Roadha Mihaaru

ޗައިނާ ތައްޔާރުވަނީ އޭޝިއާގައި އަސްކަރީ ބާރުގެ ބޭނުންކުރަން: އެމެރިކާ

އޭޝިއާގެ "ބެލެންސް އޮފް ޕަވަ" ނައްތާލަން އަސްކަރީ ބާރުގެ ބޭނުން ހިފަން ޗައިނާއިން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ޗައިނާއިން އޭޝިއާގައި އަސްކަރީ ބާރު ހިންގާނެ: އެމެރިކާ

އޭޝިއާގެ "ބެލެންސް އޮފް ޕަވަ" ނައްތާލަން އަސްކަރީ ބާރުގެ ބޭނުން ހިފަން ޗައިނާއިން ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ސިންގަޕޫރުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސެކިއުރިޓީ ކޮންފަރެންސެއް ކަމަށްވާ ޝަންގްރިއްލާ ޑަޔަލޮގް ސަމިޓްގައި، ބެލެންސް އޮފް ޕަވަ ނުވަތަ އަސްކަރީ ބާރުގެ ހަމަހަމަކަން ނައްތާލަން ޗައިނާއިން އުޅޭ ކަމަށް ތުހުމަތުކޮށް ހެގްސެތު ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާއިން ކޮންޓްރޯލް ހޯދަމުންދާތީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތް ޗައިނާގެ މަންދޫބުން ވަނީ ހެގްސެތުގެ ތަގުރީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތި ކުރެއްވި ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްރަމްޕް ވަނީ ޗައިނާއާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފަށައި، މުހިންމު އޭއައި ޓެކްނޮލޮޖީ ޗައިނާއަށް ލިބޭނެ މަގުތައް ހަނިކޮށްފަ އެވެ. އަދި ޗައިނާއާ އަސްކަރީ ނުތަނަވަސްކަން އޮންނަ ސަރަހައްދީ ގައުމުތައް ކަމަށްވާ ފިލިޕީންސް ފަދަ ގައުމުތަކާ އެކު އެމެރިކާއިން ދަނީ ގުޅުން ބަދަހިކުރަމުންނެވެ.

"ޗައިނާގެ ސެކިއުރިޓީ ނުރައްކަލަކީ ހަގީގަތެއް. އަދި އެކަން އޮތީ ވަރަށް ގާތުގައި،" އެކި ގައުމުތަކުން ޑިފެންސް އޮފިޝަލުން ބައިވެރިވެ ވަޑައިގަތް ސަމިޓުގައި ހެގްސެތު ވިދާޅުވި އެވެ.

ޗައިނާއިން ދަނީ "އިންޑޯ-ޕެސިފިކް ސަރަހައްދުގެ 'ބެލެންސް އޮފް ޕަވަ' ބަދަލުކުރުމަށް އަސްކަރީ ފިޔަވަޅުތައް އަޅަން ހަމަ ހަގީގަތުގައި ވެސް ތައްޔާރުވަމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އަސްކަރިއްޔާއިން ޓައިވާނަށް އަރައިގަތުމުގެ ގާބިލުކަން އުފައްދަމުން އަންނަ ކަމަށާއި އެފަދަ ހާލަތަކަށް ތައްޔާރުވެ ފަރިތަކުރަމުން އަންނަ ކަމުގެ އިންޒާރު ވެސް ހެގްސެތު ދެއްވި އެވެ. -- އޭއެފްޕީ