Roadha Mihaaru
އެމެރިކާ ތިޔަ އަޅަނީ އަލިފާންގަނޑަށް ދަރު: ރަޝިޔާ

އެމެރިކާ ތިޔަ އަޅަނީ އަލިފާންގަނޑަށް ދަރު: ރަޝިޔާ

02 ޖޫން 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން އެ ގައުމު ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، ދުރު ރާސްތާގެ މިސައިލް ފޮނުވަން އެމެރިކާ އިން ނިންމުމަކީ އަނދަމުންދާ އަލިފާންގަނޑުގެ ތެރެއަށް އިތުރު ދަރު އެޅުން ކަމަށް ރަޝިޔާ އިން ބުނެ، ނުރުހުން ފާޅުކޮށްފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިން އެ ގައުމު ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، ދުރު ރާސްތާގެ މިސައިލް ފޮނުވަން އެމެރިކާ އިން ނިންމުމަކީ އަނދަމުންދާ އަލިފާންގަނޑުގެ ތެރެއަށް އިތުރު ދަރު އެޅުން ކަމަށް ރަޝިޔާ އިން ބުނެ، ނުރުހުން ފާޅުކޮށްފި އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި ބާރު ގަދަ ޒަމާނީ ހަތިޔާރާއި ދުރު ރާސްތާގެ މިސައިލްތައް އެމެރިކާ އިން ޔޫކްރޭނަށް ފޯރުކޮށްދެނީ، ގަސްދުގައި ހަނގުރާމަ ދިގު ދެންމުމުގެ ބޭނުމުގަ އެވެ. އެފަދަ ހަތިޔާރު ޔޫކްރޭނަށް ފޮނުވުމަކީ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަގު ފަހިކޮށްދޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ރަޝިޔާ އިން އެމެރިކާ އަށް މި އިންޒާރު ދިނީ، އެމެރިކާގައި އުފައްދާފައިވާ އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް) މަރުކާގެ ދުރު ރާސްތާ މިސައިލް ޔޫކްރޭނަށް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމެވުމާ ގުޅިގެންނެވެ.

.

.

އޭގެ އިތުރުން، މަތިންދާބޯޓަށް ހަމަލާ ދިނުމަށް ޖަރުމަން ވިލާތުގައި އުފައްދާފައިވާ އައިރިސް-ޓީ (މިސައިލް) ނިޒާމުތައް ޔޫކްރޭނަށް ދޭން ނިންމާފައިވާކަން، ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒް އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ. ޖަރުމަންގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މުސްތަޝާރު ވިދާޅުވީ އައިރިސް-ޓީ މިސައިލް ނިޒާމުތައް ފޮނުވުމުން، ޔޫކްރޭންގެ އެންމެ ބޮޑެތި ސަހަރުތައް ހިމާޔަތްކުރުމުގެ ގާބިލުކަން ޔޫކްރޭނަށް ލިބޭނެ ކަމަށެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވީ، ޔޫކްރޭން ހަނގުރާމައިގެ ތެރެއަށް ތިން ވަނަ ގައުމެއް ދަމައިގަތުމުގެ ނުރައްކާ މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށެވެ.

އެމެރިކާ އާއި ޖަރުމަން ވިލާތުން އަލަށް ޔޫކްރޭނަށް މިފޮނުވާ މިސައިލް ނިޒާމުތަކަކީ، ރަޝިޔާ ސިފައިން ޔޫކްރޭންގެ ތެރޭގައި ގާއިމުވެ ތިބި ތަންތަނަށް ދުރުގައި ތިބެގެން ހަމަލާ ދިނުމުގެ ގާބިލުކަން ހޯދައިދިނުމުގެ ނިޔަތުގައި ކުރާ ކަމެކެވެ.

ދުރު ރާސްތާގެ މިސައިލްތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ އިން މި ނިންމީ، އެފަދަ ހަތިޔާރު ދީފި ނަމަ ޔޫކްރޭނުން ރަޝިޔާގެ ތެރެއަށް ހަމަލާ ދީފާނެ ކަމުގެ ބިރު އޮތުމުން، އެފަދަ ހަތިޔާރު ނުދޭނެ ކަމަށް ބުނުމަށް ފަހުގަ އެވެ. ނަމަވެސް އެމެރިކާ އިން މިހާރު ބުނާ ގޮތުގައި، ރަޝިޔާގެ އިމުގެ ތެރެއަށް އެއްވެސް ހަމަލާއެއް ނުދޭނެކަން ޔޫކްރޭނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.