Roadha Mihaaru
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން

ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން

31 ޖެނުއަރީ 2023

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން ދިފާއުވުމަށްޓަކައި، ވައިގެ ލަޝްކަރު ވަރުގަދަ ކުރަން ބޭނުންވާ އެހީތެރިކަމަށް ޔޫކްރޭނުން އެދެމުން ދިޔަ ނަމަވެސް، އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ބޯޓުތައް ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިން ދިފާއުވުމަށްޓަކައި، ވައިގެ ލަޝްކަރު ވަރުގަދަ ކުރަން ބޭނުންވާ އެހީތެރިކަމަށް ޔޫކްރޭނުން އެދެމުން ދިޔަ ނަމަވެސް، އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ބޯޓުތައް ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންނާ އެކުގައި ބޭއްވި ބައްދަލުވުމެއްގައި، އެފް-16 މަރުކާގެ ބޯޓުތައް ޔޫކްރޭނަށް ދޭނެތޯ، ނޫސްވެރިއަކު ސުވާލު ކުރުމުން، ރައީސް ބައިޑެން ވަރަށް ކުރުކޮށް ވިދާޅުވީ "ނޫން" ކަމަށެވެ. ރައީސް ބައިޑެން މިކަމަށް ނޫނެކޭ ވިދާޅުވި އިރު، ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލާފް ޝޯލްޒްވެސް ވަނީ، ހަނގުރާމަމަތީ ޒަމާނީ މަތިންދާބޯތުތައް ޔޫކްރޭނަށް ނުފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ، ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ޔޫކްރޭނަށް އަނބުރާ ހޯދޭނީ، ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓުތައް ލިބިގެން ކަމަށެވެ. އޭގެ ތެރެއިން ވެސް ޔޫކްރޭނުން އެންމެ ބޮޑަށް ބޭނުންވާ އެއް އުޅަނދަކީ، އެމެރިކާގައި އުފައްދައި ކާމިޔާބުކަމާ އެކު ބޭނުންކޮށްފައިވާ އެފް-16 މަރުކާގެ މަތިންދާބޯޓުތަކެވެ.

އެފް-16 މަރުކާގެ މަތިންދާބޯޓުތަކަކީ، މިވަގުތު ދުނިޔޭގައި ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ތެރެއިން ވެސް ޒަމާނީ އަސްކަރީ ގާބިލުކަން އެންމެ މަތީ މަތިންދާބޯޓެވެ. އެމެރިކާގެ އިތުރުން އެހެން 24 ގައުމެއްގައި ވެސް މި ބާވަތުގެ މަތިންދާބޯޓުތައް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި އިޒްރޭލާއި ޕާކިސްތާނާއި މިސްރު ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުގައި މިހާރު ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކަކީ، ކުރީގެ ސޮވިއެޓް ޔޫނިއަންގެ ދުވަސްވަރު ސޮވިއެޓް ޔޫނިއަންގައި އުފައްދާފައިވާ އުޅަނދުތަކެކެވެ. އެ އުޅަނދުތައް އުފައްދާފައިވަނީ، މީގެ 30 އަހަރު ކުރިން ސޮވިއެޓް ޔުނިއަނުން ވަކިވެ، މިނިވަން ގައުމެއްގެ ގޮތުގައި ޔޫކްރޭން ހަމަޖެހުމުގެ ވެސް މާ ކުރިންނެވެ.

ނަމަވެސް ރަޝިޔާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި މިހާރު ބޭނުންކުރަމުން އަންނަނީ، ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން މާ ފަހުން އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެވެ. އެހެންކަމުން، ރަޝިޔާގެ ވައިގެ ލަޝްކަރުގެ ކުރިމަތީގައި، ޔޫކްރޭންގެ ވައިގެ ލަޝްކަރަށް މާ ބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހޯދުމަށް އެދި، ޔޫކްރޭނުން ކުރަމުން އަންނަ އާދޭސްތަކަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ ފާޅުގައި ނޫނެކޭ ބުނަމުންނެވެ. ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ، އެފަދަ ހަތިޔާރުތައް ޔޫކްރޭނަށް ފޯރުކޮށްދީފި ނަމަ، ރަޝިޔާގެ ހަމަލާތައް މިހާރަށް ވުރެ ވެސް ވަރުގަދަވެ، ޔޫކްރޭންގެ އާންމު ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ބޮޑުވުމެވެ.

އެހެން ނަމަވެސް، ޔޫކްރޭންގެ އެއްގަމު ލަޝްކަރަށް ބޭނުންވާ ޒަމާނީ ޓޭންކުތައް ފޮނުވުމަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ އަބްރާމް މަރުކާގެ ޓޭންކާއި، ޖަރުމަން ވިލާތުގައި އުފައްދާފައިވާ ލެޕާޑް ދޭއް މަރުކާގެ ޓޭންކު ޔޫކްރޭނަށް ފޮނުވުމަށް އެ ދެ ގައުމުން މިހާރު ވަނީ ނިންމައިފަ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބްރުއަރީ 24، 2022 ގަ އެވެ. އެ ހަނގުރާމަ އަށް އެއް އަހަރު ފުރެން ކައިރިވެފައިވާ އިރު، ހަނގުރާމައިގައި ދެ ގައުމަށް މިހާތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ދެ ގައުމުގެ ސިފައިންގެ ތެރެއިންނާއި އާންމުންގެ ތެރެއިން މަރުވި މީހުންގެ ތަފްސީލު އަދަދެއްގެ އެއްވެސް ގައުމަކުން ހާމައެއް ނުކުރެ އެވެ.