16 ފެބުރުއަރީ 2023
ނޭޓޯގެ ތާރީޚުގައި ވެސް އެއް ހަނގުރާމައަކަށް ނުކުރާހާ ބޮޑަށް، މިހާރު ކުރިއަށް ދާ ޔޫކްރޭން ހަނގުރާމަ އަށް ނޭޓޯ އިން ކޮށްފި އެވެ.
ނޭޓޯގެ ތާރީޚުގައި ވެސް އެއް ހަނގުރާމައަކަށް ނުކުރާހާ ބޮޑަށް، މިހާރު ކުރިއަށް ދާ ޔޫކްރޭން ހަނގުރާމަ އަށް ނޭޓޯ އިން ކޮށްފި އެވެ.
ޖަރުމަންގައި ރަޖިސްޓްރީކޮށް ހިންގާ، އިގްތިސާދީ ދިރާސާތަކާ ބެހޭ އަމިއްލަ މުއައްސަސާއެއް ކަމަށްވާ، ކެއިލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީ އިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޔޫކްރޭން ހަނގުރާމަ އަށް ނޭޓޯ އިން 80 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފި އެވެ. ކެއިލް އިން ބުނި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެއް މަސް ކުރިން ފެށިގެން ނޭޓޯގެ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދޭން ފަށައިފި އެވެ.
އެ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ 24، 2022 ން ފެށިގެން ނޮވެމްބަރު 20، 2022ގެ ނިޔަލަށް، 75.2 ބިލިއަން ޔޫރޯ (80.5 ބިލިއަން ޑޮލަރު)ގެ އެހީތެރިކަން، ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ފޯރުކޮށްދީފި އެވެ. އޭގެ ތެރޭގައި މާލީ އެހީ އާއި އިންސާނީ ޒަރޫރީ ސާމާނާއި، އަސްކަރީ ސާމާނު ވެސް ހިމެނެ އެވެ.
ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރެއިން ޔޫކްރޭނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އެމެރިކާ އިންނެވެ. ހުސްވި އަހަރުގެ ފުރަތަމަ 11 މަސް ތެރޭގައި، އެމެރިކާ އިން ޔޫކްރޭނަށް ފޮނުވި އެހީތެރިކަމުގެ މިންވަރު 51.2 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މާލީ އެހީގެ ގޮތުގައި ދިން 16.1 ބިލިއަން ޑޮލަރާއި، އިންސާނީ ޒަރޫރީ ސާމާނުގެ ގޮތުގައި ފޮނުވި ތަކެތީގެ އަގަށް ވާ 10.6 ބިލިއަން ޑޮލަރާއި، އަސްކަރީ އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ އަގަށްވާ 24.5 ބިލިއަން ޑޮލަރެވެ.
އަސްކަރީ އެހީގެ ތެރޭގައި ހިމެނެނީ އެމެރިކާ އިން ފޮނުވި ހަތިޔާރާއި ހަނގުރާމަ އަށް ބޭނުންވާ އެހެނިހެން އާލާތްތަކާއި، ޔޫކްރޭންގެ އަސްކަރިއްޔާ އަށް ބޭނުންވާ މާލީ އެހީތެރިކަމެވެ. އިންސާނީ ޒަރޫރީ ސާމާނުގެ ތެރޭގައި ހިމެނެނީ، ބޭހާއި ކާނާގެ އިތުރުން އާންމު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހެން ސާމާނެވެ. މާލީގެ އެހީގެ ތެރޭގައި ހިމެނެނީ، ލޯނާއި ހިލޭ އެހީ އާއި ކުރީގެ ލޯނުތަކަށް ދިން ގެރެންޓީ އެވެ.
ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެމެރިކާ އަށް ފަހުގައި، ޔޫކްރޭން ހަނގުރާމަ އަށް ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކުރީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން ނޮވެމްބަރު 2022ގެ ނިޔަލަށް 7.6 ބިލިއަން ޑޮލަރުގެ ހޭދައެއް ކޮށްފައިވާ އިރު، ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ޖަރުމަން ވިލާތުންނެވެ. އެއީ 5.8 ބިލިއަން ޑޮލަރެވެ.
ނޭޓޯގެ މެންބަރުން ނޫނަސް، މެމްބަރުކަން ލިބޭތޯ ހުށަހަޅައިގެން އުޅޭ ދެ ގައުމު ކަމަށްވާ ސްވިޑްން އާއި ފިންލޭންޑުން ވެސް، ރަޝިޔާ ބަލިކޮށްލުމަށްޓަކައި ދަނީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސްވިޑްން އިން މިހާތަނަށް 867 މިލިއަން ޑޮލަރު އަދި ފިންލޭންޑުން 332 މިލިއަން ޑޮލަރުގެ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދީފި އެވެ.
ރަޝިޔާ ސިފައިން މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ނޭޓޯގެ މެމްބަރު ގައުމުތަކުން ވަނީ ޔޫކްރޭނަށް ތަފާތު ބާވަތްތަކުގެ ގިނަ ހަތިޔާރުތަކެއް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އާންމު ހަތިޔާރުތަކާއި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ ހަތިޔާރު ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ހެލިކޮޕްޓަރާއި ޑްރޯން އާއި ބޮޑުބަޑި އާއި ހަތިޔާރުއެޅި އުޅަނދުތަކާއި ޓޭންކަށާއި މަތިންދާބޯޓަށް ހަމަލާ ދޭ ރޮކެޓާއި މިސައިލްގެ އިތުރުން، ވަޒަނާއި ރައިފަލް ފަދަ އެތައް ހަތިޔާރެއް ހިމެނެ އެވެ. މިހާރު ފޮނުވާފައިވާ ހަތިޔާރުގެ އިތުރުން، ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ނިންމައިފަ އެވެ.
އެ ގޮތުން އިނގިރޭސި ވިލާތުގައި އުފައްދައި ބޭނުންކުރަމުން އަންނަ ޗެލެންޖަ ދޭއް މަރުކާގެ 14 ޓޭންކުން އެ ގައުމުން ޔޫކްރޭނަށް ފޮނުވާނެ އެވެ. އަދި ޖަރުމަން ވިލާތުގައި އުފައްދާފައިވާ ލެޕަޑް މަރުކާގެ 88 ޓޭންކާއި އެމެރިކާގައި އުފައްދާފައިވާ އެމް 1 އަބްރާމް މަރުކާގެ 24 ޓޭންކު ޔޫކްރޭނަށް ފޮނުވުމަށް އެ ދެ ގައުމުން ވަނީ ނިންމައިފަ އެވެ.
ހަނގުރާމަ އަށް އަހަރެއް ފުރެން ހަފުތާއަކަށް ވެފައިވާ އިރު، ޔޫކްރޭނުން މިހާރު ނޭޓޯގައި އާދޭސް ކުރަމުން އަންނަނީ، ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވައިދިނުމަށެވެ. ޖަރުމަނުން އެކަމަށް ފާޅުގައި ދެކޮޅު ހަދާފައިވާ އިރު، އެމެރިކާ އާއި އިނގިރޭސި ވިލާތުން އެކަމާ މެދު މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
ޖަރުމަނާއި އެމެރިކާގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ނޭޓޯއަށް ވަންނަން ފިންލޭންޑާއި ސްވިޑްން ހުށަހަޅައިފި
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ
އިރުމަތީ ޔޫރަޕުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހަދަނީ