Roadha Mihaaru
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި

ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި

04 މެއި 2022

ޔޫކްރޭން ސިފައިން ލައްވަ ރަޝިޔާ އަށް ހަމަލާތަކެއް ދިނުމަށް، ނޭޓޯ އިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތައްޔާރުވަމުން ދިޔަ ކަމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލްޑޮލިން މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫކްރޭން ސިފައިން ލައްވަ ރަޝިޔާ އަށް ހަމަލާތަކެއް ދިނުމަށް، ނޭޓޯ އިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތައްޔާރުވަމުން ދިޔަ ކަމަށް ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލްޑޮލިން މިއަދު ވިދާޅުވެއްޖެ އެވެ.

ޓެލެގްރާމް ޗެނަލްގައި އޭނާ މިއަދު އާންމު ކުރެއްވި ލިޔުންކޮޅެއްގައި ވިދާޅުވި ގޮތުގައި ނޭޓޯ އިން ރޭވި ގޮތަށް ބޮޑު މުސީބާތެއް ކުރިމަތިވެގެން ނުދިޔައީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ޔޫކްރޭންގައި ފެއްޓެވި އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ ސަބަބުންނެވެ.

"އަހަރެމެންގެ ގައުމަށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ނޭޓޯ އިން ދިޔައީ ޔޫކްރޭން ތައްޔާރުކުރަމުން. ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޖެނުއަރީ މަހުގެ ތެރޭގައި ނިންމި ނިންމުންތައް އެނޫން ކޮން ގޮތަކަށް ތަފްސީލް ކޮށްދޭނީ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެ ނިންމުންތައް ނިންމީ، އަސްކަރީ ޚާއްސަ ހަރަކާތްތައް ފެށުމުގެ ވެސް މާ ކުރިން،" ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިޔަޗެސްލާވް ވޮލްޑޮލިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ރައްޔިތުންނަކީ އެމެރިކާ ބޭނުންވީމާ ބޭނުން ގޮތަކަށް އޭގެ ބޭނުން ހިފަން ހުރި ސާމާނުތަކެއް ފަދަ ބައެކެވެ. އަދި ޔޫކްރޭން ސަރުކާރުން އަމަލު ކުރަމުން ދަނީ، އެމެރިކާ އާއި ނޭޓޯ އިން ބުނާ ގޮތަކަށް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް "އަސްކަރީ ޚާއްސަ ހަރަކާތްތަކެއް"ގެ ނަމުގައި ހަނގުރާމަ ފެށީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. އެއްގަމުންނާއި ވައިގެ މަގުންނާއި ކަނޑު މަގުން ދިން ހަމަލާތަކުގެ އަމާޒަކީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި ގޮތުގައި، ޔޫކްރޭންގެ އަސްކަރީ ބާރު ކަނޑުވައިލުމާއި، އެ ގައުމުގައި ފެތުރެމުންދާ ނާޒީ ގޮތްގަނޑު ކަނޑުވައިލުމެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ ބޮޑެތި ހުރިހާ ސަހަރުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ، ގިނަ ސަހަރުތައް ސުންނާފަތިކޮށްފައިވާ އިރު، ރެފިއުޖީންގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން، ޔޫކްރޭނުން ފައިބައިގެން ހިނގައްޖެ އެވެ.

ރަޝިޔާގެ މި ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުންނެވެ. އެ ގައުމުތަކުން ދިން ޒަމާނީ ހަތިޔާރުގެ ބޭނުންކޮށްގެން، ޔޫކްރޭން ސިފައިން ވަނީ، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ޔޫކްރޭނުގެ ދިފާއީ ހަމަލާތަކުގައި ރަޝިޔާގެ 7000-15000 ސިފައިން މަރުވެފައިވާނެ ކަމަށް ހުޅަނގުގެ އަސްކަރީ އޮފިޝަލުން އަންދާޒާ ކުރާއިރު، ރަޝިޔާ އިން ވަނީ އެ އަދަދުތައް ސިއްރުކޮށްފަ އެވެ. އަދި ޔޫކްރޭނުން ވެސް ވަނީ އެ ގައުމުގެ ލަޝްކަރަށް ލިބުނު ގެއްލުންތައް ސިއްރުކޮށްފަ އެވެ.