Roadha Mihaaru
ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް

ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް

27 މާޗް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި، ޔޫކްރޭންގެ ހުޅަނގު ސަހަރެއް ކަމަށްވާ ލެވީވް އަށް ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި، ޔޫކްރޭންގެ ހުޅަނގު ސަހަރެއް ކަމަށްވާ ލެވީވް އަށް ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފި އެވެ.

ޔޫކްރޭން އާއި ޕޮލެންޑް ގުޅޭ ސަރަހައްދާ ކައިރީގައި އޮންނަ ލެވީވް އަށް ރަޝިޔާ ސިފައިން އިއްޔެ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް މިދިނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ޕޮލެންޑަށް އިއްޔެ ވަޑައިގެން އެ ގައުމުގައި ތިބި ޔޫކްރޭންގެ ރެފިއުޖީންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. ލެވީވްއަކީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ހަނގުރާމަ ހިނގާ ސަހަރުތައް ދޫކޮށް ނުކުތް ގިނަ އަދަދެއްގެ ބަޔަކު މިހާރު ތިބި ސަހަރު ވެސްމެ އެވެ.

ލެވީވްގެ ގަވަރުނަރު މަކްސީމް ކޮޒީޓްސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ފޮނުވައިލި ރޮކެޓްތަކެއް އެންމެ ފުރަތަމަ އަމާޒުވީ ލެވީވްގެ އިރުމަތީ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނަކަށެވެ. އެ ހަމަލާގައި ފަސް މީހަކު ޒަހަމްވި އެވެ. އޭގެ އިރުގަނޑެއް ފަހުން، އަސްކަރީ ސާމާނު އުފައްދާ ކާރުހާނައަކަށް ދެ ރޮކެޓް ހަމަލާ އަމާޒުވި އެވެ.

އެ ސަހަރުގެ މޭޔަރު އަންޑްރީ ސަޑޮވީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ތެޔޮ ރައްކާކުރާ ގުދަނަށާއި އަސްކަރީ ސާމާނު އުފައްދާ ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ގެއްލުން ލިބުނު ނަމަވެސް، މީހުން ދިރިއުޅޭ އެއްވެސް އިމާރާތަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އެ ހަމަލާތަކަކީ، އެ ވަގުތު ޕޮލެންޑްގައި ހުންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ދެއްވި އިންޒާރެކެވެ. ޕޮލެންޑްގެ ސަރަހައްދީ ރޮނގާ އެންމެ 60 ކިލޯމީޓަރު ދުރުގައި އޮންނަ ލެވީވްއަކީ، ޔޫކްރޭން ދޫކޮށް ވިލާތުގެ ގައުމުތަކަށް ދާ ރެފިއުޖީން އެ ގައުމުން ބޭރުވުމުގައި ވަރަށް މުހިންމު ސަހަރެކެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް، ޔޫކްރޭންގެ މައި ސަހަރުތައް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަސައްކަތް ކާމިބެއް ނުވެ އެވެ. އޭގެ ބަދަލުގައި ޔޫކްރޭނުން މަރުވާ އާންމުންނާއި ސިފައިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މަރުވާ ރަޝިޔާ ސިފައިންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ.

އޭގެ އިތުރުން ރަޝިޔާ ސިފައިންގެ އަސްކަރީ އުޅަނދުތަކަށް ލިބޭ ގެއްލުންތައް ވެސް ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ. ޔޫކްރޭންގެ އެކި ސަރަހައްދުތަކުން 3.8 މިލިއަނަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފައިވާ އިރު، އެންމެ ގިނަ ބަޔަކު ދިޔައީ ހުޅަނގުން އިންވެގެން އޮތް ޕޮލޭންޑަށެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި، ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތްތަކުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފަ އެވެ. އެ ފިޔަވަހީގެ އަމާޒަކީ ޔޫކްރޭންގެ އަސްކަރީ ގާބިލްކަން ނައްތައިލުން ކަމަށާއި އެކަން ކާމިޔާބުވެފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

އެއަށް ފަހު، މި ހަރަކާތުގެ ދެ ވަނަ ފިޔަވަހީގެ އަމާޒަކީ ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުން މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތެވެ. އެ ގޮތުން އެ ދެ ޖުމްހޫރިއްޔާގައި ތިބި ހަނގުރާމަވެރިންނަށް މަދަދު ފޯރުކޮށްދީ އެ ހަނގުރާމަވެރިންގެ ބާރު ގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.