Roadha Mihaaru

އިޒްރޭލާއި އިރާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއް: ޓްރަމްޕް

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.

"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަނުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އޭބީސީ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ، އެ ހަމަނުޖުންތަކަށް އެމެރިކާ ވަނުމުގެ އިތުރުން އެ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އެ ގައުމާ އެކު ކުރިއަށް ގެންދާ ކަމަށެވެ. އިޒްރޭލުން އިރާނަށް ހަމަލާ ދެމެން ގެންދާތީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެއްބަސްވުމެއް ހަދަން ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް އިރާނުން މިހާރު ބޭނުން ވެދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"އެހެންވީމާ އަހަރެމެން [އެމެރިކާ] މި ކަމުގައި [މި ހަމަނުޖެހުންތަކުގައި] ޝާމިލުވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކެމެރާއާ ނުލައި ދެއްވި އިންޓަވިއުގައި ޓްރަމްޕާ ހަވާލާދީ އޭބީސީން ބުންޏެވެ.އެކަމަކު އަދި މިހާތަނަށް އެ ހަމަނުޖެހުންތަކާ ގުޅިގެން އަސްކަރީ އެއްވެސް ފިޔަވަޅެއް އެމެރިކާއިން އަޅާފައި ނުވާނެކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންކަމަށް އިރާން އެއްބަސް ކުރުވުމަށް ބާރު އެޅުމުގެ ގޮތުން އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތައް ފަދަ ހަރަކާތެއް ހިނގަން ޖެހެ އެވެ.

"މިކަމުގެ ސަބަބުން [ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ] އެއްބަސްވުމަކަށް ދާން އިރާނަށް މަޖުބޫރު ވެދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ނުވަވަނަ ބައްދަލުވުން މި ހަފުތާގައި ބާއްވަން ކުރިން އޮތީ ތާވަލު ކޮށްފަ އެވެ. އެކަމަކު އެ ބައްދަލުވުން ފަހުން ކެންސަލް ކުރީ އެވެ.

ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުގެ ދަށަށް އައުމަށް އިރާނަށް ފުރުސަތު ބަންދު ނުވާނެ ކަމަށެވެ.

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ކުރިއަށް ގެންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވަން ރަޝިއާގެ ރައީސް ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އޭނާ [ޕުޓިން] ހުންނެވީ ތައްޔާރަށް، އެކަމާ ގުޅޭގޮތުން އޭނާ އަޅުގަނޑަށް ގުޅުއްވި. އެކަމާ ބެހޭ ގޮތުން ދިގުކޮށް ވާހަކަ ދެއްކެވި،" ޓްރަމްޕް ވިދާޅުވި އެވެ.