Roadha Mihaaru
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ

ރަޝިޔާގެ ޖާސޫސީ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ

02 މެއި 2022

ރަޝިޔާގެ ޖާސޫސީ އަސްކަރީ މަތިންދާބޯޓުތައް ޑެންމާކް އާއި ސްވިޑްންގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ މައްސަލަ ބޮޑުވެ، އެ ދެ ގައުމުގައި ތިއްބަވާ ރަޝިޔާގެ ސަފީރުން އެ ދެ ގައުމުގެ ޚާރިޖިއްޔާ އަށް އިއްޔެ ހާޒިރުކޮށް، އެކަމާ ދެކޮޅު ހެދުން ފާޅުކޮށްފި އެވެ.

ރަޝިޔާގެ ޖާސޫސީ އަސްކަރީ މަތިންދާބޯޓުތައް ޑެންމާކް އާއި ސްވިޑްންގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ މައްސަލަ ބޮޑުވެ، އެ ދެ ގައުމުގައި ތިއްބަވާ ރަޝިޔާގެ ސަފީރުން އެ ދެ ގައުމުގެ ޚާރިޖިއްޔާ އަށް އިއްޔެ ހާޒިރުކޮށް، އެކަމާ ދެކޮޅު ހެދުން ފާޅުކޮށްފި އެވެ.

ޑެންމާކް އާއި ސްވިޑްން އިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް ޖާސޫސް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވަނީ ބޯލްޓިކް ކަނޑުގައި އޮންނަ ޑެންމާކްގެ ޖަޒީރާއެއް ކަމަށްވާ ބޯންހޯލްމްގެ ވައިގެ ސަރަހައްދު ތެރެއަށެވެ. އޭގެ ފަހުން ސްވިޑްންގެ ވައިގެ ސަރަހައްދަށް ވެސް، ރަޝިޔާގެ މަތިންދާބޯޓުތައް ވަންކަމަށް އެ ދެ ގައުމުން ބުނެ އެވެ.

ޑެންމާކްގެ ހާރިޖީ ވަޒީރު ޔެޕް ކޮފޯޑް ވިދާޅުވި ގޮތުގައި އެ ގައުމުގައި ހުންނަވާ ރަޝިޔާގެ ސަފީރު އިއްޔެ ވަނީ ޑެންމާގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، ރަޝިޔާގެ މި އަމަލު ކުށްވެރިކޮށްފަ އެވެ. އަދި އެ އަމަލަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ރަޝިޔާގެ ސަފީރަށް ދަންނަވާފައިވާނެ ކަމަށް ވެސް، ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ރަޝިޔާގެ އަސްކަރީ ޖާސޫސީ ހަތަރު މަތިންދާބޯޓެއް ޑެންމާކްގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެފައިވެ އެވެ. އަދި މިހާރު ޔޫކްރޭންގައި ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ރަޝިޔާގެ މަތިންދާބޯޓުތަކުގެ މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްވިޑްންގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި، އެ ގައުމުގައި ހުންނަވާ ރަޝިޔާގެ ސަފީރު ވެސް ވަރަށް އަވަހަށް ޚާރިޖިއްޔާ އަށް ހާޒިރުކުރާނެ އެވެ. ސްވިޑްންގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ އޭއެން-30 މަރުކާގެ މަތިންދާބޯޓެއް މިދިޔަ ހުކުރު ދުވަހު ސްވިޑްންގެ ވައިގެ ސަރަހައްދަށް ވަނުމުން އެ ބޯޓުގެ ހަރަކާތްތައް، ސްވިޑްންގެ އަސްކަރިއްޔާ އިން ދިޔައީ ބަލަމުންނެވެ. އަދި އެ ހަރަކާތްތައް ރެކޯޑްކޮށްފައި އެބަހުރި ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.

ޑެންމާކްގެ ޑިފެންސް ކޮމާންޑުން ބުނި ގޮތުގައި ރަޝިޔާގެ ޖާސޫސީ މަތިންދާބޯޓު ޑެންމާކްގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމާއެކު، މާ ގިނަ އިރުތަކެއް ނުވަނީސް، ޑެންމާކްގެ ވައިގެ ސިފައިންގެ އެފް-16 މަރުކާގެ ދެ މަތިންދާބޯޓުން ވަނީ، ރަޝިޔާގެ މަތިންދާބޯޓަށް ހުރަސްއަޅައިފަ އެވެ. އެހެންކަމުން ރަޝިޔާގެ މަތިންދާބޯޓު، ޑެންމާކްގެ ވައިގެ ސަރަހައްދުގައި ހޭދަވީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް ވެސް ޑިފެންސް ކޮމާންޑުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އޮތުމަށް، މީގެ ކުރިން އިސްކަން ދިން ނޯޑިކް ގައުމުތައް ކަމަށްވާ ސްވިޑްން އާއި ފިންލޭންޑް ފަދަ ގައުމުތައް މިހާރު ބޮޑަށް ބުރަވަނީ ނޭޓޯއާ ގުޅުމަށެވެ. އެ ދެ ގައުމު ވެސް ނޭޓޯއާ ގުޅުމަށް، މި މަހުގެ މެދުތެރޭގައި ރަސްމީކޮށް ހުށަހަޅާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެކަމަށް ބާރުއަޅައި ހިތްވަރު ދެމުން އަންނަ އިރު، ރަޝިޔާ އިން އަންނަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.