Roadha Mihaaru
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން

ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން

22 ޑިސެމްބަރ 2022

ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭންގެ ސަރުކާރާއި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތުގައި، ދުވަހަކުވެސް ޔޫކްރޭން އެކަނިވެރިވެގެން ނުދާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭންގެ ސަރުކާރާއި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތުގައި، ދުވަހަކުވެސް ޔޫކްރޭން އެކަނިވެރިވެގެން ނުދާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމެރިކާ އަށް ޒިޔާރަތްކުރެއްވި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަމުން، ރައީސް ބައިޑެން ވިދާޅުވީ ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތުގައި، އެމެރިކާ އަބަދުވެސް ޔޫކްރޭނާ އެކުގައި އޮންނާނެ ކަމަށެވެ. އަދި އެކަމަށް ކިތަންމެ ދުވަހެއް ނެގިޔަސް އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ޔޫކްރޭނަށް ލިބެމުންދާނެ ކަމަށް ވެސް ރައީސް ބައިޑެން ވިދާޅުވި އެވެ.

ރައީސް ޒެލެންސްކީގެ މި ދަތުރުފުޅަކީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޒެލެންސްކީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ އިން ފޯރުކޮށްދެމުންދާ މާލީ އަދި އަސްކަރީ އެހީތެރިކަމުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުމެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި، ރައީސް ޒެލެންސްކީ އަށް މަރުހަބާ ދަންނަވަމުން، ރައީސް ބައިޑެން އިއްޔެ ވަނީ، އެމެރިކާ އިން ޔޫކްރޭނަށް މިފަހަރު ދިނުމަށް ހަމަޖެއްސި ދެ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން އިއުލާން ކުރައްވައިފަ އެވެ. މި އެހީގެ ތެރޭގައި މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ، ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ވެސް ހިމެނެ އެވެ.

ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވައި، ޔޫކްރޭންގެ އަސްކަރީ އެންމެ މަތީ މެޑެލް، ރައީސް ބައިޑެން އަށް އަރުވަނީ. --އޭއެފްޕީ

ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވައި، ޔޫކްރޭންގެ އަސްކަރީ އެންމެ މަތީ މެޑެލް، ރައީސް ބައިޑެން އަށް އަރުވަނީ. --އޭއެފްޕީ

އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 45 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ފޮނުވުމަށް ވެސް ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ޒެލެންސްކީގެ އަރިހުގައި ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން، ރައީސް ބައިޑެން ރޭ ވިދާޅުވީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖްތަމައުން ލިބެމުންދާ އެހީތެރިކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ އެ ގޮތަށް ވިދާޅުވީ ޔޫކްރޭން ހަނގުރާމަ ދިގުލައިގެން ގޮސްފައިވާތީ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވެ، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ ހީނަރުކަމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ގައުމުތަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރިކަން ބޮޑު ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް، ރަޝިޔާގެ އުދުވާނުން ރައްކާތެރިކަން ހޯދުމަށް ޔޫކްރޭން ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް އެމެރިކާ އަބަދުވެސް އެހީތެރިވެދޭނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް އެމެރިކާ އާއި ނޭޓޯ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް ނުފޮނުވުމަށް ރަޝިޔާ އިން ދަނީ ތަކުރާރުކޮށް އިންޒާރު ކުރަމުންނެވެ. ނަމަވެސް އެ އިންޒާރުތަކަށް ބެލުމެއް ނެތި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ދާތީ، ރަޝިޔާ އިން އެންމެ ފަހުން ބުނެފައިވަނީ، މިހާރު ނޭޓޯއަކީ ވެސް ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ހަނގުރާމައިގެ ބައިވެރިއެއް ކަމަށެވެ.

ނޭޓޯ އިން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ އަނދަމުންދާ އަލިފާންގަނޑަކަށް ދަރު އެޅުން ކަމަށް ރަޝިޔާ އިން ބުނަމުން ދަނިކޮށް، އެމެރިކާގެ ރިއާސީ ގަނޑުވަރުގައި، ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަށް މެހުމާންދާރީ އަދާކުރުމަކީ، ރަޝިޔާގެ އިންޒާރުތަކާ މެދު ނޭޓޯ އާއި އެމެރިކާ ފަރުވާލެއް ނުބަހައްޓާ ކަމުގެ ހެއްކެކެވެ.

ރައީސް ޒެލެންސްކީގެ މި ދަތުރުގައި ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕިޓޮލް އަށް ވަޑައިގެން، އެ މަޖިލީހުގެ ތިރިގެ އާއި މަތި ގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި، ރައީސް ޒެލެންސްކީ ރޭ ތަގުރީރު ކުރެއްވި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ގައުމުން ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދެވުމަށް، އަވައްޓެރި ބައެއް ގައުމުތަކުން ރައީސް ޒެލެންސްކީ އަށް ދައުވަތު ދެއްވި އެވެ. ނަމަވެސް ޒެލެންސްކީ ވަނީ އެކަން އިންކާރު ކުރައްވައި، ވެރިރަށް ކިޔޭވްގައި ހުންނަވައިގެން ޔޫކްރޭންގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ހަނގުރާމައިގެ އިރުޝާދުތައް ދެއްވުމުގައި ދެމިހުންނެވުމަށް ނިންމަވައިފަ އެވެ.