Roadha Mihaaru
ޔޫކްރޭންގެ ސުލްހައިގެ މަހާސިންތާއެއް ސައޫދީގައި

ޔޫކްރޭންގެ ސުލްހައިގެ މަހާސިންތާއެއް ސައޫދީގައި

31 ޖުލައި 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހުށަހެޅުއްވި ސުލްހައިގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައޫދީ އަރަބިއްޔާގައި މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހުށަހެޅުއްވި ސުލްހައިގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައޫދީ އަރަބިއްޔާގައި މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.

ރައީސް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އެންޑްރީ ޔެރްމަކް އިއްޔެ ވިދާޅުވި ގޮތުގައި ސުލްހައިގެ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައޫދީ އަރަބިއްޔާގައި ބާއްވާ މަހާސިންތާގައި އެކި ގައުމުތަކުން ބައިވެރިވާނެ އެވެ. އަދި އެ މަހާސިންތާގެ ތައްޔާރީތައް ސައޫދީ ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި މަހާސިންތާ ބާއްވަނީ ސައޫދީގެ ކޮން ސަހަރެއްގައި ކަމެއް އަދި ބާއްވާނެ ތާރީޚެއް ވެސް ޔޫކްރޭނުން ނުބުނެ އެވެ. އަދި މި މަހާސިންތާގައި ބައިވެރިވާނީ ކޮން ގައުމުތަކަކުން ކަމެއް ވެސް ޔޫކްރޭނުން ނުބުނެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުގައި ޔޫކްރޭން ސުލްހައިގެ މަހާސިންތާ އޮންނާނީ، އޮގަސްޓް 5 އަދި 6 ވަނަ ދުވަހު ސައޫދީގެ ބަނދަރު ސަހަރެއް ކަމަށްވާ ޖިއްދާގަ އެވެ. އަދި އެ މަހާސިންތާގައި މަދުވެގެން 30 ގައުމެއްގެ ޑިޕްލޮމެޓުން ބައިވެރިވެ، ޒެލެންސްކީގެ ހުށަހެޅުއްވުން ތަންފީޒުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ޒެލެންސްކީގެ ހުށަހެޅުއްވުމާ މެދު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު، މިއަހަރުގެ ފަހުކޮޅު ބާއްވާ، ވެރިން ފެންވަރުގެ މަހާސިންތާއެއްގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑެވެ.

ޒެލެންސްކީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސައޫދީގައި ބާއްވާ މަހާސިންތާގެ ބައިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ، ޔޫކްރޭނުން ހުށަހަޅާފައިވާ ސުލްހައިގެ އަސާސީ 10 ނުކުތާގެ މައްޗަށެވެ. އެ ހުށަހެޅުން ތަންފީޒު ކުރުމުން، ޔޫކްރޭންގައި ސުލްހަ ގާއިމުވުމުގެ އިތުރުން، ކުރިމަގުގައި އެފަދަ އުދުވާނެއް ކުރިމަތިނުވާނެ ފަދަ އިންތިޒާމެއް ވެސް ހަމަޖެހިގެންދާނެ އެވެ.

މީގެ ކުރިން ޔޫކްރޭނުން ބުނެފައިވާ ގޮތުގައި އެ ގައުމުން ހުށަހަޅާ ސުލްހައިގެ އަސާސީ 10 ނުކުތާގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، އެ ގައުމުގެ ބިމުގެ އެއްބައިވަންތަކަން ގާއިމުކުރުމެވެ. އެކަން ހާސިލުކުރެވޭނީ ޔޫކްރޭންގެ ހުރިހާ ބިންތަކުން ރަޝިޔާ ސިފައިން ފައިބައިގެންނެވެ.

އޭގެ އިތުރުން ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ހުރިހާ އަސީރުން މިނިވަން ކުރުމާއި، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ޒިންމާ އުފުލަންޖެހޭ އެންމެން ޝަރީއަތަށް ހުށަހެޅުމާއި، ޔޫކްރޭންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ވެސް، އެ 10 ނުކުތާގެ ތެރޭގައި ހިމެނެ އެވެ.

ޒެލެންސްކީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޔޫކްރޭންގައި ސުލްހަ ގާއިމުކުރުމާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއް ނިންމަން ވާނީ، ޔޫކްރޭނުން ހުށަހަޅާފައިވާ ސުލްހައިގެ 10 ނުކުތާގެ މައްޗަށެވެ. ސަބަބަކީ، ހަނގުރާމަ ކުރަމުން ދަނީ ޔޫކްރޭނާ ދެކޮޅަށް ޔޫކްރޭންގެ ބިމުގައި ކަމަށް ވާތީ އެވެ.