21 މެއި 2023
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ދީފިއްޔާ، އެ ގައުމުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް، ރަޝިޔާ އިން އިއްޔެ އިންޒާރުކޮށްފި އެވެ.
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު ދީފިއްޔާ، އެ ގައުމުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް، ރަޝިޔާ އިން އިއްޔެ އިންޒާރުކޮށްފި އެވެ.
ރަޝިޔާ އިން ހުޅަނގުގެ ގައުމުތަކަށް މި އިންޒާރު ދިނީ، އެމެރިކާގައި އުފައްދާފައިވާ އެފް-16ގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހުރި ގައުމުތަކުން، ޔޫކްރޭނަށް އެފަދަ ބޯޓުތައް ފޮނުވުމަށް އެމެރިކާ އިން ހުއްދަކުރުމާ ގުޅިގެންނެވެ. އޭގެ އިތުރުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވަނީ، އެފް-16ގެ މަތިންދާބޯޓުތައް ދުއްވުމާ ބެހޭ ތަމްރީންތައް، ޔޫކްރޭންގެ ޕައިލެޓުންނަށް ދިނުން ވެސް ހުއްދަ ކުރައްވައިފަ އެވެ.
އެމެރިކާގެ އެ ނިންމުމާ ބެހޭ ގޮތުން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑާ ގުރުޝްކޯ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން އަދިވެސް މަސައްކަތް ކުރަނީ، މައްސަލަ އިތުރަށް ފުޅާކޮށް ނުރައްކާ ކުރުމަށެވެ.
ޖަޕާންގެ ހީރޯޝީމާގައި އޮތް ޖީ7ގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ
"އެމީހުން އަމިއްލައަށް މިހާރު އެދަނީ ނުރައްކަލުގެ ތެރެއަށް ވަންނަމުން. ކޮންމެ ހާލަތެއްގައި ވިޔަސް، އެމީހުންގެ އެ ނިންމުން އަހަރެމެންގެ ހުރިހާ ރޭވުމެއްގެ ތެރޭގައި ހިމެނިގެންދާނެ. އަދި އަހަރެމެން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އަހަރެމެންގެ އަތުގައި އެބަހުރި."
އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ގިނަ އަދަދަކަށް، އެފް-16ގެ ބޯޓުފަހަރު އެބަހުއްޓެވެ. އޭގެ ތެރެއިން ނެދަލެންޑުން ކުރިން ވެސް ބުނެފައިވަނީ، އެމެރިކާ އިން ހުއްދަ ދޭ އިރަށް، އެފް-16ގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން ތައްޔާރަށް އޮތް ކަމަށެވެ.
ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، ޔޫކްރޭނުން ހުޅަނގުގެ ގައުމުތަކަށް ގޮވައިލަމުން އަންނަނީ، ރަޝިޔާގެ ވައިގެ ހަމަލާތައް ހުއްޓުވުމަށްޓަކައި، ހުޅަނގުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ދިނުމަށެވެ. ނަމަވެސް އެފް-16 ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެންމެ މަތީ ފެންވަރުގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވުމަށް، އެތައް ސަބަބުތަކަކާ ހުރެ އެމެރިކާ އިން މީގެ ކުރިން ވަނީ އިންކާރުކޮށްފަ އެވެ.
ރަޝިޔާގައި ދިރިއުޅޭ ބައިމަދު ދަރިކޮޅުތަކުގެ އިސް ވެރިންނާއެކު އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ބޭއްވި ބައްދަލުވުމުގައި، ޗެޗްނިޔާ ސަރަހައްދުގެ ރައީސް ރަމަޒާން ގަދީރޯވްއާ އެކު ޔޫކްރޭންގެ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަނީ. --އޭއެފްޕީ
އެމެރިކާ އިން ކުރިން ބުނަމުން އައި ގޮތުގައި އެ ފަދަ ބޯޓުތައް ރަޝިޔާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ، ރަޝިޔާ އާއި ނޭޓޯއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބަ އޮތެވެ. އަދި އެފަދަ ބޯޓެއް ހަނގުރާމައިގެ ތެރޭގައި ވެއްޓި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެ ނަމަ، އެމެރިކާގެ ވަރަށް މުހިންމު އަސްކަރީ ޓެކްނޮލޮޖީތަކެއް ރަޝިޔާގެ އަތަށް އެރުމަކީ ވެސް، އެމެރިކާ ބޭނުންވާ ގޮތެއް ނޫނެވެ.
ނަމަވެސް، އެ ބާވަތުގެ ބޯޓުތައް ޔޫކްރޭނަށް ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން މި އެއްބަސްވެވަޑައިގަތީ، ރަޝިޔާ ބަލިކުރުމަށްޓަކައި އެ ނުރައްކަލާ ވެސް ކުރިމަތިލުން އެންމެ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާތީ އެވެ. އެ ގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ޔޫކްރޭންގެ ދެ ޕައިލެޓަކު އެމެރިކާ އަށް ގެނެސް، އެފް-16 ދުއްވުމުގެ ގާބިލުކަން އެ ދެ ޕައިލެޓުންގެ ކިބައިގައި ހުރިތޯ ވަޒަންކުރުމުގެ ޕްރޮގްރާމެއް މިހާރު ފަނީ ފަށައިފަ އެވެ.
ރައީސް ބައިޑެންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވީ ޔޫކްރޭން ސިފައިން ރަޝިޔާ ސިފައިންނާ ދެކޮޅަށް ދިގު މުއްދަތަކަށް ހަނގުރާމަ ކުރުމަށްޓަކައި އެފަދަ އުޅަނދުތައް ބޭނުންވާ ކަމަށް ރައީސް ބައިޑެން ގަބޫލުކުރައްވާ ކަމަށެވެ.
އެފް-16ގެ މަތިންދާބޯޓަކީ އެމެރިކާގައި އުފައްދާފައިވާ އަސްކަރީ އުޅަނދަކަށް ވެފައި، އެހެން ގައުމުތަކުން ގަނެގެން އެ ބާވަތުގެ މަތިންދާބޯތުތައް ބޭނުންކުރިޔަސް، އިތުރު ގައުމަކަށް އޭގެ ބޯޓެއް ވިއްކޭނީ އެމެރިކާގެ ހުއްދަ ލިބިގެންނެވެ. އެއީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ގައުމުތަކަށް ވިއްކާ އިރު، އެމެރިކާ އިން ޝަރުތުކޮށްފައި އޮންނަ ކަމެކެވެ.
ރަޝިޔާގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ، އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރޭނަށް ހޯދައިދިނުމުގެ ގޮތުން، އެހެން ގައުމުތަކާ އެކު ކޯލިޝަނެއް އުފެއްދުމަށް އިނގިރޭސި ވިލާތާއި ނެދަލޭންޑުން ވަނީ، މި މަހުގެ 16 ވަނަ ދުވަހު އެއްބަސްވެ އެކަމަށް މަސައްކަތް ފަށައިފަ އެވެ. އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރޫޓް، މިމަހުގެ 16 ވަނަ ދުވަހު އެއްބަސްވެވަޑައިގެންނެވި މި ކޯލިޝަންގެ ބޭނުމަކީ، އެފް-16 މަރުކާގެ މަތިންދާބޯޓުތައް ގަތުމަށް ޔޫކްރޭނަށް އެހީތެރިވުމާއި، އެ ބޯޓުތައް ދުއްވުމަށް ޔޫކްރޭންގެ ޕައިލެޓުން ތަމްރީން ކޮށްދިނުމެވެ.
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
ހަނގުރާމައިގައި ރަޝިޔާ އަށް ކުރިއެރުމެއް ނުލިބޭ