Roadha Mihaaru
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ

ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ

08 ނޮވެމްބަރ 2022

ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ނުރައްކާ ކުޑަކުރުމުގެ އުންމީދުގައި، ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމުގެ ދޮރުތައް އެމެރިކާ އިން ހުޅުވާފައިވާ ކަމަށާއި އެކަން ކުރަމުން އަންނަ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ނުރައްކާ ކުޑަކުރުމުގެ އުންމީދުގައި، ރަޝިޔާއާ އެކުގައި މަޝްވަރާ ކުރުމުގެ ދޮރުތައް އެމެރިކާ އިން ހުޅުވާފައިވާ ކަމަށާއި އެކަން ކުރަމުން އަންނަ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު އެންމެ މަތީ ފަންތީގައި ވެސް މަޝްވަރާތައް ކުރެވެ އެވެ. ބޭނުމަކީ ދެ ފަރާތުގެ މެދުގައި އޮޅުންބޮޅުންތަކެއް އުފެދުނަ ނުދިނުމާއި ނުރައްކަލަކަށް މަގު ފަހިވިޔަ ނުދިނުމެވެ.

"ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުން ކުރިމަތިވެދާނެ ކަންކަމާއި އެނޫން ކަންކަމުން ވެސް އުފެދިދާނެ އެންމެހައި ނުރައްކާތަކުން ދުރުހެލިވުމާ ގުޅޭ ގޮތުން އެމެރިކާ ދެކޭ ގޮތާއި ގެންގުޅޭ ސިޔާސަތާ މެދު އެމެރިކާ އާއި ރަޝިޔާއާ ދެމެދު އޮތީ ވަރަށް ރަނގަޅު ދެނެގަތުމެއް،" ސުލީވާން ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެމެދު ސީދާ ބައްދަލުވުމެއް ނުވަތަ ފޯނު މަޝްވަރާތަކެއް ނުބޭއްވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުލީވާން ވިދާޅުވި ގޮތުގައި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުން ނުކުމެދާނެ ނަތީޖާތަކާ މެދު މަޝްވަރާކުރުމުގެ ގޮތުން، މިދިޔަ މަސްތަކުގައި އޭނާ ވަނީ ރަޝިޔާގެ ރައީސް ޕުޓިންގެ އިސް އެހީތެރިޔާ ޔޫރީ ޔުޝަކޯވް އާއި ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ނިކޮލާއި ޕެޓްރުޝޭވްއާ އެކުގައި މަޝްވަރާތަކެއް ބާއްވައިފަ އެވެ.

ނަމަވެސް އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ދެކޮޅު ހެދި އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖިއާ-ޕިއޭރް ވިދާޅުވީ ރަޝިޔާއާ އެކުގައި މަޝްވަރާ ކުރި ނަމަވެސް، ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަޝިޔާ ދެމިއޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އިން ރަޝިޔާއާ އެކުގައި މަޝްވަރާ ކުރަމުން އަންނަނީ، ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުންނާއި އެމެރިކާ އާއި ރަޝިޔާގެ ގުޅުމާ ބެހޭ ގޮތުން އެކަންޏެވެ. އޭގެ އިތުރުން އެމެރިކާ އިން ދަމަހައްޓަމުން އަންނަ ސިޔާސަތަކީ، ޔޫކްރޭންގެ މައްސަލައާ ބެހޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއް ވެސް ޔޫކްރޭންގެ ބައިވެރިވުމާ އެކުގައި ނިންމުމެވެ.

ވައިޓް ހައުސް އިން ބުނި ގޮތުގައި މި މަހުގެ 15-16 އަށް އިންޑޮނީޝިޔާގެ ބާލީގައި ބާއްވާ ޖީ20ގެ މަހާސިންތާގައި، ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލުކުރެއްވުމުގެ ވިސްނުމެއް ރައީސް ބައިޑެން ނުގެންގުޅުއްވަ އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖިއާ-ޕިއޭރް ވިދާޅުވީ ޖީ20ގެ މަހާސިންތާގައި ރަޝިޔާ އަށް ބައިވެރިވެވޭ ކަމަށް ވަންޏާ، ޔޫކްރޭނަށް ވެސް ބައިވެރިވެވެންޖެހޭނެ ކަމަށެވެ.

ނަމަވެސް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިޔާގެ ރައީސް ޕުޓިން ބައިވެރިވެވަޑައިގަންނަވާ ނަމަ، އޭނާ އެ މަހާސިންތާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

މިއަހަރުގެ ޖީ20ގެ މަހާސިންތާ ބާއްވާ އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިދޯދޯ މިއަދު ވިދާޅުވީ މިފަހަރުގެ މަހާސިންތާގައި، ރައީސް ޕުޓިން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެއްވޭ ކަމަށެވެ. ރަޝިޔާ އަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ހިޔަނި، މަހާސިންތާއަށް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.