Roadha Mihaaru
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް

ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް

15 އޯގަސްޓް 2023

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާ އާއި ބެލަރޫސް އެކަހެރި ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނިކޮށް، ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ އެ ދެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާ އާއި ބެލަރޫސް އެކަހެރި ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނިކޮށް، ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ އެ ދެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފި އެވެ.

ޗައިނާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ހަ ދުވަހުގެ މި ދަތުރުގައި މިނިސްޓަރު ލީ އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށެވެ. އޭނާގެ މި ދަތުރުގައި، މޮސްކޯގައި އޮންނަ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މަހާސިންތާ (މެޖޯރިޓީ ވޯލްޑް ކަންޓްރީސް)ގައި ތަގުރީރު ކުރައްވައި، ރަޝިޔާ އާއި އެހެން ބައެއް ގައުމުތަކުގެ ދިފާއީ ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.

ހުޅަނގުގެ އިންތިޒާމުތަކުގެ ބޭރުން، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ތަރައްގީކުރުމާ ބެހޭ ގޮތުން ބާއްވާ އެ މަހާސިންތާގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ތަގުރީރު ކުރައްވާނެ އެވެ. ރަޝިޔާ އިން ބުނި ގޮތުގައި މި މަހާސިންތާގައި ބައިވެރިވުމަށް ދުނިޔޭގެ 100 ވަރަކަށް ގައުމަށާއި ބައިނަލްއަގުވާމީ އަށް ޖަމިއްޔާއަކަށް ވާނީ ދައުވަތު ދީފަ އެވެ.

މި މަހާސިންތާ އަށް ޗައިނާގެ ދިފާއީ ވަޒީރު ވަޑައިގެންނެވި އިރު، ދެ ގައުމުގެ ގުޅުމާއި ދެ ގައުމު ކަންބޮޑުވާ ކަންކަމާ ބެހޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މިދިޔަ މަހެއްހާ ދުވަހު އެކި ފަހަރުމަތިން މަޝްވަރާ ކުރައްވައިފަ އެވެ. ހުޅަނގުން ބުނާހާ ގޮތެއް ހެދުމުގެ ބަދަލުގައި މިނިވަން އިންތިޒާމެއްގެ ތެރެއިން ގައުމުތަކުގެ ޑިޕްލޮމެސީ ދެމެހެއްޓޭނެ ގޮތަކަށް ކަންތައް ބަދަލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަނީ ރަޝިޔާ އާއި ޗައިނާ އެވެ.

މޮސްކޯގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިނިސްޓަރު ލީ ދެން ވަޑައިގަންނަވާނީ ބެލަރޫސް އަށެވެ. ބެލަރޫސް އަށް ވަޑައިގެން އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އާއި އެ ގައުމުގެ ކެބިނެޓް މެމްބަރުންގެ އިތުރުން އަސްކަރިއްޔާގެ އިސް ވެރިންނާ އެކު ވެސް، މިނިސްޓަރު ލީ މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ އެވެ.

ފެބްރުއީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގައި، ރަޝިޔާ ސިފައިން ވަނީ ބެލަރޫސްގެ ބިން ވެސް ބޭނުންކޮށްފަ އެވެ. ޔޫކްރޭންގެ އުތުރު ފަރާތުން ރަޝިޔާ ސިފައިން ޔޫކްރޭނަށް ވަދެގަތީ ބެލަރޫސްގެ ތެރެއިންނެވެ.