Roadha Mihaaru
މުސާރައިގެ ފަރަގު ހައްލުކުރަން ގޫގުލް އިން 2.5 މިލިއަން ޑޮލަރު

މުސާރައިގެ ފަރަގު ހައްލުކުރަން ގޫގުލް އިން 2.5 މިލިއަން ޑޮލަރު ހޭދަކުރަން އެއްބަސްވެއްޖެ

04 ފެބުރުއަރީ 2021

ގޫގުލްގައި މަސައްކަތްކުރާ އަންހެން ސޮފްޓްވެއާ އިންޖިނިއަރުންނާއި އެ ކުންފުނީގެ އޭޝިއާގެ މުވައްޒަފުންގެ މެދުގައި ގެންގުޅުނު މުސާރައިގެ ފަރުގެ މައްސަލަ ހޫނުވުމުން އެ ކުންފުނިން އެކަން ހައްލުކުރަން 2.5 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގައި މަސައްކަތްކުރާ އަންހެން ސޮފްޓްވެއާ އިންޖިނިއަރުންނާއި އެ ކުންފުނީގެ އޭޝިއާގެ މުވައްޒަފުންގެ މެދުގައި ގެންގުޅުނު މުސާރައިގެ ފަރުގެ މައްސަލަ ހޫނުވުމުން އެ ކުންފުނިން އެކަން ހައްލުކުރަން 2.5 މިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.

މި މައްސަލާގައި އަލްފަބެޓުންގެ ދަށުން ހިންގާ ގޫގުލް އިން ބުނީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރަ އަށް މަސައްކަތްކުރުވި 5،500 އަންހެން މުވައްޒަފުންނާއި އޭޝިއާގެ މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ތަފާތު ކުރިއަށް އޮތް ތަނުގައި އެއްކޮށް ނައްތައިލާނެ ކަމަށެވެ. އެގޮތުން 2014-2017 އާ ދެމެދު ފެންމަތިވި މައްސަލަތަލައް ހައްލުޖުރަން 2.5 މިލިއަން ޑޮލަރު ހޭދަކުރާނެކަން ގޫގުލް އިން މިހާރު ވަނީ އެ މައްސަލަ ބެލި އެމެރިކާގެ ލޭބާ ޑިޕާޓްމަންޓަށް ވެސް އަންގައިފަ އެވެ.

އެ ކުންފުނިން ބުނީ މުވައްޒަފުންނަށް އުޖޫރަ ލިބެން ވާނީ އެ ބަޔަކު އަދާކުރާ މަގާމާ އެއްވަރަށް ކަމަށް ގަބޫލުކުރާ ކަމަށާއި އެއް މަސައްކަތެއް ކުރާ ދެ ޖިންސްގެ މުވައްޒަފުންގެ މަދުގައި މުސާރައިގެ ފަރަގެއް އޮވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަކަށް ކުންފުނީގެ އުސޫލުތައް ހަރުދަނާކުރާނެ ކަމަށް ބުންޏެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން އިންޖިނިއަރުންގެ އުޖޫރައިގެ ގޫގުލް ބޮޑު ފަރަގެއް ގެންގުޅުނީ އެމެރިކާގެ ކެލިފޯނިއާ އާއި ވޮޝިންޓަނާއި ސިއޭޓްލް އާއި ކާކްލެންޑްގެ އިތުރުން މައުންޓް ވިއުގެ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގަ އެވެ.

އެގޮތުން އެ ތަންތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ތެރެއިން 2،565 މުވައްޒަފެއްގެ މުސާރައިގެ މައްސަލަ ހައްލުކުރަން ޖުމްލަ 1,353,052 ޑޮލަރު ގޫގުލް އިން ހޭދަކުރާނެ އެވެ. އަދި މުވައްޒަފުންނަށް ލިބެން ޖެހޭ އިންޓަރެސްޓާ އެކު 1،757 އަންހެން މުވައްޒަފަކާއި އޭޝިއާ އަށް ނިސްބަތްވާ 1،219 މުވައްޒަފަކަށް 1,232,000 ޑޮލަރު ހޭދަކުރާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ކެލިފޯނިއާ އާއި ވޮޝިންޓަނާއި ސިއޭޓްލް އާއި ކާކްލެންޑްގެ އިތުރުން މައުންޓް ވިއުގެ އޮފީސްތަކުގެ އަންހެން މުވައްޒަފުންގެ މުސާރަ އަށް އިތުރު 3.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ހަމަޖައްސައިފަ އެވެ.

ގޫގުލްގެ އަންހެން މުވައްޒަފުންގެ މެދުގައި ގެންގުޅުނު މުސާރައިގެ ފަރަގުގެ މައްސަލަ ފެންމަތި އިރު، އޭގެ ބެލެނިވެރި ކުންފުނި އަލްފަބެޓަކީ އަހަރަކު 130 ބިިލިއަން ޑޮލަަތުގެ އާމްދަނީއެއް ވަންނަ ކުންފުންޏެވެ.

އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ.

އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ.

މުސާރައިގެ ފަރަގުގެ މައްސަލަ ހައްލުކުރަން ގޫގުލް އިން އެއްބަސްވުމަކަށް އައި އިރު، މ މައްސަލާގައި މިދިޔަ ޖެނުއަރީ މަހު މުވައްޒަފުން ވަނީ "އަލްފަބެޓް ވޯކާސް ޔުނިއަން" ގެ ނަމުގައި ޖަމާއަތެއް ވެސް ހަދައިފަ އެވެ. މީގެ ބޭނުމަކީ މުވައްޒަފުންގެ ހައްގުތައް ހޯދަން ގޮވާލައި ކުންފުނި ޖަވާބުދާރީކުރަން ބާރުއެޅުމެވެ. އެ ޔުނިއަންގެ މެމްބަރުންގެ އަދަދު މިހާރު 800 އަށް ވުރެ ގިނަ އެވެ.

ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކުންފުނީގެ ތެރޭގައި ހުރި އުޖޫރައިގެ ފަރާ ގުޅޭ މައްސަލައް ދެނެގަތުމަށް ފާއިތުވި އަށް އަހަރުގެ ތެރޭގައި އިންޓާނަލް ޕޭ އިކުއިޓީ އެނަލިލިސްއެއް ހަދާފައި ވާނެ އެވެ.

"އެހެންވީމަ ކުރިން މައްސަލަތައް ދިމާވެފައި ހުރި ދުވަސްތަކުގެ އުޖޫރައިގެ މައްސަލަ ހައްލުކޮށް ދެން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރާނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ވަރަށް ބޮޑު އުފަލެއް." ގޫގުލް އިން ބުންޏެވެ.

މީގެ 22 އަހަރު ކުރިން ވުޖޫދަށް އައި ގޫގުލްގެ މުވައްޒަފުންގެ އަދަދު މިހާރު 13،120 އަށް ވުރެ ގިނަ އެވެ.