިއްވަވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ބަލަންޖެހޭ އަސާސީ ކަމަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެ ކަންތައްތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަންޖެހޭ ކަމެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް މެނުވީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ވިޔަސް ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް އެ މައްސަލައެއް ނުބެލޭނެ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު" ދީފައިވާ ގޮތަށް ބަލާއިރު ގޯތި ދިނުމުގައި ހައުސިން މިނިސްޓްރީން ނިންމާފައިވާ ގޮތް ފެތެނީ، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެ އިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ތެރެއަށެވެ. އެކަމަކު މައްސަލަ ހުށަހެޅުއްވި ބޭފުޅުން ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ގޯތި ދޭ "ބިންވެރިޔާ"ގެ އުސޫލަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގެ ބައެއް ކަމަށެވެ.

ނަމަވެސް ހުކުމުގައި ބުނީ، އެ އުސޫލަކީ ބިމާ ބެހޭ ގަވައިދުގެ ބައެއް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނެތް ކަމަށެވެ. ކޯޓަށް ހުށަހެޅި އުސޫލަކީ ބިމާ ބެހޭ ގާނޫނަށް ނުވަތަ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަކަށް ހަވާލާދީފައި ނެތް އެއްޗެއްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެހެންވެ، އެ އުސޫލާއި އުސޫލާ އެކު ނެރުނު އިއުލާނަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވައިދެއްގެ ދަށުން ނެރުނު އެއްޗެއްކަން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

ހުކުމުގައި ބުނީ ހައުސިން މިނިސްޓްރީން ކުރާ ކޮންމެ އިއުލާނަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ.

"މި މައްސަލާގައި ސުވާލު އުފައްދާ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް" ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔު އިއްވަވަމުން ވިދާޅުވި އެވެ.

އެއީ ހައި ކޯޓުގައި ފުރަތަމަ މަރުހަލާ އިން ބެލޭނެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ނިޔާޒްގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ ތާއީދާ އެކުގަ އެވެ. އެއީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ 3،000 ގޯއްޗަށް އެދުމުގެ ޝަރުތަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ މީހުން ކަމަށެވެ. އެކަމަކު ފަހުން އެ ބަދަލުކޮށް މިހާރު އޮތީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓަރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ ނަމަ އެއީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.