Roadha Mihaaru
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ

އެމެރިކާއިން ޔޫކްރޭނަށް 800 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ

17 މާޗް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް، 800 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ދިނުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް، 800 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ދިނުމަށް އެމެރިކާ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ސޮއިކުރެއްވި ރިއާސީ ގަރާރުގެ ދަށުން ޔޫކްރޭނަށް ދޭ އަސްކަރީ އެހީގެ ސާމާނުތަކުގެ ތެރޭގައި، މަތިންދާބޯޓަށް ހަމަލާ ދޭ 800 ސްޓިންގާ މިސައިލާއި، ޓޭންކަށް ހަމަލާ ދޭ 2000 ޖެވްލިން މިސައިލާއި 100 ޑްރޯން މަތިންދާބޯޓު ހިމެނެ އެވެ.

ޔޫކްރޭންގެ ދިފާއަށް އަސްކަރީ ގޮތުން އެހީވިޔަސް، ޔޫކްރޭނުން އެދުނު ގޮތަށް އެ ގައުމުގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިދޭން، މިފަހަރު ވެސް އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެމެރިކާގެ ކޮންގްރެސްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ވާހަކަ ދައްކަވަމުން ވެސް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެމެރިކާ އިން ޔޫކްރޭނަށް ދޭ އަސްކަރީ އެހީގެ ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިޔާގެ ލާއިންސާނީ އުދުވާނީ އަމަލުތަކާ ދެކޮޅަށް ޔޫކްރޭންގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އެމެރިކާ އަބަދުވެސް ބައިވެރިވާނެ ކަމަށެވެ. އަދި ޔޫކްރޭނުގެ ދިފާއުގައި އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގައި އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"ޔޫކްރޭންގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށާއި އެމީހުންގެ ޑިމޮކްރެސީ އާއި އެމީހުންގެ މިނިވަންކަމަށްޓަކައި ކުރަމުންދާ ހަނގުރާމައިގައި އެ މީހުންނަށް މަދަދު ދިނުމުގައި އަހަރެމެން ސާބިތުކަމާ އެކު ދެމިތިބޭނަން،" ރައީސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގެ ކޮންގްރެސްގައި އިއްޔެ ވާހަކަ ދައްކަވަމުން ވެސް، ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ ރަޝިޔާ އިން ދެމުންދާ ވަރުގަދަ ހަމަލާތައް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. އެ ގޮތުން އޭނާ ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ފެށި ހަނގުރާމައިގައި މިހާތަނަށް ހާހެއްހާ މިސައިލާއި އަދަދު ނުކުރޭވާ ގިނަ ބޮމުން ޔޫކްރޭނަށް ހަމަލާ ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ރައްޔިތުން މަރާ ކުރިމަތިލާންޖެހޭ ތަނަކަށް ރަޝިޔާ ސިފައިން ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ޔޫކްރޭން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެވޭނީ، އެ ގައުމުގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިގެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.