Roadha Mihaaru

ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާތީ: މުއްތަލިބް

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައީ ގާނޫނާ ފުށުއަރާތީ
އިފްރާޒް އަލީ
އިފްރާޒް އަލީ

07 ޖުލައި 2025

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަން ޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.

ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި މުއްތަލިބް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.

އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެކަމަށް އެދުމުން، އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގުޅިފަޅުގެ ގޯތިތަކުގެ އެއްބަސްވުންތަކަށް ގެނައި ބަދަލުގައި ވަނީ "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާ ކަމަށް ބަޔާންކޮށްފަ އެވެ.

އެކަމަކު، ޖޫން 26، 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ މި ބަދަލު ފުށުއަރަ އެވެ. އާންމުންގެ ކަންބޮޑުވުން އޮތީ އެ މައްސަލާގަ އެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"ގެ ތިންވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު [މާލެ، ހުޅުމާލެ، ވިލިނގިލި]ގައި" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރަޖިސްޓަރީވެފައި ނެތުން ކަމަށެވެެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި އޮތް ނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައިި ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.