Roadha Mihaaru
ނޭޓޯގެ ބިރުދެއްކުން ހުއްޓާލީމަ ހަނގުރާމަ ހުއްޓާނަން

ނޭޓޯގެ ބިރުދެއްކުން ހުއްޓާލީމަ ހަނގުރާމަ ހުއްޓާނަން

21 އެޕްރީލް 2022

އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ ނޭޓޯ އިން، ޔޫކްރޭންގެ ސަރަހައްދު ބޭނުންކޮށްގެން ރަޝިޔާ އަށް ބިރުދެއްކުން ހުއްޓައިލުމުން، ޔޫކްރޭނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލާނެ ކަމަށް، ރަޝިޔާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ ނޭޓޯ އިން، ޔޫކްރޭންގެ ސަރަހައްދު ބޭނުންކޮށްގެން ރަޝިޔާ އަށް ބިރުދެއްކުން ހުއްޓައިލުމުން، ޔޫކްރޭނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލާނެ ކަމަށް، ރަޝިޔާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލެއް ކަމަށްވާ އެލެކްސީ ޕޮލިޝްޗުކް ވިދާޅުވީ ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ޚާއްސަ ހަރަކާތްތައް، އޭގެ މަގްސަދު ހާސިލްވިހާ އަވަހަކަށް ހުއްޓައިލާނެ ކަމަށެވެ. އޭގެ ތެރެއިން އެއް މަގްސަދަކީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގައި ދިރިއުޅޭ، ސުލްހަ އަށް ލޯބިކުރާ ރައްޔިތުން ހިމާޔަތް ކުރުމެވެ.

އޭގެ އިތުރުން ޔޫކްރޭންގެ އަސްކަރީ ގާބިލްކަން ނައްތައިލުމާއި، ޔޫކްރޭނުން ނާޒީ އުސޫލުތައް ނައްތައިލުމަކީ ވެސް، މިހާރު ފަށާފައިވާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ ވަރަށް މުހިންމު މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެފަދައިން ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ވެރިވެގަނެގެން ތިބުމުގެ ސަބަބުން ޔޫކްރޭންގެ ސަރަހައްދުގެ ތެރެއިން ރަޝިޔާ އަށް ކުރިމަތިވާ ނުރައްކާތައް ނައްތައިލުމަކީ ވެސް، ވަރަށް މުހިންމު މަގްސަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޔޫކްރޭންގެ ތެރެއިން ރަޝިޔާ އަށް ނުރައްކާތައް ކުރިމަތިވަނީ ކިހިނެއް ކަމެއް، އަދި އެއީ ކޮން ކަހަލަ ނުރައްކާތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ކުރިއަށް ދަނީ ކުރިން ވެސް ރާވާފައިވާ ގޮތަށް ކަމަށާއި، އޭގެ މަގްސަދުތައް ފުރިހަމަ އަށް ހާސިލްވަމުން އަންނަ ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. އަންނަ އާދީއްތަ ދުވަހަށް ދެ މަސް ފުރޭ އިރު، ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭންގެ އެތައް ހާސް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އޭގެ އިތުރުން ފަސް މިލިއަނެއްހާ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފަ އެވެ.