Roadha Mihaaru
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި

އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާއިން އަޖުމަބަލައިފި

05 އެޕްރީލް 2022

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް، މިދިޔަ މާޗު މަހުގެ މެދު ތެރޭގައި އެމެރިކާ އިން އަޖުމަ ބަލައިފި އެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް، މިދިޔަ މާޗު މަހުގެ މެދު ތެރޭގައި އެމެރިކާ އިން އަޖުމަ ބަލައިފި އެވެ.

އެމެރިކާ އިން އެ މިސައިލް އަޖުމަބެލީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެންމެ ވަރުގަދަވި ދުވަސްވަރު ކަމަށްވާތީ، ރަޝިޔާ އާއި އެމެރިކާއާ ދެމެދު އިތުރު ނުތަނަވަސްކަމެއް އުފެދުނަ ނުދިނުމަށްޓަކައި، އެމެރިކާ އިން އޮތީ އެކަން ސިއްރު ކޮށްފަ އެވެ. އަދި އޭރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިލާތުގެ ގައުމުތަކަށް ރަސްމީ ދަތުރެއް ކުރައްވަން އޮތުމާ ގުޅިގެން، އެ މިސައިލާ ބެހޭ އެއްވެސް މައުލޫމާތެއް، އެމެރިކާ އިން މިހާތަނަށް އާންމެއް ނުކުރެ އެވެ.

އެމެރިކާގެ ހުޅަނގު އައްސޭރީގެ ސަރަހައްދުގައި މި މިސައިލްގެ އަޖުމަބެލީ، ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓަކުން މިސައިލް ފޮނުވާލައިގެންނެވެ. މަތިންދާބޯޓުން ވަކިކޮށް ވައިގެ ތެރެއަށް މިސައިލް ދޫކޮށްލުމާ އެކު، އޭގައި އަޅާފައިވާ އިންޖީން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޮޓަމެޓިކުން ސްޓާޓްވެ، ބާރު ސްޕީޑްގައި ދުއްވައިގަނެ އެވެ.

މި މިސައިލްގެ އަޖުމަބެލުމާ ބެހޭ މައުލޫމާތު އެނގި ހުރި، އެމެރިކާގެ އޮފިޝަލުން ސީއެންއެން އަށް ބުނި ގޮތުގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ދަތުރު ކުރީ، 65،000 ފޫޓު އުހުން، 300 މޭލު ދުރަށެވެ. އެ މިސައިލް ގަޑިއަކު 3،800 މޭލު ބާރުމިނުގައި (އަޑަށް ވުރެ ފަސް ގުނަ ބާރަށް) ދަތުރުކޮށް، ފަސް މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 300 މޭލަށް ދަތުރުކުރި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މި މިސައިލް އަޖުމަބެލީ، ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ ހުޅަނގުގައި ހުރި ހަތިޔާރު ގުދަނަކަށް ހަމަލާ ދިނުމަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ، ކިންޒަލް މިސައިލް ރަޝިޔާ އިން ބޭނުންކުރިތާ ދެތިން ދުވަސް ފަހުންނެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ބޭނުންކުރި ކަމަށް ރަޝިޔާ އިން އެއްބަސްވުމުން ވެސް، އެމެރިކާ އިން އެކަމަށް މާ ބޮޑު ރައްދެއް ނުދެ އެވެ. އެމެރިކާ އިން ބުނެފައިވަނީ، އެފަދަ މިސައިލެއް ބޭނުންކުރުމުގެ މާ ބޮޑު ބޭނުމެއް ނުފެންނަ ކަމަށާއި، އަދި އެފަދަ މިސައިލް ބޭނުންކުރަން ފެށިޔަސް، ހަނގުރާމައިގެ ވައްޓާފާޅި އަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުފެންނަ ކަމަށެވެ.

ރަޝިޔާގައި އުފައްދާފައިވާ ކިންޒަލް މިސައިލަކީ ވެސް، މަތިންދާބޯޓުން ފޮނުވައިލާ ގޮތަށް އުފައްދާފައިވާ، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ.