03 މާޗް 2022
ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ގިނަ ހަމަލާތަކެއް ދިނީ ވައިގެ މަގުންނެވެ. މާ ދުރުގައި ތިބެގެން ފޮނުވައިލާ ކްރޫޒް މިސައިލާއި ބެލެސްޓިކް މިސައިލް އަދި ރަޝިޔާގެ ޖެޓްތައް ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަދެގެން ދެމުންދާ ރޮކެޓާއި މިސައިލް ހަމަލާތަކެވެ.
ރަޝިޔާގެ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ގިނަ ހަމަލާތަކެއް ދިނީ ވައިގެ މަގުންނެވެ. މާ ދުރުގައި ތިބެގެން ފޮނުވައިލާ ކްރޫޒް މިސައިލާއި ބެލެސްޓިކް މިސައިލް އަދި ރަޝިޔާގެ ޖެޓްތައް ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަދެގެން ދެމުންދާ ރޮކެޓާއި މިސައިލް ހަމަލާތަކެވެ.
އެހެންކަމުން ރަޝިޔާގެ އުދުވާން ހުއްޓުވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށް ފެނިވަޑައިގެންނެވި އެންމެ ފަސޭހަ ގޮތަކީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމުގައި ކަނޑައެޅުމެވެ. އެ ކަމަށް އެދިވަޑައިގެން ރައީސް ޒެލެންސްކީ ވަނީ، މި ހަފުތާގެ ހޯމަ ދުވަހު ހުޅަނގުގެ ގައުމުތަކަށް އެކަން ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އުދުހުން މަނާ ސަރަހައްދުގެ އިމަކީ ކޮބައި ކަމެއް، އަދި އެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތައް ވަނުން ހުއްޓުވުމުގެ ޒިންމާ އަދާކުރާނީ ކޮން ބައެއް ކޮން ގޮތަކަށް ކަމެއް ވެސް ރައީސް ޒެލެންސްކީ ވިދާޅެއް ނުވެ އެވެ.
ނޭޓޯގެ ވައިގެ ލަޝްކަރުގައި ހިމެނޭ ފަރަންސޭސި ވިލާތުގެ ރަފާލް މަރުކާގެ ޖެޓެއް، އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވަނީ. --އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން ފަށާފައިވާ ހަމަލާގެ ފުރަތަމަ ފަސް ދުވަހު (ފެބްރުއަރީ 24-28) ރަޝިޔާގެ ސިފައިން ވަނީ ޔޫކްރޭނަށް 56 ރޮކެޓް ހަމަލާ އާއި ކްރޫޒް މިސައިލްގެ 113 ހަމަލާ ދީފަ އެވެ. ރަޝިޔާގެ ވައިގެ ހަމަލާތައް އެކަނިމާއެކަނި ދިފާއު ކުރުމުގެ ގާބިލްކަން ޔޫކްރޭންގައި ނެތުމާއެކު، އެ ހަމަލާތައް ހުއްޓުވޭނެ އެންމެ މުޖައްރިބު ގޮތަކީ، މީގެ ކުރިން އިރާގާއި ބޮސްނިއާ އަދި ލީބިޔާގައި ވެސް އަމަލުކުރި ގޮތަށް، އުދުހުން މަނާ ސަރަހައްދެއް ޔޫކްރޭންގައި ވެސް ކަނޑައެޅުމެވެ.
އުދުހުން މަނާ ސަރަހައްދުގެ ގޮތުގައި މާނަކުރަނީ، ގައުމެއްގެ ވައިގެ ސަރަހައްދު ނުވަތަ ވައިގެ ސަރަހައްދުން ވަކި ބައެއް އެއީ، ވަކި ބާވަތެއްގެ ވައިގެ އުޅަނދުތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވުން މަނާކަމަށް ކަނޑައަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދެއްގެ ބިންމަތީގައި ހުންނަ ބައެއް ތަންތަން – ޝާހީ ގަނޑުވަރުތައް ފަދަ - ހިމާޔަތްކުރުމުގެ ގޮތުން، ނުވަތަ މުހިންމު ހަފްލާތަކާއި ކުޅިވަރު ހަރަކާތްތައް ހިނގާ ވަގުތުތަކުގައި އެ ތަންތަނުގެ މަތިން ދަތުރުކުރުން މަނާކުރެ އެވެ.
އަސްކަރީ މާނަކުރުންތަކުގައި އުދުހުން މަނާ ސަރަހައްދު ކަނޑައަޅަނީ، ހަނގުރާމަވެރި ވަކި ޖަމާއަތެއް ނުވަތަ ވަކި ގައުމެއްގެ ހަމަލާތަކުން ބަޔަކު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެފަދަ ސަރަހައްދެއް ކަނޑައެޅުމާއެކު، އެ ސަރަހައްދަކަށް ވަންނަ އިދިކޮޅު ޖަމާއަތުގެ ނުވަތަ ހަނގުރާމަކުރާ ގައުމުގެ އަސްކަރީ ވައިގެ އުޅަނދުތަކަށް ހަމަލާދީ ވައްޓައިލަ އެވެ.
މި އުސޫލުން ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައެޅުމުން، އެކަން ތަންފީޒުކުރުމުގެ ޒިންމާއާ ވެސް ކޮންމެވެސް ބަޔަކު ހަވާލުވާންޖެހެ އެވެ. ޔޫކްރޭންގެ ރައީސް ޒެލެންސްކީ އެދިވަޑައިގަތީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައަޅައިދިނުމަށެވެ.
ރަޝިޔާ ސިފައިންނާ ކުރިމަތިލުމަށް ޔޫކްރޭންގެ ޓޭންކެއް އެ ގައުމުގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި ހަރަކާތްތެރިވަނީ. --އޭއެފްޕީ
ޔޫކްރޭނުން އެދުނު ގޮތަށް އެ ގައުމުގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައަޅައިފި ނަމަ އޭގެ މާނައަކީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަންނަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކާއި މިސައިލްތަކާއި ރޮކެޓްތަކަށް ހަމަލާދީ ވައްޓައިލުމުގެ ޒިންމާ ނޭޓޯ އިން އުފުލުމެވެ. ނުވަތަ ރަޝިޔާގެ ވައިގެ ލަޝްކަރާ ދެކޮޅަށް ސީދާ ކުރިމަތިލުމަކަށް ނޭޓޯގެ ވައިގެ ލަޝްކަރު ނުކުތުމެވެ.
ނަމަވެސް އެކަން އެ ގޮތަށް ކުރާކަށް ނޭޓޯ ބޭނުމެއް ނޫނެވެ. ރަޝިޔާ އިން ޔޫކްރޭނަށް އަރައިގެންފި ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރުކުރި އެމެރިކާ އިން ވެސް ބުނީ، ޔޫކްރޭންގައި އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އެފަދަ ސަރަހައްދެއް ގާއިމުކޮށް، އެކަން ތަންފީޒުކުރުން ވާނީ، އެމެރިކާ އާއި ރަޝިޔާގެ ސިފައިންގެ ސީދާ ކުރިމަތިލުމަކަށް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.
"ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ކުރަން އެމެރިކާ ސިފައިން ފޮނުވުމުގެ ނިޔަތެއް ނެތް ކަމަށް، ރައީސް ޖޯ ބައިޑެން ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި. އެފަދަ ސަރަހައްދެއް ގާއިމުކޮށްފިއްޔާ އެކަން ތަންފީޒު ކުރުމަށް ސިފައިން ވެސް ފޮނުވަން ޖެހޭނެ. އެއީ ހަމަ ސީދާ ދެ ފަރާތުގެ ކުރިމަތިލުމެއްގެ ފެށުން. އެއީ އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށުން،" އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕިސާކީ ވިދާޅުވި އެވެ.
އދ. މަޖިލީހަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް، އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ
"އެމެރިކާ ސިފައިން ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން އަހަރެމެން ބޭނުމެއް ނޫން. އޭގެ މާނައަކީ ޔޫކްރޭނުން އެ ބުނާ އުދުހުން މަނާ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ ވައިގެ ސިފައިން ނުފޮނުވާނަމޭ. އެހެން ނަމަވެސް ޔޫކްރޭން އަމިއްލަ އަށް ދިފާއުވުމުގައި އަހަރެމެން އެހީތެރިކަން ފޯރުކޮށްދޭނަން،" އދ. ގެ މަޖިލީހަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް ވެސް ވިދާޅުވިގޮތުގައި، ޔޫކްރޭނުން އެދިފައިވާ ގޮތަށް، އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ކުރުމަށް ނޭޓޯގެ ސިފައިން ނުފޮނުވާނެ އެވެ. "ޔޫކްރޭން ހަނގުރާމައިގެ ތެރެއަށް ނޭޓޯގެ އެއްގަމު ސިފައިންގެ ލަޝްކަރެއް ވިޔަސް އަދި ވައިގެ ސިފައިންގެ ލަޝްކަރެއް ވިޔަސް ފޮނުވުމުގެ ނިޔަތެއް އަހަރެމެންގެ ނެތް."
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް
އިނގިރޭސި ވިލާތުން ވެސް ދިނީ ހަމަ މި ރައްދެވެ. އިނގިރޭސި ޑިފެންސް މިނިސްޓަރު ބެން ވެލެސް ވިދާޅުވީ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގައި އިނގިރޭސި ވިލާތުން އެހީނުވާނެ ކަމަށެވެ.
"ރަޝިޔާގެ ފައިޓަރު ޖެޓްތަކާ ހަނގުރާމަ ކުރުމަކީ މުޅި ޔޫރަޕްގައި ހަނގުރާމައެއް ފެށުން. ޔޫރަޕްގައި ހަނގުރާމައެއް ފަށަން އަހަރެން ބޭނުމެއް ނޫން. އެކަމަކު ޔޫކްރޭންގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަހަރެމެން ދެމިތިބޭނަން،" އިނގިރޭސި ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިގެން ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކާ ކުރިމަތިލުމަކަށް ދާން ހުޅަނގުގެ ގައުމުތައް ބޭނުންނުވާ އަނެއް ސަބަބަކީ، ނިއުކްލިއާ ހަނގުރާމައެއްގެ ބިރު އުފެދިފައި އޮތުމެވެ. އެ ބިރު އުފެދުނީ، ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަ ޔޫކްރޭނުން ބޭރަށް ފުޅާވެދާނެ ކަމަށް ބަލައި، ނޭޓޯގެ ސިފައިން ޔޫކްރޭނާ ކައިރި ގައުމުތަކަށް ފޮނުވަން ފެށުމުން، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރުކުރެއްވުމުންނެވެ.
މި ފަހުގެ ތާރީހުގައި އުދުހުން މަނާ ސަރަހައްދެއް އެންމެ ފުރަތަމަ ގާއިމުކުރީ، އިރާގުގެ އަޅުވެތިކަމުން ކުވައިތު މިނިވަންކުރުމަށް 1991 ވަނަ އަހަރު އެމެރިކާ އިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އެ ގޮތުން 1991 ވަނަ އަހަރު އިރާގުގެ އުތުރުގައި އަދި 1992 ވަނަ އަހަރުގެ އިރާގުގެ ދެކުނުގައި އުދުހުން މަނާ ސަރަހައްދެއް އިއުލާންކުރި އެވެ.
އުދުހުން މަނާ އެ ދެ ސަރަހައްދަށް އިރާގުގެ އަސްކަރީ އެއްވެސް މަތިންދާބޯޓެއް ހެލިކޮޕްޓަރެއް ވަނުން އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން މަނާކުރި އެވެ. އެމެރިކާ އިން ކަނޑައެޅި މި ދެ ސަރަހައްދަށް އދ. ގެ ރުހުން ދީފައެއް ނުވެ އެވެ.
އޭގެ ފަހުން ސާބިއާގެ ކްރިސްޓިއަން ސަރުކާރުން އެ ގައުމުގެ ބޮސްނިއާ ސަރަހައްދުގެ މުސްލިމުންނާ ދެކޮޅަށް ފެށި ގަތުލުއާންމު ހުއްޓުވުމުގެ ގޮތުން 1992 ވަނަ އަހަރުގެ ތެރޭގައި ބޮސްނިއާގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައެޅި އެވެ. އަދި ހުއްދަ ނެތް އަސްކަރީ ވައިގެ އެއްވެސް އުޅަނދެއް އެ ސަރަހައްދަށް ވަނުން މަނާކޮށް، އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި އެވެ.
އެ އަށް ފަހު ލީބިޔާގައި އުފެދުނު ދާހިލީ ހަނގުރާމައިގައި އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ބަހަނާގައި، ލީބިޔާ ސަރުކާރާ ދެކޮޅަށް ނޭޓޯގެ ލަޝްކަރުން އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ލީބިޔާގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައެޅި އެވެ. ސަލާމަތީ މަޖިލީހުގެ ރުހުމާއެކު 2011 ވަނަ އަހަރު ކަނޑައެޅި އެ ސަރަހައްދު އުވައިލީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
އިތުރު އަސްކަރީ، މާލީ އެހީއަށް ޔޫކްރޭނުން އެދިއްޖެ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ވާހަކަ ދައްކާނީ ސީދާ ޕުޓިންއާ އެކަނި: ޒެލެންސްކީ
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި