02 މާޗް 2023
ރަޝިޔާ އާއި ޔޫކްރޭނުން ހަމަލާ ބަދަލުކުރުން ހުއްޓާލައި، މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށުމަށް، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ގޮވައިލައްވައިފި އެވެ.
ރަޝިޔާ އާއި ޔޫކްރޭނުން ހަމަލާ ބަދަލުކުރުން ހުއްޓާލައި، މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށުމަށް، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިއްޔެ ގޮވައިލައްވައިފި އެވެ.
ރައީސް ލުކަޝެންކޯ މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ރައީސް ޝީ ޖިންގްޕިންގްއާ އެކުގައި މަޝްވަރާ ކުރެއްވުމަށް ފަހު، އާންމުކުރި ގުޅިފައިވާ ބަޔާނުގައި ދެ ރައީސުން ވެސް ވަނީ، ހަނގުރާމައާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަން ހާމަ ކުރައްވައިފަ އެވެ. ޔޫރަޕްގެ ސަރަހައްދުގައި ވަރުގަދަ ހަނގުރާމައެއް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެ، ދެ ބޭފުޅުން ވެސް ވަނީ، ވީއެންމެ އަވަހަކަށް ޔޫކްރޭން މައްސަލަ އަށް ސުލްހަ ގެނައުމަށް ގޮވާލައްވައިފަ އެވެ.
"މިހާރު އުފެދިފައިވާ ކޯޅުންގަނޑު އިތުރަށް ފުޅާވިޔަ ނުދީ އަދި ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި މަސައްކަތްކޮށްދިނުމަށް ބެލަރޫސް އާއި ޗައިނާ ވަރަށް ބޮޑަށް ޝައުގުވެރިވޭ، އަދި މިތިބީ އެކަމުގައި އެހީތެރިވެދޭން ތައްޔާރަށް،" ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
މާޗް 1، 2023؛ ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އާއި ބެލަރޫސް ސަރުކާރުގެ ވަފްދު ޗައިނާ އަށް ކުރާ ރަސްމީ ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއި ޗައިނާގެ އިސް ވެރިންނާ އެކުގައި މަޝްވަރާ ކުރައްވަނީ. --އޭއެފްޕީ
ޗައިނާ އާއި ބެލަރޫސްއަކީ ވެސް މިހާރު ހިނގަމުންދާ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް ތާއީދުކުރާ އަދި ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި އިރު، ރަޝިޔާ ސިފައިން ޔޫކްރޭންގެ އުތުރު ފަރާތަށް ވަދެގަތީ ބެލަރޫސްގެ ތެރެއިންނެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޗައިނާ އިން ގޮވާލަމުން އަންނަނީ ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒު ދޮށުން މައްސަލަ ހައްލުކުރުމަށެވެ. އަދި މިދިޔަ ހަފުތާގައި ޗައިނާ އިން ވަނީ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް ރަޝިޔާ ސަރުކާރަށް ހުށަހަޅައިފަ އެވެ.
މި މައްސަލައިގައި ރަޝިޔާ އިން އެންމެ ފަހުން ބުނެފައިވަނީ، މައްސަލަ ހައްލުކުރުމަށްޓަކައި، ހަމަލާ ބަދަލުކުރުން ހުއްޓާލައި ސުލްހައިގެ މޭޒު ދޮށަށް އާދެވިދާނެ ކަމަށެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލިޔަސް، މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް އަނބުރާ ޔޫކްރޭނަށް ނުލިބޭނެ ކަމަށެވެ.
ޗައިނާ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ ރައީސް ޝީ އިއްޔެ ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ މުޖްތަމައަށް މިހާރު އަރަމުންދާ ލޮޅުންތަކާއި ކުރިމަތިވަމުން އަންނަ ހަލަބޮލިކަމަށް ރިއާޔަތްކުރާ އިރު، ބެލަރޫސްއާ އެކުގައި ގާތް ގުޅުމެއް އުފެއްދުމަށް ޗައިނާ ކެތްމަދުވެފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މަސްރަހު އިތުރަށް ހަލަބޮލި ނުކުރުމަށް އޭނާ ވަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ނުސީދާ ގޮތެއްގައި ގޮވާލައްވައިފަ އެވެ.
"ކަމާ ގުޅުން ހުރި ގައުމުތަކުން ވެސް ދުނިޔޭގެ އިގްތިސާދު އެއީ އެމީހުންގެ ނުފޫޒު ދަމަހައްޓާ އާލާތަކަށް ހެދުމާއި، ދުނިޔޭގެ އިގްތިސާދު ސިޔާސީ ކުރުން ހުއްޓައިލަންވެއްޖެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރެވޭ ފަދަ ހަގީގީ ފިޔަވަޅުތަކެއް އެ ގައުމުން ވެސް އަޅަންވެއްޖެ،" ރައީސް ޝީ އިއްޔެ ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު ރައީސް ލުކަޝެންކޯ ވިދާޅުވި ގޮތުގައި އެއްވެސް ބަޔަކަށް ކާމިޔާބު ލިބުމެއް ނެތް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ވަގުތު މިއޮތީ ޖެހިފަ އެވެ.
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް
ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން
ޗައިނާ އަށް ވަޑައިގަތުމަށް ޕުޓިން އަށް ދައުވަތެއް
ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރައީސް ޝީ ރަޝިޔާ އަށް
ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް ރައީސް ޝީ ރަޝިޔާ އަށް
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ބެލަރޫސްގެ ސިފައިން ޔޫކްރޭނަށް އަރަން ތައްޔާރުވަނީ
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ