Roadha Mihaaru

އިޒްރޭލް ކުށްވެރިކޮށް ޝީ ޖިންޕިން އާއި ޕުޓިންގެ އިންޒާރު އެމެރިކާ އަށް

އިޒްރޭލުން އިސްވެ މިދިޔަ ހުކުރު ދުވަހު އިރާނަށް ހަމަލާ ދިނުމުން ހަމަނުޖެހުންތައް އުތުރު އެރި މައްސަލާގައި އިޒްރޭލްގެ އަމަލުތައް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ޕުޓިން ކުށްވެރި ކުރައްވައިފި އެވެ.

އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!

އިޒްރޭލުން އިސްވެ މިދިޔަ ހުކުރު ދުވަހު އިރާނަށް ހަމަލާ ދިނުމުން ހަމަނުޖެހުންތައް އުތުރު އެރި މައްސަލާގައި އިޒްރޭލްގެ އަމަލުތައް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ޕުޓިން ކުށްވެރި ކުރައްވައިފި އެވެ.

ރަޝިއާގެ ލިޑަރު ޕުޓިން އާއި ޗައިނާގެ ޝީ ޖިންޕިންގެ ދެމެދުގައި އިއްޔެ ވަނީ ފޯނު މެދުވެރިކޮށް އިޒްރޭލް-އިރާންގެ ހަމަނުޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެ ފޯން ކޯލްގައި ޕުޓިން ވިދާޅުވީ، އިޒްރޭލުން ބައިނަލްއާވާމީ ގާނޫނުތަކާ ހިލާފު ވެއްޖެ ކަމަށެވެ. އިޒްރޭލުން ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމު ކުރުމަށް ބާރު އަޅުއްވާ ކަމަށް ފޯންކޯލްގައި ޕުޓިން ވިދާޅުވި ކަމަށް މީޑިއާތަކުން ބުންޏެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، މިދިޔަ ހަފުތާގައި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އަށް ގުޅުއްވި އެވެ. އެކަމަކު ޕުޓިންއާ އެކު ކުރިއަށް ގެންދިޔަ ފޯނުކޯލްގައި ޝީ ޖިންޕިންގެ ތާއީދު ސީދާ އިރާނަށް ދޫކޮށެއް ނުލައްވަ އެވެ.

ޝީ ވިދާޅުވީ އިޒްރޭލާއި އިރާނުން ވެސް ހަމަނުޖެހުންތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަމަކު ވަކިން ހާއްސޮށް އިޒްރޭލުން ހަމަލާތައް ހުއްޓާލުމަށް ޝީ ގޮވާލެއްވި އެވެ.

އިޒްރޭލަށް އަބަދުވެސް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އޮތީ ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމަށް ތައްޔާރު ވެފަ އެވެ. އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އިރަނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ރުހުން ދީފަ އެވެ. އެކަމަކު އެ ޕްލޭން ތަންފީޒު ކުރަން ފެށުމާ މެދު ގޮތެއް ނިންމަން ޓްރަމްޕް ވަނީ ދެ ހަފުތާގެ މުއްދަތެއް ދެއްވައިފަ އެވެ.

ޕުޓިން އާއި ޝީ ޖިންޕިން ވަނީ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ޓްރަމްޕަށް ގޮވާލައްވައިފަ އެވެ. އެ ދެ ލީޑަރުން ވިދާޅުވީ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ މެދއިރުމަތީގެ ސަރަހައްދު އިތުރަށް ނުރައްކާ ވެދާނެ ކަމަށެވެ.

ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި އެކަން ހުއްޓުވައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާ ބައިވެރިވުން މާ މުހިންމު ކަމަށް ޝީ ޖިންޕިން އާއި ޕުޓިން ވެސް އެމެރިކާ އަށް އިލްތިމާސް ކުރެއްވި އެވެ.