Roadha Mihaaru

އިޒްރޭލުން ހާމަނާއީ އަވަހާރަކޮށްލައިފި ނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނަން: ރަޝިއާ

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް މިހާރު ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ހާމަނާއީ އަވަހާރަކޮށްލައިފިނަމަ ރަޝިއާ މަޑަކުން ނޯންނާނެ

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް މިހާރު ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕަސްކޯވް ވިދާޅުވީ، ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަމުން އުފެދޭ ހަމަނުޖެހުން މާ ނުރައްކާ ވާނެ ކަމަށެވެ.

އިރާނާއި ރަޝިއާއާ ދެމެދު މިދިޔަ ޖެނުއަރީ މަހު ވަނީ ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ ދެ ގައުމުގެ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮވެ އެވެ.

އިޒްރޭލްގެ ޑިވެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް އިއްޔެ ބުނީ އިރާނަށް ދެމުންދާ ހަމަލާތަކުގެ މަގުސަދަކީ ހާމަނާއީ އަވާހަރަކޮށްލުން ކަމަށެވެ.

އޭނާގެ ވާހަކަ އަށް ރައްދު ދެއްވަމުން ޕުޓިންގެ ތަރުޖަމާން ޕަސްކޯވް ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލައިފި ނަމަ އެކަމާ ރަޝިއާ އިން ކުރިމަތިލާނީ "ނެގެޓިވްކޮށް" ކަމަށެވެ.

ޕަސްކޯވް ވިދާޅުވިގޮތުގައި، ހާމަނާއީ އަވާހަރަކޮށްލުމުން ބަދަލު ހިފަން އިރާނުން ނުކުންނައިރު ހަރުކަށި ވިސްނުންތަކެއްގައި ބަޔަކު ނުކުމެދާނެ އެވެ.

އޭނާ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރަށް އިޒްރޭލުން ކުރާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލެއްވީ އިޒްރޭލާއި އިރާނުން ވެސް ހަމަނުޖެހުންތައް ހުއްޓާލުމަށެވެ. ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ވެސް ޕުޓިން އާއި ޝީ ޖިންޕިން ވަނީ އެމެރިކާ އަށް ގޮވައިލައްވައިފަ އެވެ.

އެ ދެ ލީޑަރުން ގަބޫލުކުރައްވާ ގޮތުގައި ހަމަނުޖެހުންތައް ހުއްޓުވަން ނޫޅެ އެމެރިކާ ހަމނގުރާމަ އަށް ވަނުމަކީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ހިނގައިދާނެ ސަބަބެކެވެ.