Roadha Mihaaru
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"

ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓައިލުމަށް ޔޫކްރޭން ތައްޔާރު: ޒެލެންސްކީ

22 މާޗް 2022

ނޭޓޯއާ ގުޅުމަށް ޔޫކްރޭން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޭޓޯއާ ގުޅުމަށް ޔޫކްރޭން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ނޭޓޯގެ މެމްބަރުކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓައިލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމުން ކަމަށެވެ. އޭގެ އިތުރުން، ރަޝިޔާ ސިފައިން ޔޫކްރޭނުން ފައިބައި، ޔޫކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް، އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ކުރިން ރަޝިޔާ އިން ކޮށްދޭންޖެހޭނެ ކަންތައް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

"މިއީ އެންމެންނަށް ވެސް ރަނގަޅުވާނެ މެދުމިނުގެ ހައްލެއް. މިއީ ނޭޓޯއާ އަހަރެމެން ގުޅުމާ މެދު ގޮތެއް ނިންމަން ނޭނގިފައި އޮތް ހުޅަނގަށް ވެސް ރަނގަޅު ހައްލެއް. އަދި މިއީ ސަލާމަތީ ރައްކާތެރިކަން ބޭނުންވެފައިވާ ޔޫކްރޭނަށް ވެސް ރަނގަޅު ހައްލެއް. ހަމަ އެފަދައިން މިއީ ނޭޓޯ އިތުރަށް ފުޅާކުރަން ބޭނުންނުވާ ރަޝިޔާ އަށް ވެސް ރަނގަޅު ހައްލަކަށް ވާނެ،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހުރި އެހެން މައްސަލަތައް ވެސް، ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ހައްލުކުރުމަށް ޔޫކްރޭން އޮތީ ތައްޔާރަށެވެ. އެ ގޮތުން، 2014 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ބައެއް ކަމަށް ކަނޑައަޅާފައިވާ ކްރީމިއާ ސަރަހައްދާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ޔޫކްރޭން އޮތީ ތައްޔާރަށެވެ.

އޭގެ އިތުރުން، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދުގެ މައްސަލައިގައި ވެސް، ރަޝިޔާއާ އެކުގައި މަޝްވަރާ ކުރެވިދާނެ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރަޝިޔާ އަންނަން ވާނީ، ޔޫކްރޭނަށް ހަމަލާ ދިނުން ހުއްޓާލައި، ޔޫކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އިއްޔެ ވެސް މައިގަނޑު ގޮތެއްގައި ހަމަލާތައް ދިނީ ވައިގެ މަގުންނެވެ. ރަޝިޔާގެ އެއްގަމު ސިފައިންގެ ލަޝްކަރު، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރަމުންދާ މަސައްކަތް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ އިރު، ރަޝިޔާ ސިފައިން މިހާރު އިސްކަން ދެނީ ވައިގެ މަގުން ހަމަލާދީ، ޔޫކްރޭންގެ އެއްގަމު ލަޝްކަރުތަކުގެ ބާރު ކަނޑުވައިލުމަށެވެ.