Roadha Mihaaru
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި

ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި

21 މެއި 2023

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ތަނެއް ހިފުމަށް އެންމެ ވަރުގަދަ އަށް ހަނގުރާމަކުރި ބަޚްމުތު، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެވުމާއެކު، އެ ހަނގުރާމައިގައި ބައިވެރިވި ސިފައިންނަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ތަނެއް ހިފުމަށް އެންމެ ވަރުގަދަ އަށް ހަނގުރާމަކުރި ބަޚްމުތު، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެވުމާއެކު، އެ ހަނގުރާމައިގައި ބައިވެރިވި ސިފައިންނަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ބަޚްމުތު ގެނެވުނުކަން އެ ގައުމުން މިއަދު އިއުލާންކުރި އިރު، ޔޫކްރޭން ސިފައިން އިއްޔެ ވެސް ބުނަމުން ދިޔައީ، އެ ސަރަހައްދުގައި ވަރަށް ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދި ރަޝިޔާ ސިފައިން ކުރިއެރުން ހުއްޓުވާފައިވާ ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.

"ވަގްނާގެ ހަނގުރާމަވެރި ފައުޖުން ދިން ވަރުގަދަ ހަމަލާތަކުގެ އަދި ރަޝިޔާ ސިފައިންގެ ދެކުނު ލަޝްކަރުން ދިން ވަރުގަދަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، އާޓެމޮވްސްކް މިނިވަންކުރުމަށް ކުރި މަސައްކަތް މިއަދު ފުރިހަމަ ކުރެވިއްޖެ،" ބަޚްމުތު ސަރަހައްދަށް ކުރީގެ ސޮވިއެޓް ޔޫނިއަންގައި ބޭނުންކުރި ނަން ހިމަނައިގެން، ރަޝިޔާގެ ދިފާއީ ވުޒާރާ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން ބަޚްމުތު ހިފުމަށް ހަނގުރާމަކުރި ވަގްނާ ގުރޫޕްގެ ހަނގުރާމަވެރިންނާއި އެމީހުންނަށް މަދަދު ފޯރުކޮށްދިން ރަޝިޔާ ސިފައިންގެ ޔުނިޓްތަކަށް ރައީސް ލަޑިމިއާ ޕުޓިން ވަނީ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި އެ ސަހަރު ހިފުމަށް ހަނގުރާމަކުރި ހުރިހާ ސިފައިންނަށް ރަޝިޔާ ސަރުކާރުން އެވޯޑް ދޭނެ ކަމަށް ރައީސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ.

ވަގްނާ ގުރޫޕްގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ބުނި ގޮތުގައި އޭނާގެ ލަޝްކަރުން ބަޚްމުތު ހިފީ އިއްޔެ މެންދުރެއްހާ އިރެވެ. އަދި އެ ސަރަހައްދު ރަޝިޔާ ސިފައިންނާ ހަވާލުކުރުމުގެ ކުރިން، މުޅި ސަހަރު ބަލައި ފާސްކޮށް ޔޫކްރޭން ސިފައިން ހުސްވެފައިވާ ކަން ޔަގީންކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ނިންމައި، ބަޚްމުތުގެ ވަށައިގެން ދިފާއީ ފިޔަވަޅުތައް އެޅުމަށް ފަހު، ރަޝިޔާ ސިފައިންނާ ބަޚްމުތު ހަވާލުކުރުމަށް ވެގްނާ ގުރޫޕުން ވަނީ ނިންމައިފަ އެވެ.

ބަޚްމުތު ހިފުމާއެކު، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދާއި ޑޮނެޓްސްކް ސަރަހައްދު، ރަޝިޔާ ސިފައިންގ ފުރިހަމަ ބާރުގެ ދަށަށް ދިޔައީ އެވެ. އަދި ޔޫކްރޭންގެ އިރުމަތީ ސަރަހައްދު މުޅިން ޔޫކްރޭނާ ވަކިވީ އެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ހަނގުރާމަ ހިނގި އެއް ސަރަހައްދަކީ ބަޚްމުތު އެވެ. އެ ސަރަހައްދު ހިފުމަށް ކުރި ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ކުރި ނުލިބުމުން، ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕު، މިދިޔަ އަހަރުގެ މެދަކާ ހަމައިން ފެށިގެން، އެ ސަރަހައްދަށް ފޮނުވި އެވެ.