Roadha Mihaaru
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ

ޔޫކްރޭންގެ ސުލްހައިގެ ހުށަހެޅުމަށް ސައޫދީގައި މަޝްވަރާކުރަނީ

06 އޯގަސްޓް 2023

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ސައޫދީ ސަރުކާރުން އިސްނަގައިގެން އެ ގައުމުގެ ޖިއްދާގައި އިއްޔެ ފެށި ސުލްހައިގެ މަޝްވަރާތަކުގައި، ޔޫކްރޭނުން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް، މަޝްވަރާ ކުރަން ފަށައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ބެހޭ ގޮތުން، ސައޫދީ ސަރުކާރުން އިސްނަގައިގެން އެ ގައުމުގެ ޖިއްދާގައި އިއްޔެ ފެށި ސުލްހައިގެ މަޝްވަރާތަކުގައި، ޔޫކްރޭނުން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް، މަޝްވަރާ ކުރަން ފަށައިފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ބައިވެރިވެވަޑައިގެން އިއްޔެ ފެށި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަމުން އަންނަނީ، ޔޫކްރޭންގެ ހުށަހެޅުމާ ބެހޭ ގޮތުންނެވެ. އެ ހުށަހެޅުމުގައި ޔޫކްރޭނުން ހިމަނާފައިވަނީ، ޗައިނާ އާއި އެފްރިކާގެ ބައެއް ގައުމުތަކުން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭންގައި ހިމެނޭ މައިގަނޑު 10 ނުކުތާ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ފުރަތަމަ ނުކުތާއަކީ، ޔޫކްރޭންގެ އެއްގަމާއި ކަނޑުގެ ހުރިހާ ސަރަހައްދަކުން ރަޝިޔާ ސިފައިން ފައިބައި، ޔޫކްރޭންގެ ސަރަހައްދީ މިނިވަންކަން ރަޝިޔާ އިން ބަލައިގަތުމެވެ. މި ބައްދަލުވުމުގައި ސާޅީހަކަށް ގައުމުގެ މަންދޫބުން ބައިވެރިވާ އިރު، އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އަދި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގެ މަންދޫބުން ހިމެނެ އެވެ.

އޭގެ އިތުރުން ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކާއި އެފްރިކާގެ އިއްތިހާދުގައި ހިމެނޭ ގިނަ ގައުމުތަކެއް ވެސް މި މަޝްވަރާތަކުގައި ބައިވެރިވެ އެވެ. އަދި ޗިލީ، މެކްސިކޯ، އިންޑޮނީޝިޔާ، މިސްރު، ޒެމްބިއާ ފަދަ ގައުމުތައް ވެސް މި މަޝްވަރާތަކުގައި ބައިވެރިވެ އެވެ.

މި މަޝްވަރާތަކުގައި ވަކި ފަރާތަކަށް ނުޖެހި ރިއާސަތު ބަލަހައްޓަމުން އަންނަ ސައޫދީ ސަރުކާރުން ބުނި ގޮތުގައި މި މަޝްވަރާތަކުގެ ހަމައެކަނި މަގްސަދަކީ ޔޫކްރޭން ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމެވެ. އިއްޔެގެ މަޝްވަރާތަކަށް ފަހު ޔޫކްރޭނުން ބުނީ، އެ ގައުމުން ހުށަހެޅި ސުލްހައިގެ ރޭވުމަށް ގިނަ ގައުމުތަކެއްގެ ތާއީދު ލިބިފައިވާ ކަމަށެވެ.

ޖިއްދާގައި އިއްޔެ މި ބައްދަލުވުން ފެށީ، މިދިޔަ ޖޫން މަހުގެ ޑެންމާކްގެ ކޮޕަންހޭގަންގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކަށް ފަހުގައި، ސުލްހަ ގާއިމުކުރުމުގެ ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަށް މަގު ފަހިކުރުމުގެ ގޮތުންނެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ބައެއް ބިންތައް ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. މި ހަނގުރާމައިގައި ދެ ގައުމުގެ ސިފައިންގެ ތެރެއިން މަރުވި މީހުންގެ ސާފު އަދަދެއް ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން މިހާތަނަށް އާންމެއް ނުކުރެ އެވެ.

މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިން މިހާރު ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ފަށައިފަ އެވެ. އެމެރިކާ އާއި ވިލާތުގެ ގިނަ ގައުމުތަކެއްގެ އަސްކަރީ ހަތިޔާރާއި ފަންނީ އެހީތެރިކަމުގައި ދެމުންދާ މި ހަމަލާތަކުގައި ރަޝިޔާ އަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

އެ ގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ރަޝިޔާގެ އަމާޒުތަކަށް ޔޫކްރޭނުން ދެމުންދާ ޑްރޯން ހަމަލާތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލައި އެތެރެއަށް ވަދެ ވެރިރަށް މޮސްކޯގެ އަމާޒުތަކަށް ދެމުންދާ ޑްރޯން ހަމަލާތަކެވެ.