Roadha Mihaaru
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ

ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ: އެމެރިކާ

06 ސެޕްޓެމްބަރ 2023

އުތުރު ކޮރެއާ އިން ރަޝިޔާ އަށް ހަތިޔާރު ވިއްކައިފިއްޔާ، އުތުރު ކޮރެއާ އިން އެކަމުގެ ނުރައްކަލާ ކުރިމަތިލައި ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށް އެމެރިކާ އިން އިއްޔެ އިންޒާރުކޮށްފި އެވެ.

އުތުރު ކޮރެއާ އިން ރަޝިޔާ އަށް ހަތިޔާރު ވިއްކައިފިއްޔާ، އުތުރު ކޮރެއާ އިން އެކަމުގެ ނުރައްކަލާ ކުރިމަތިލައި ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށް އެމެރިކާ އިން އިއްޔެ އިންޒާރުކޮށްފި އެވެ.

އެމެރިކާ އިން މި މޭރުމުން އުތުރު ކޮރެއާ އަށް މި އިންޒާރު ކުރީ، ރަޝިޔާ އަށް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް، މިދިޔަ ހަފުތާގައި އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނިކޮށެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވީ، ހަތިޔާރުގެ ވިޔަފާރިއާ ބެހޭ ގޮތުން ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދުގައި ކުރަމުން އަންނަ މަޝްވަރާތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމެރިކާ އަށް ގަބޫލުކުރެވޭ ކަމަށެވެ.

"ފިނި މޫސުމުގެ ތެރެއަށް ވަންނަމުން ދާއިރު، ގޭބިސީތައް ހޫނުކޮށްދޭ ވަސީލަތްތައް ހަލާކުކޮށްލުމަށާއި، ގޮވާން އުފައްދާ ތަންތަނަށް ހަމަލާދީ ހަލާކުރުމަށްޓަކައި، އަދި ސިޔާދަތީ މިނިވަންކަން ލިބިގެންވާ ގައުމެއްގެ ބިން އަޅުވެތިކުރުމަށްޓަކައި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް ރަޝިޔާ އަށް ހަތިޔާރު ދިނުމަކީ، އުތުރު ކޮރެއާ އަށް އޭގެ ސަބަބުން ރަނގަޅެއް ހާސިލުވާނެ ކަމެއް ނޫން. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައުގައި އުތުރު ކޮރެއާ އިން އެކަމަށް ބޮޑު އަގެއް ދައްކަންޖެހޭނެ،" ޖެކް ސުލީވާން ވިދާޅުވި އެވެ.

އެމެރިކާ އިން އުތުރު ކޮރެއާ އަށް އިންޒާރު ކުރި އިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖުން އުން މަޝްވަރާ ބައްދަލުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް، އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރަޝިޔާ އިން ބުނީ ދެ ގައުމުގެ ވެރިންގެ މެދުގައި ބާއްވާ ބައްދަލުވުންތަކާ މެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ރަޝިޔާ އިން އެކަމަށް އެއްބަސް ނުވިޔަސް، ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ކަމުގެ އަލާމާތްތައް މިހާރު ދަނީ ފެންނަމުންނެވެ. އެ ގޮތުން ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ މިދިޔަ ޖުލައި މަހުގެ އުތުރު ކޮރެއާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ކިމްއާ ބައްދަލުކުރެއްވި އެވެ.

އޭގެ ފަހުން ރައީސް ލަޑިމިއާ ޕުޓިން އާއި ރައީސް ކިމް ޖުން އުންއާ ދެމެދު ވަނީ ރަސްމީ ސިޓީތަކެއްވެސް ބަދަލުކުރައްވައިފަ އެވެ. އެ ސިޓީތަކުގައި ދެ ބޭފުޅުން ޚިޔާލު ބަދަލުކުރައްވާފައި ވަނީ، ދެ ގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުނި ގޮތުގައި އުތުރު ކޮރެއާގެ ހަތިޔާރު ހޯދަން ރަޝިޔާ މަސައްކަތް ކުރުމުން، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ މިހާރު ވެއްޓިފައިވާ ފުން ވަޅުގަނޑު ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއްޖެ އެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު ވެޑާންޓް ޕަޓޭލް ވިދާޅުވި ގޮތުގައި ރަޝިޔާ އިން އުތުރު ކޮރެއާގެ ހަތިޔާރު ހޯދަން މަސައްކަތް ފެށުމުން، އެނގެނީ އެމެރިކާ އާއި ނޭޓޯ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ އަށް ގެއްލުން ލިބެމުންދާ މިންވަރެވެ.